އެލާޖިކް ވަނީ ކޮންއެއްޗަކަށް؟ ޓްރީ ޓޮޕްގެ ޕެޗް ޓެސްޓުން ބަލައިލެވޭނެ!

އެލާޖީއަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ގިނަ ފަހަރަށް އެލާޖިކް ވަނީ ސީދާ ކޮން އެއްޗަކަށް ކަން ދެނެގަތުމަކީ ވެސް އުނދަގޫ ކަމެކެވެ. އެލާޖީ ބަލިން މުޅިން ސަލާމަތް ނުވެވި ގިނަ ދުވަސްތަކެއް ވަނީ ވެސް މި ސަބަބާ ހުރެ އެވެ.

މިކަމަށް ހައްލެއް ގެނެސް، އެލާޖިކް ވަނީ ކޮން އެއްޗަކަށް ކަން ބެލޭ ޓެސްޓެއް ޓްރީ ޓޮޕް ހޮސްޕިޓަލުންވަނީ މުޅިން އަލަށް ރާއްޖެއަށް ތައާރަފުކޮށްފަ އެވެ.

ޕެޗް ޓެސްޓަކީ އެލާޖިކް ކޮންޓެކްޓް ޑާމަޓައިޓިސް ނުވަތަ ހަމުގައި އެއްޗެއް ޖެހި އެލާޖިކް ވުމުން، އެ އެލާޖިކް ވަނީ ކޮން އެއްޗަކަށް ކަން ބެލުމަށްޓަކައި ހަދާ ޓެސްޓެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަމުގެ ޙާއްސަ ޑޮކްޓަރުންނަށް ދެއްކުމަށްފަހު އެ ޑޮކްޓަރުންގެ ލަފާގެ މަތިން މިޓެސްޓް ހެދުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން، އެންމެ ތުއްތު ކުދިން ފިޔަވައި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް މި ޓެސްޓު ހެދޭނެ އެވެ.

"މި ޓެސްޓު ހެދުމަށް މި ބޭނުންކުރަނީ ސްޓެންޑަޑައިޒްޑް ކެމިކަލްތަކެއް. އެއީ ދުނިޔޭގައި އެންމެގިނަ މީހުންނަށް ކޮންޓެކްޓް އެލާޖިކް ޑާމަޓައިޓިސް ދިމާވާ ކަމަށް ފާހަގަކުރެވިފައިވާ ކެމިކަލްތަކެއް [ބަލިމީހުންނަށް ގެއްލުން ނުވާ ވަރަށް ބާރު ކުޑަކޮށްފައިވާ، އެހެން ނަމަވެސް ނަތީޖާ އަންނަ ކެމިކަލްތަކެއް]." ޕެޗް ޓެސްޓިންއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓެންޓް ޑާމަޓޮލޮޖިސްޓް ޑރ. ފަރުޒީން ނާސިރު ވިދާޅުވި އެވެ.

މި ޓެސްޓު ހެދުމަށް ބޭނުންކުރާ ކެމިކަލްތަކުގެ ތެރޭގައި ސެންޓުގެ ބާވަތްތައް، ރީތިވާން ބޭނުންކުރާ ސާމާނުގައި ހުންނަ ބައެއް ޕްރިޒަވެޓިވްސް، އުނގުޅާ ކްރީމްތަކުގައި ހުންނަ ބައެއް ކެމިކަލް، ރަބަރު، ބޮލުގައި ޖައްސާ ކުލަ އަދި މައުދަންތައް ހިމެނެ އެވެ.

ޑރ. ފަރްޒީން ވިދާޅުވި ގޮތުގައި މި ޓެސްޓުގައި ބޭނުންކުރާ ޕެޗު ބުރަކަށީގައި ތަތްކުރުމަށްފަހު ޕޭޝަންޓް ގެއަށް ވަޑައިގަންނަވާނެއެވެ. އެގޮތުން ގެއަށް ވަޑައިގަންނަވާނީ ގޭގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ޑޮކްޓަރު ދެއްވުމަށްފަހުއެވެ. ރީޑިންގް ނެގުމަށް ހޮސްޕިޓަލަށް ދުރުވާނީ 2 ދުވަސްފަހުން، ނަމަވެސް ބައެއް ޙާލަތުގައި 4 ދުވަސް ފަހުންވެސް ރީޑިންގް ނަގަން ޖެހިދާނެއެވެ.

ރީޑިން ނަގާއިރު ޑޮކްޓަރުން ބަލާނީ އެއްވެސް ކަހަލަ ރިއެކްޝަނެއް އައިސްފައި ހުރިތޯއާއި ރިއެކްޝަން އައީ ކޮން ކެމިކަލްއަކަށް ކަމާއި ރިއެކްޝަން އައީ ކިހާ މިންވަރަކަށް ކަމެވެ.

ރީޑިން ނެގުމަށްފަހު ޓެސްޓުގެ ނަތީޖާއާ ގުޅޭ ރިޕޯޓެއް ތައްޔާރު ކުރާނެ އެވެ. އަދި ބަލިމީހާގެ އެއްވެސް އެލާޖީއެއް ހުރި ނަމަ ބޭސް ދިނުމަށްފަހު ރިޕޯޓަށް ބިނާކޮށް އިތުރު އިރުޝާދު ވެސް ޑޮކްޓަރުން ދެއްވާނެ އެވެ.

އެލާޖިކް ވަނީ ކޮން އެއްޗަކަށް ކަން ދެނެގަނެވުމަކީ އެ އެލާޖީއިން ސަލާމަތްވާން މަގުފަހިވާ ކަމެކެވެ. އަދި މިއީ އެލާޖީ ބަލި މުޅިން ރަނގަޅު ކުރުމަށް ނުވަތަ ކޮންޓްރޯލު ކުރުމަށް ވެސް މަގުފަހިވެގެންދާ ކަމެކެވެ.

ހަމުގެ ހާއްސަ ޑޮކްޓަރަކަށް ދައްކަން ނުވަތަ ޕެޗް ޓެސްޓާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3351610 އަށް ގުޅުމުން އެ މައުލޫމާތު ލިބިލައްވާނެއެވެ.

comment ކޮމެންޓް