އދ. އިސްލާހުކުރަން ރާއްޖެއިން ގޮވާލައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: އދ. ގެ ބައެއް ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައި -- ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

ޒަމާނަށް ފެތޭނެހެން އދ. ގެ ބައެއް ކަންކަން އިސްލާހު ކުރަން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު އެގޮތަށް ގޮވާލެއްވީ އދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާއްމު ބަހުސްގައި މިއަދު ބައިވެރިވެވަޑައިގަތް ދެއްވި ވީޑިއޯ ހިތާބެއްގަ އެވެ.

ޒަމާނަށް ފެތޭނެހެން އދ. ގެ ބައެއް ކަންކަން އިސްލާހުކުރަން ޖެހޭކަން ގަބޫލުކުރެއްވި ނަމަވެސް، އދ. އަކީ އުފެދުނީއްސުރެ މިއަދާ ހަމައަށް ބައިނަލްއަގުވާމީ މަސްރަޙުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންދާ ޖަމިއްޔާއެއްކަމުގައި ފޮރިން މިނިސްޓަރު ޝާހިދުގެ ހިތޯބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

"އދ. އަކީ މުޅި އިންސާނިއްޔަތަށް ލިބިގެންދިޔަ އުންމީދެއް" ކަމުގައި ސިފަކުރައްވައި، ދިވެހިރާއްޖޭގެ ފަރާތުން އެޖަމިއްޔާއަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެމުންގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދު ވަނީ ދެއްވާފަ އެވެ.

އދ. ގެ ޗާޓަރުގައިވާ މަލްޓިލެޓްރަލިޒްމް ގެ އުސޫލުތަކަށް ރާއްޖެއިން ތާއީދުކުރާކަން ފާހަގަ ކުރައްވާ، މިނިސްޓަރު ޝާހިދު ވިދާޅުވީ މީގެ 55 އަހަރުކުރިން އދ. ގެ ތަޅުމުގައި ރާއްޖެ އިން ފުރަތަމަ ފަހަރަށް އިއްވި ހިތާބުގެ ހަނދާން، މިނިސްޓަރު ޝާހިދު ވަނީ އާކުރެއްވި އެވެ.

އެގޮތުން ފަހުގެ ތާރީހެއްގައި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާކަމުގައިވާ ކޮވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއިން ތަހައްމަލުކުރަމުގެންދާ މިދަނޑިވަޅުގައި، މަލްޓިލެޓްރަލިޒްމްގެ ރޫހު އާލާކޮށް ދިރުވުމަށްޓަކައި ބައިނަލްއަގުވާމީ ފަރާތްތަކުން އެއްބައިވަންތަކަން އިސްކުރުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

މި ސަރުކާރުން އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވަމުން، ފަލަސްތީނާއި ރޮހިންޔާގެ މުސްލިމުންގެ ހައްގުގައި މިނިސްޓަރު ވަނީ ވަކާލާތުކުރެއްވާފަ އެވެ. އަދި ކުރިއަރަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން އިންސާނީ ހައްގުތަކަށް އިހްތިރާމުކުރާ ސަގާފަތެއް އަށަގެންނެވުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ތެރެއިން ލިބިފައިވާ ހާއްސަ ތަޖުރިބާ ދުނިޔޭގެ އެހެން ގައުމުތަކާ ހިއްސާކުރުމަށް ތައްޔާރަށް ތިބިކަން ހާމަކުރެއްވި އެވެ.

މިބަހުސްގައި އިތުރަށް ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ޕްލާސްޓިކުގެ މާއްދާތައް ހިމެނޭ ބާވަތްތަކުގެ ކުނިން ކަނޑުތައް ތަޣައްޔަރުވުމުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން މި ނުރައްކާތެރި މައްސަލަތަކަށް ހައްލު ހޯދަމަށް ޕެރިސް މުއާހަދާ ތަންފީޒުކުރުމަށާއި 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ މުހިއްމުކަން އެމަނިކުފާނުވަނީ ފާހަގަކުރައްވާފަ އެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުން ލިބެމުންދާ އިބުރަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ބައިނަލްއަގުވާމީ ނިޒާމުގެ ތެރޭގައިވާ ފަރަގުތަކާ މެދު ކަންބޮޑުވާ ކަމަށެވެ.

comment ކޮމެންޓް