ރެކޯޑް ލޭބަލް ޕަބްލިކް ކުރުމުން ބީޓީއެސް މެމްބަރުން މަލްޓި މިލިއަނަރުންނަށް

ބީޓީއެސްގެ މެމްބަރުން ---

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކޭޕޮޕް ބޭންޑު ކަމަށްވާ "ބީޓީއެސް"ގެ ރެކޯޑް ލޭބަލް ކަމަށްވާ "ބިގް ހިޓް އެންޓަޓެއިންމެންޓް" ޕަބްލިކް ކުރުމުގެ އެ ބޭންޑުގެ ހުރިހާ މެމްބަރުން މަލްޓި މިލިއަނަރުންނަށް ވާނެ ކަމަށް ލަފާކޮށްފި އެވެ.

އަންނަ މަހުގައި ބިގް ހިޓް ޕަބްލިކް ކުރުމަށްޓަކައި ނިންމާފައިވާ އިރު އެކުންފުނީގެ މާކެޓް ވެލިއުއެއްގެ ގޮތުގައި ދީފައިވަނީ 4.1 ބިލިއަން ޑޮލަރެވެ. އަދި އެ ކުންފުނީގެ ޝެއާތަކުގެ އަގުތައް ވެސް އާންމުކޮށް ޝެއާތަކުގެ ރޭންޖަށްވުރެ ބޮޑުވާނެ ކަމަށް ވަނީ ހާމަވެފަ އެވެ.

އެ ކުންފުނި ޕަބްލިކް ކުރުމާއެކު ބިގް ހިޓްގެ މެނޭޖްމެންޓް ލޭބަލްގެ 40 ޕަސެންޓް އޮތް އެކުންފުނީގެ ފައުންޑަރު ބަންގް ސި-ހިޔުކް ބިލިއަނަރަކަށް ވާނެ އެވެ.

މިދިޔަ އޯގަސްޓު މަހުގައި އޭނާ ވަނީ ބީޓީއެސްގެ ހަތް މެމްބަރުންނަށް ކުންފުނީގެ ޖުމްލަ 68،385 ޝެއާ ދީފަ އެވެ. އެއީ އޭރުގެ އަގަށް ބަލާނަމަ 7.97 މިލިއަން ޑޮލަރެވެ.

ބިގް ހިޓް އިން އާންމުކޮށްފައިވާ ގޮތުގައި އެކުންފުނީގެ 7.13 މިލިއަން އާ ޝެއާ ވިއްކަން ވަނީ ހަމަޖެހިފަ އެވެ. އެ ޝެއާތަކުގެ އަގު އުޅޭނީ 70 ޑޮލަރާއި 88 ޑޮލަރާ ދެމެދުގަ އެވެ. އެ ކުންފުނިން ބުނާ ގޮތުގައި އާ ޝެއާތަކާ އެކު އެ ކުންފުންޏަށް 820.8 މިލިއަން ޑޮލަރު ލިބޭނެ އެވެ.

ބީޓީއެސް އަކީ ބިގް ހިޓް އަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ ބޭންޑެވެ. އެގޮތުން ފާއިތުވި އަހަރުގައި އެކުންފުންޏަށް ލިބުނު އާމްދަނީގެ 97 ޕަސެންޓަކީ ބީޓީއެސްގެ ފަރާތުން ލިބިފައިވާ އާމްދަނީ އެވެ. އަދި މިއަހަރު އެ އަދަދު ހުރީ 88 ޕާސެންޓްގަ އެވެ.

comment ކޮމެންޓް