ލަންކާގައި އާ އިންޓަނޭޝަނަލް އެއާލައިނެއް، އަންނަ ފެބްރުއަރީގައި ދަތުރު ފަށަނީ

ސްރީލަންކާގައި އާ އިންޓަނޭޝަނަލް އެއާލައިނެއް އުފައްދާ، އަންނަ ފެބްރުއަރީގައި އިންޓަނޭޝަނަލް ކޮމާޝަލް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެ ވެ.

"ސްޕާކް އެއާ ލިމިޓެޑް" ގެ މައި ހަބުގެ ގޮތުގައި ކަނޑައަޅާފައިވަނީ މަޓަލަ އިންޓަނޭޝަނަލް އެއާޕޯޓެވެ. މިވަގުތު ކޮވިޑް19ގެ ހާލަތާ ގުޅިގެން އެ އެއާލައިނުން ނިންމާފައި ވަނީ އޭ330 ގެ ދެ ބޯޓުގައި ކާގޯ ދަތުުރުތައް ކުރުމަށެވެ. ނަމަވެސް ހާލަތު ރަނގަޅުވަމުންދާ މިންވަރަށް ބަލައި ޕެސެންޖާ ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޕާކް އެއާގެ ހެޑް އޮފް ސޭފްޓީ މެނޭޖުމެންޓް ސިސްޓަމްސް، ކެޕްޓަން އުދިތާ ޑަވާންޓެ ވިދާޅުވީ އާ އެއާލައިނެއް އުފައްދާ ދަތުރުތައް ފަށަން ނިންމީ ގައުމުގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި ހަރުދަނާ ކުރުމަށް ކަމަށެވެ. މި އެއާލައިނުގެ ކަންތަކުގައި އިސްކޮށް އުޅެނީ ކުރިން ސްރީލަންކަން އެއާލައިނުގައި މަސައްކަތްކުރި ސީނިއާ ކެޕްޓަނުންގެ އިތުރުން އެއާ ފޯސްގައި މަސައްކަތްކުރި ބޭފުޅުންނާއި ލަންކާ އަށް ނިސްބަތްވާ މީގެ ކުރިން އިންޓަނޭޝަނަލް އެއާލައިންތަކުގައި މަސައްކަތްކޮށްފައިވާ ޕައިލެޓުންނެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސްޕާކް އެއާއަށް އިންޓަނޭޝަނަލް ޝެޑިއުލް ދަތުރުތަކާ ޗާޓާޑް ދަތުުރުތައް ފެށުމަށް ހުއްދަ ދީފަ އެވެ.

މިވަގުތު ސްޕާކް އެއާ އިން ކާގޯ ދަތުރުގެ އިތުރުން އެމްއާރުއޯގެ ހިދުމަތް ވެސް ދޭނެ އެވެ. ޑިސެމްބަރުން ފެށިގެން އެ އެއާލައިނުގައި 2،000 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

"ލަންކާގެ އާ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ އޭވިިއޭޝަން ދާއިރާ ތަރައްގީ ކޮށް ފުޅާ ކުރުމަށް. ގްރައުންޑް ހޭންޑްލިން އާއި ޕާކިން ޗާޖު ކުޑަކުރުމަކީ އާ އެއާލައިނުތަކަށް ލިބޭނެ ފަސޭހައެއް. ޑިރެކްޓާ ޖެނެރަލް އޮފް އޭވިއޭޝަންގެ ފަރާތުންވެސް ލިބިފައިވަނީ ވަރަށް ޕޮޒިޓިވް ވާހަކަތަކެއް. އެންމެ ފުރަތަމަ މި ފަށަނީ ދެ އެއާ ކްރާފްޓާއެކު މަޑުމަޑުން ފްލީޓް ފުޅާކުރާނަން،" ކެޕްޓަން އުދިތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލަންކާގައި އޮތީ ސްރީލަންކަން އެއާލައިން ކަމަށާއި އެހެންކަމުން އެގައުމުގެ އޭވިއޭޝަން ދާއިރާގެ ތަރައްގީ އަށް އިތުރު އެއާލައިންތައް ބޭނުންވާ ކަމަށެވެ.

"ސްރީލަންކަން އެއާލައިންސް އެކަނި މިއޮތީ. އެއީ 7،000 ސްޓާފުންނާ 26 އެއާކްރާފްޓު. ކިހިނެއްތޯ ހިދުމަތް ފުޅާކުރާނީ؟ ނޫނީ ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭނީ. އެއާ އޭޝިއާގައި 110 ފްލައިޓާއެކު 2،500 ސްޓާފުން. ސްރީލަންކަން އިން ކިހިނެއްތޯ ފައިދާ ނެރޭނީ؟ ކިހިނެއް ފައިދާ ވާނީ. މެނޭޖުމެންޓުގެ ފެއިލިޔާ އެކޭވެސް ބުނެވިދާނެ،" ލަންކާގެ ގައުމީ އެއާލައިނުގެ މެނޭޖުމެންޓަށް ފާޑުވިދާޅުވެ، ކެޕްޓަން އުދިތާ ފާހަގަ ކުރެއްވި އެވެ.

އޭނާ މިސާލަކަށް އިތުރަށް ނެންގެވީ ގަތަރު އެއާލައިނުން ކޮލަމްބޯ އާއި ދޯހާ އާއި ދެމެދު ހަފްތާ އަކު ފަސްދުވަހު ބާއްވާ ފްލައިޓުތަކެވެ. ލަންކާގެ ފަސިންޖަރުންނަށް ގަތަރު އެއާލައިންސް އިން ހިދުމަތްދޭއިރު ލަންކާގެ އެއާލައިނަށް އެ ހިދުމަތް ނުދެވެނީ ކީއްވެތޯ އާއި ގައުމަށް ވެއްދޭނެ ލާރި އެހެން ގައުމަކަށް ދޫކޮށްލަނީ ކީއްވެތޯވެސް ސުވާލު އުފެއްދެވި އެވެ.

"އެއާ އޭޝިއާ އިން ބޭނުންވި ކޮލަމްބޯ އަކީ އެމީހުންގެ ހަބަކަށް ހަދަން. ކުރީގެ ސަރުކާރާއެކު މަޝްވަރާ ވެސް ކުރި. ގައުމުގެ ސިޔާސީ މަސްރަހު އޮތްގޮތުން ކަމަށް ބެލެވެނީ އެކަން ނުވެ އޮތީ" ކެޕްޓަން އުދިތާ ވިދާޅުވި އެވެ.

ސްޕާކް އެއާ އިން ލަންކާގެ އެތެރޭގެ ދަތުރުތައް ފަށަން އަދި ރާވައިފައެއް ނެތެވެ. ކެޕްޓަން އުދިތާ ވިދާޅުވީ މިއީ އޭވިއޭޝަން ދާއިރާގައި އިންވެސްޓު ކުރަންވީ އެންމެ ރަނގަޅު ވަގުތު ކަމަށާއި ފްލައިޓު ލިޒްކުރާ ވިޔަފާރިތަކުން އަގުތައް ކުޑަކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް