ޢަލްމާނީންގެ އަތްދަށުން ޤައުމު ސަލާމަތް ކުރުން

އިސްލާމީ އުއްމަތުގެ ޤިޔާދަތު ނުވަތަ އިސްލާމީ ޚިލާފަތު، ތުރުކީންގެ އަތްމައްޗަށް އެރީ މީލާދީން 1512 އިން ފެށިގެން 1520 އާ ހަމަޔަށް، ޢުޘްމާނީ ތުރުކީންގެ ރަސްކަމުގެ ތަޚްތުގައި ރެނދަލި ކުރެއްވެވި ސުލްޠާން ޔަވޫޒް ސަލީމް އެއްވަނަގެ ދައުރުގައެވެ. ފުރަތަމަ ޢުޘްމާނީ ޚަލީފާޔަކީ އެމަނިކުފާނެވެ. ހަތަރު ވަރަކަށް އަހަރު ފަހުން، 1924 ވަނަ އަހަރުގެ މާރިޗު މަހުގެ 3 ވަނަ ދުވަހު، ތުރުކީގެ ޤައުމީ މަޖިލިސް އަދި ޤާނޫނު ހަދާ މަޖިލިހުން – ތުރްކިޔޭ ބިޔުކް މިއްލެތު މަޖްލިސީ – ނިންމި ނިންމުމަކުން ޚިލާފަތު އުވައިލުމާ ހަމަޔަށް، މުސްލިމް އުއްމަތުގެ ޚަލީފާއިންނަކީ ޢުޘްމާނީ ރަސްރަސްކަލުންނެވެ.

އިބްނު ޚަލްދޫން ވިދާޅުވެފައި ވާ ފަދައިން، ދުނިޔޭގެ ސުންނަތަކީ ކުރި އަރައިދާ ކޮންމެ ޤައުމެއް އަދި ދައުލަތެއް މެ، ކުންނާ ހަމަޔަށް އެރުމަށް ފަހު ބަލިކަށި ވަމުން ނިކަމެތި ވަމުން ގޮސް، އާޚިރުގައި އެ ބައެއްގެ އާރާއިބާރުގެ ދައުރުގައި ނިމުމުގެ ސިއްކަ ޖެހުމެވެ. މި އުޞޫލުން، ޢުޘްމާނީ ޚިލާފަތު ވެސް ވަކި ހިސާބަކުން މޯޅި ވާ އަތަށް އެޅީއެވެ. މީލާދީން 1800 ގެ އަހަރުތަކާ ހަމަޔަށް އައި އިރު، ދުނިޔޭގެ ބޮޑުބާރުތައް ނުވަތަ ބޮޑެތި ދައުލަތްތަކުގެ ތެރެއިން، އެންމެ ނިކަމެތިކޮށް އޮތީ ޢުޘްމާނީ ދައުލަތެވެ. ޔޫރަޕުގައި އެ ދައުލަތަށް އޮތް ލަޤަބަކީ "ޔޫރަޕުގެ ބަލިމީހާ" މި ލަޤަބެވެ. އެއިރު ޔޫރަޕުގެ ބޮޑެތި ބާރުތަކުގެ ގޮތުގައި ތިބީ އިނގިރޭސި ވިލާތާއި، ފަރަންސޭސި ވިލާތާއި، ޖަރުމަނު ވިލާތާއި، ފުރެތިކާލު ވިލާތާއި، އިސްޕޭނު ވިލާތާއި، އިޓަލީ ވިލާތާއި، ލަންދޭސީ ވިލާތް ފަދަ ބާރުތަކެވެ. މިއިން ކޮންމެ ބަޔަކު ވެސް ތިބީ އޭޝިޔާ އާއި ޔޫރަޕާއި އެމެރިކާ ސަރަޙައްދުގެ އެތައް ބިންތަކެއް އިސްތިޢުމާރު ކޮށްގެންނެވެ. ޚާއްޞަކޮށް، އިނގިރޭސީންނާއި ފަރަންސޭސީން ފަދަ ބާރުތަކުގެ ދަށުގައި އިސްލާމީ އެތައް ޤައުމެއް އޮތީ އަޅުވެތި ވެފައެވެ. އެބައިމީހުން ގެންދިޔައީ އޭޝިޔާ އައި އެފްރިކާ އާއި އެމެރިކާގެ އަޞްލު ވަޒަންވެރީންގެ ބިންތަކުގެ ޤުދުރަތީ ވަސީލަތްތައް ފޭރި، އެ ވަސީލަތްތަކުން ވިޔަ ނުވާހައި ބޮޑު އަދި އެތައް ޒަމާނަކަށް ދެމިގެން ދާނޭ ފަދަ ބޮޑު މުއްސަނދިކަން ހޯދައި، އެ މުއްސަނދިކަމުގެ އެހީގައި ޔޫރަޕުގެ ޝަހަރުތަކާއި، ސިނާއަތްތަކާއި، ބޮޑެތި ކުންފުނިތަކާއި، ޔުނިވަރުސިޓީތައް ފަދަ އެންމެހައި އިޖުތިމާޢީ ނިޒާމުތައް ކުރިޔަށް އޮތް އެތައް ޤަރުނަކަށް ޕްލޭން ކޮށްގެން ބިނާ ކުރަމުންނެވެ.

ޒުވާން ތުރުކީންގެ ތަޙްރީކު

މި ކަންކަން މިހެން ހިނގަމުން ދިޔަ އިރު، ޢުޘްމާނީ ތުރުކީންގެ އިސްލާމީ ދައުލަތް އޮތީ ހުރިހައި ގޮތަކުން ނިކަމެތި ވެފައެވެ. މި ނިކަމެތިކަމުގެ ތެރޭގައި، ޢުޘްމާނީންގެ ތެރޭގައި ފެށިގެން އައި އެންމެ ނުރައްކައުތެރި އެއް ޙަރަކާތަކީ "ޜައުން ތުރްކް" ގެ ނަމުގައި ފެށުނު ޙަރަކާތެކެވެ.

"ޜައުން ތުރްކް"ގެ މާނަޔަކީ "ޒުވާން ތުރުކީން" މިއެވެ. ނަމުގައި "ތުރުކީން" އޮތަސް، މި ތަޙުރީކުގެ ތެރޭގައި ހިމެނުނީ ހަމައެކަނި ތުރުކީ ނަސްލުގެ މީހުންނެއް ނޫނެވެ. ޢުޘްމާނީ ދައުލަތުގެ ރައްޔިތުންގެ ގޮތުގައި ތިބި ޢަރަބީންނާއި، ނަޞާރާ ގިރީކުންނާއި، ނަޞާރާ އަރުމީނިޔަނުންނާއި، ޔަހޫދީންގެ އެތައް ބަޔަކު މި ތަޙްރީކުގައި ޝާމިލު ވިއެވެ. އެއުރެންނަކީ އެކިއެކި އެޖެންޑާތަކާއިގެން، އެކިއެކި މަޤްޞަދުތަކާ އެކު، އެއް ވަލެއްގައި ހިފި މީހުންނެވެ. "ޜައުން ތުރްކް" ގެ ސަފުތަކުގައި ތިބި ޞަހްޔޫނީ ޔަހޫދީންގެ އެންމެ މުހިއްމު މަޤްޞަދަކީ، ޢުޘްމާނީ ދައުލަތުގެ ސަރަޙައްދެއްގެ ގޮތުގައި އޮތް ފަލަސްޠީނުގައި ޞަހްޔޫނީ ދައުލަތެއް އުފެއްދުމުގެ މަސައްކަތަށް ތާއީދު ކުރާނޭ އަދި އެކަމަށް އެތެރެއިން މަގުފަހި ކޮށްދޭނޭ ވެރިކަމެއް ޢުޘްމާނީ ޚިލާފަތުގައި ޤާއިމު ކުރުމެވެ. ނަޞާރާ ގިރީކުންނާއި އަރުމީނިޔަނުންގެ ތެރެއިން މި ޙަރަކާތުގައި ޝާމިލު ވި މީހުންގެ މައިގަނޑު މަޤްޞަދަކީ ޢުޘްމާނީ ދައުލަތް ރޫޅައިލުމެވެ. ޢަރަބީން ކުރެ މި ތަޙްރީކުގައި ބައިވެރި ވި ބައެއް މީހުންގެ ހުވަފެނަކީ، ޢުޘްމާނީ ދައުލަތް ހަލާކު ކޮށްލައިގެން، ޢަރަބި ސަރަޙައްދުތަކުގައި ޢަރަބި އަމިއްލަ ދައުލަތްތައް އުފެއްދޭނެ މަގު ފަހި ކުރުމެވެ. ޢަރަބީންނާއި ތުރުކީންގެ ތެރެއިން މި ޙަރަކާތުގައި ބައިވެރި ވެގެން އުޅުނު އެތައް ބަޔަކީ ޔޫރަޕުގެ "ތަންވީރީ" ފިކުރާއި ފަލްސަފާތައް ފެނި، އެއިގެ އަވައިގައި ޖެހި، އިސްލާމް ދީނަކީ މާ ކަޓު، މާ ބޯދާ އެއްޗެއް ކަމަށް ޤަބޫލު ކުރި ބަޔެކެވެ. އެއުރެންގެ އަމާޒަކީ ޢުޘްމާނީ ދައުލަތުގައި ޢަލްމާނިއްޔަތާއި ލާދީނިއްޔަތުގެ ނިޒާމެއް ޤާއިމު ކޮށް، ޢުޘްމާނީންގެ ތެރެއިން އިސްލާމް ދީނުގެ ހުރިހައި ނުފޫޒަކާއި ބާރެއް ކަނޑުވައިލުމާއި، ސިޔާސީ ނިޒާމާއި، ވިޔަފާރި އާއި އިޤްތިޞާދުގެ ނިޒާމާއި، ތަޢުލީމީ ނިޒާމާއި، ޤާނޫނީ ނިޒާމާއި، މީޑިޔާ ފަދަ އެންމެހައި ނިޒާމުތަކެއް ހުޅަނގުގެ އުޞޫލުތަކާ އެއްގޮތަށް ބަދަލު ކުރުމެވެ. ޤައުމީ އަދި އިޖުތިމާޢީ ޙަޔާތުން އިސްލާމް ދީން މުޅީން ދުރަށް ލުމެވެ. މި މީހުންނަކީ ޔޫރަޕުގެ އިސްތިޢުމާރީ ބާރުތަކުގެ މުއްސަނދިކަމާއި، އެމީހުންގެ ބާރާއި، އެމީހުންގެ ތަރައްޤީ ފެނިފައި، އޭގެ ދަޅަތަކުގެ ވިދުވަރަށް ހެއްލުނު މީހުންނެވެ. އަރާ އިރަށް އަޅުކަން ކުރި މީހުންނެވެ. ޔޫރަޕުގެ މުސްތަޝްރިގުން – އޮރިއެންޓަލިސްޓުން – އިސްލާމް ދީނާ ދެކޮޅަށް ކެނޑިނޭޅި ލިޔަމުން ދިޔަ ލިޔުންތަކާއި ފަތުރަމުން ގެންދިޔަ ޕްރޮޕެގެންޑާޔަކީ ތެދު ކަމަށް ގަބޫލު ކުރި މީހުންނެވެ. އެހެންކަމުން، މި މީހުން ދުށް ގޮތުގައި، ތުރުކީއަށް ކުރިއެރުމާއި ތަރައްގީ އޮތީ، އަދި ޔޫރަޕާ އެއް ދަރަޖަޔަކަށް ދެވޭން އޮތް ގޮތަކީ، އިސްލާމް ދީނުގެ "ބުރައިން" ސަލާމަތް ވުމެވެ. "ހަތްވަނަ ޤަރުނުގެ ޢަރަބި ކަރައިގެ އުޞޫލުތަކަށް" ނޫނެކޭ ބުނުމެވެ. އޮޅުމެއް ނެތް ގޮތުގައި، ޜައުން ތުރްކުގެ ތަޙްރީކަށް މަދަދާއި އެހީތެރިކަން ލިބުނީ، އިސްލާމީ ޚިލާފަތު އުވައިލައި، އިސްލާމީ އުއްމަތް މުޅީން ރޫޅައިލައި، މުސްލިމުން ހުރިހައި ގޮތަކުން ކުޑަކަކޫމައްޗަށް ތިރި ކުރުމަށް ޓަކައި އެތައް ޤަރުނަކުއްސުރެ މަސައްކަތް ކުރަމުން އައި ޔޫރަޕުގެ ބޮޑެތި ބާރުތަކުންނެވެ. މައިގަނޑު ގޮތެއްގައި ޖަރުމަނުންނެވެ. ކޮންމެވެސް ވަރަކަށް، އިނގިރޭސި ވިލާތާއި، ފަރަންސޭސި ވިލާތާއި، އިޓަލީ ވިލާތް ފަދަ ތަންތަނުން ވެސްމެއެވެ.

ޜައުން ތުރްކުގެ ޙަރަކާތްތައް ފުޅާ ވެގެން އައީ، ޢުޘްމާނީ ތަޚްތުގައި ރެނދަލި ކުރެއްވި ތިރީހަކަށް ރަސްކަލުންގެ ތެރެއިން، އެންމެ އަމާނާތްތެރި، އެންމެ ޤާބިލު، އިސްލާމް ދީނާއި އިސްލާމީ އުއްމަތް ދެކެ އެންމެ ބޮޑަށް ލޯބި ވެވަޑައިގަތް، މުސްލިމުންނާއި އިސްލާމީ ދުނިޔެއަށް ޓަކައި އިޚްލާޞްތެރިކަމާ އެކު އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރެއްވި، އަދި ޢުޘްމާނީ ރަސްރަސްކަލުން ކުރެ އެންމެ ޤާބިލު އެއް ސުލްޠާން ކަމުގައި ވާ ޢަބްދުލްޙަމީދު ޘާނީގެ ޚިލާފަތުގެ ދުވަސްވަރު، މީލާދީން 1870 އިގެ އަހަރުތަކުގެ ތެރޭގައެވެ. ޜައުން ތުރްކުގެ ޙަރަކާތްތައް އެމަނިކުފާނުގެ ދައުރުގައި ވަރުގަދަ ކުރާން ޖެހުނީ ވެސް، އެމަނިކުފާނަކީ އިސްލާމީ އުއްމަތް އަލުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ދައުރެއް އިފްތިތާޙު ކުރެއްވުމުގެ ޤާބިލުކަން ހުރި ލީޑަރެއް ކަމުގައި ވާތީ، އެމަނިކުފާނުގެ ދުވަސް ދުއްވައިލުމަށް ޓަކައި އެފަދަ ޙަރަކާތެއް ފެށުން ކޮންމެހެން ލާޒިމު ވުމުންނެވެ. ކޮންމެއަކަސް، ޜައުން ތުރްކް ތަޙްރީކާއި، އެއުރެންނަށް މޭޒުމަތީންނާއި މޭޒުދަށުން މަދަދުވެރި ވަމުން ދިޔަ މީހުން، ސުލްޠާން ޢަބްދުލްޙަމީދާ ދެކޮޅަށް ހުރިހައި ހަތިޔާރެއްގެ ބޭނުން ކުރިއެވެ. ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައްޔާއި، އިސްލާމީ އުއްމަތުގައި އެމަނިކުފާނުގެ އަބުރު ކަތިލުމުގެ ޕްރޮޕެގެންޑާ ހިންގިއެވެ. އެމަނިކުފާނު އަވަހާރަ ކޮށްލާން އެތައް ފަހަރެއްގެ މަތީން މަސައްކަތް ކުރިއެވެ. އެމަނިކުފާނުގެ އަރިޔަހުގައި ތިބި އެތައް ބަޔަކަށް ރިޝްވަތު ދީގެން، ޣަދަރުވެރީންގެ ލިސްޓަށް އެއުރެން އަރުވައިގެން، އެއުރެން ލައްވައި އެމަނިކުފާނަށް އެތައް މުޞީބާތަކާއި، އެތައް ތަކުލީފަކާއި، އެތައް ގިލަނެއް ޖެއްސިމެއެވެ.

ޔޫރަޕުގެ ޞަލީބީ ބާރުތަކާއި، އިމެއް މިނެއް ނެތް މުއްސަނދިކަމަކާ އެކު ޔޫރަޕުގައްޔާއި މެދުއިރުމަތީގައި ޙަރަކާތްތެރި ވަމުން އައި ޞަހްޔޫނީންގެ ފުރިހަމަ ތާއީދު "ޜައުން ތުރްކް" ގެ ޚާއިނުންނަށް ލިބެމުން ދިޔަ އިރު، އެއުރެންގެ އެންމެ އިސް ލީޑަރުންގެ ތެރޭގައި ވެސް ޞަހްޔޫނީން ތިއްބެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ މީހަކީ ޢުޘްމާނީ ދައުލަތުގެ ޔަހޫދީ އާބާދީއަށް ނިސްބަތް ވި މުއްސަނދި ބޭންކަރެއް ކަމުގައި ވާ އިމޭނުއެލް ކަރާސޯއެވެ. ޞަލީބީންނާއި ޞަހްޔޫނީންގެ އެހީތެރިކަމާ އެކު، ޜައުން ތުރްކުން، 1908 ގައި "ޜައުން ތުރްކު އިންޤިލާބް" ގެ ނަމުގައި ބަޣާވާތެއް ކޮށް، ޢުޘްމާނީ ދައުލަތުގެ ބާރުވެރިކަން ޚަލީފާ ޢަބްދުލްޙަމީދުގެ އަތްޕުޅުން ފޭރިގަނެ، ޖެހިގެން އައި 1909 ވަނަ އަހަރު އެމަނިކުފާނު ތަޚްތުން ޢަޒުލު ކުރިއެވެ.

މި ޒަމާނުގައި މުސްލިމް ޤައުމުތަކުން ފެންނަނީ ދެވަނަ އެހެން މަންޒަރެއް ނޫނެވެ. މި ދެންނެވި ތާރީޚު ތަކުރާރު ވަމުންދާ މަންޒަރެވެ. ހަމަ އެ މަކަރުވެރި ރޭވުންތަކެވެ. ހަމަ "ޜައުން ތުރްކް" ފަދަ ޣައްދާރުންނެވެ. ހަމަ ލަންޑަނާއި ޕެރިހާއި ބަރްލިނާއި ކޯޕަންހޭގަނާއި އޮޓާވާއިން އަންނަ މަދަދާއި ފައިސާއެވެ. "އެމްޑީއެން" ނުވަތަ "އުތެމަ" ގެ ނަމުގައި އަޅުގަނޑުމެންގެ ތެރޭގައި މި އުޅެނީ ވެސް ހަމަ "ޜައުން ތުރްކް" އެވެ. ދެވަނަ އެހެން އެއްޗެއް ނޫނެވެ. އެމީހުންގެ ރިޕޯޓުތަކަށް ކެނެޑާއިން، ޖަރުމަނުން، އިނގިރޭސި ވިލާތުން، އޮސްޓްރޭލިޔާއިން ފައިސާ ލިބެނީ ކީއްވެގެންކަމާ މެދު އެއްވެސް އޮޅުމެއް އެބައޮތްތޯއެވެ؟ މި ދަންނަވާ ޣަދަރުވެރީން، މުސްލިމް ޤައުމުތަކުގެ "ލަފުގައި ހިފައި" ހުޅަނގުގެ އިސްތިޢުމާރީ ބާރުވެރިކަމުގެ ފައިދޮށަށް ވައްޓައިލާން ކުރާ މަސައްކަތްތަކުގައި އަބަދުވެސް ގޮވަނީ އެއް ގޮވެއްޔެކެވެ. ކިޔަނީ އެއް ލަވައެކެވެ. އިއްވަނީ އެއް ރާގެކެވެ. ދައްކަނީ އެއް ވާހަކައެކެވެ. އާދެ، ޑިމޮކްރަސީ ހަރުދަނާ ކުރާ ވާހަކައެވެ. ޢަދުލުއިންޞާފުގެ ނިޒާމު އިޞްލާޙު ކުރާ ވާހަކައެވެ. އިންސާނީ ޙައްޤުތައް ކުރި އަރުވާ ވާހަކައެވެ. އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކޮށްދޭ ވާހަކައެވެ. މި ހުރިހައި ގޮވެއްޔަކީ ވެސް، އެމީހުންގެ އަޞްލު މަޤްޞަދު ފޮރުވުމަށް ޓަކައި ބޭނުން ކުރާ މަކަރުވެރި މޫނުމައްޗެއްގެ ބައިތަކެވެ. މުސްލިމުން ކުރެ ބުއްދިޔާއި ޢިލްމުގެ ގޮތުން މަދު މީހުންގެ – ޚާއްޞަކޮށް ޒުވާނުންގެ – ހިތްތައް އަތުލައިގަތުމުގެ ގޮތުން ދައްކާހައި ވާހަކަތަކެވެ. "ޜައުން ތުރްކް" ގެ ފަރާތުން ޚަލީފާ ޢަބްދުލްޙަމީދާ ދެކޮޅަށް ކުރި މަސައްކަތުގައި ވެސް ދެއްކީ ހަމަ މި ވާހަކަތަކެވެ. އެމަނިކުފާނުގެ އަގު ވައްޓައިލައި، އިތުބާރު ގެއްލުވައިލުމަށް ޓަކައި ވެސް ލާދީނީން ބޭނުން ކުރީ ހަމަ މި ޕްރޮޕެގެންޑާއެވެ.

ސުލްޠާން ޢަބްދުލްޙަމީދު ޢަޒުލު ކޮށް، ޜައުން ތުރްކްގެ އަތްމައްޗަށް ޢުޘްމާނީ ދައުލަތުގެ ބާރުތައް ގެންދިޔުމަށް ފަހު، ދެން ވީ ކިހިނެއް ކަމަށްތޯއެވެ؟ ޖުމްހޫރިއްޔަތު ހަރުދަނާ ވިތޯއެވެ؟ ރައްޔިތުން ބާރުވެރި ކުރެވުނުތޯއެވެ؟ ރައްޔިތުންގެ ތެރޭގައި ޢިލްމާއި ފިކުރު ވަރުގަދަ ކުރެވުނުތޯއެވެ؟ އަންހެނުން ބާރުވެރި ކުރެވުނުތޯއެވެ؟ ޢަދުލުއިންޞާފުގެ ނިޒާމު ހަރުދަނާ ކުރެވުނުތޯއެވެ؟ ޢުޘްމާނީ ދައުލަތުގެ ވެރިކަމާއި އިޖުތިމާޢީ ނިޒާމު ޒަމާނީ ކުރެވުނުތޯއެވެ؟ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޢުޘްމާނީ ދައުލަތަށް ޤަދަރާއި އިޙުތިރާމު ހޯދުނުތޯއެވެ؟ އިންސާނީ ޙައްޤުތައް ހަރުދަނާ ކުރެވުނުތޯއެވެ؟

ނޫނެކެވެ. މިއިން އެއްވެސް ކަމެއް ނުވިއެވެ.

ދެ މިސާލަކާ އެކު، ދަންނަވާން އޮތް ވާހަކަ ދަންނަވައިލާނަމެވެ. ވެރިކަމަށް އައިސް "ޜައުން ތުރްކް" އަށް ކުރެވުނު ކަމަކީ ހުޅަނގުގެ ފައިދޮށުގައި ބޮސް ދިނުމާއި، އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމެވެ. އެހެން އެއްވެސް ކާމިޔާބެއް އެއްވެސް ކަމެއްގައި ނުހޯދި، އެމީހުންގެ ވެރިކަމުގައި ޢުޘްމާނީ ދައުލަތް ދިޔައީ އިނދަ ޖެހިގެންނެވެ. ސުލްޠާން ޢަބްދުލްޙަމީދު ޚިލާފަތަށް ވަޑައިގެން، ދައުލަތް އަލުން ކޮޅަށް ނެންގެވުމަށް ކުރައްވައިފައި ހުރި ނުހަނު މުހިއްމު ހުރިހައި މަސައްކަތްތަކެއް ވެސް ދިޔައީ ހަލާކު ވެގެންނެވެ. އާޚިރުގައި، މި ލާދީނީ ޢަލްމާނީންގެ ސަބަބުން ޢުޘްމާނީ ދައުލަތް ބޮޑު ބަދުނާމެއްގައި ވެސް ބެދި، ދައުލަތް ރޫޅައިލެވުނީއެވެ. 1914 ވަނަ އަހަރު، ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމުން، "ޜައުން ތުރްކް" ގެ ބޮޑުން ވަގުތުން ނިންމީ ޖަރުމަނު ވިލާތާ އެއްކޮޅަށް ހަނގުރާމައިގެ މައިދާނަށް ފުންމައިލުމަށެވެ. ޢުޘްމާނީންނާ އެއްވެސް ގޮތަކުން ގުޅުމެއް ބެހުމެއް ނެތް މި ހަނގުރާމައިގައި ބައިވެރި ވުމުގެ ސަބަބުން، ޢުޘްމާނީ ޚަޒާނާއިން އިސްރާފު ވެގެން ދިޔައީ ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ފައިސާއެވެ. ގެއްލިގެން ދިޔައީ ތިން މިލިޔަނާ ކައިރި ކުރާ ޢަދަދެއްގެ ފުރާނައެވެ. އެއިގެ ތެރޭގައި ޢުޘްމާނީ ސިފައިންގެ ގާތްގަނޑަކަށް އަށްލައްކަ ޒުވާނުން ހިމެނުނެވެ. މި ބޮޑު ގެއްލުމާ އެކު، ހަނގުރާމަ ނިމުނީ ޢުޘްމާނީން އިނދަ ޖެހި، އެމީހުން ބައިވެރި ވި ކޮޅު ބަލި ވެގެންނެވެ. ޢުޘްމާނީ ދައުލަތް ހަނގުރާމައިގައި ބައިވެރި ވި އިރު، ސުލްޠާން ޢަބްދުލްޙަމީދު ހުންނެވީ އަރުވައިލެވި، ގޭބަންދުގައި، ތެސަލޯނިކީގައެވެ. އެކަމާ ގުޅިގެން އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. "އަހުރެން ޔޫރަޕުގެ ބާރުތައް އެއް ބަޔަކު އަނެއް ބަޔަކާ އަރައިރުން ވާނެ ދުވަހެއްގެ އިންތިޒާރުގައި ސާޅީސް އަހަރު ހުރީމެވެ. މިއަދު އެ ދުވަސް އައި އިރު، އަހުރެން މިއިނީ ތަޚްތުގައެއް ނޫނެވެ." ހަނގުރާމައިގައި ބައިވެރި ނުވެ، ޔޫރަޕުގެ ބާރުތަކުން ޢުޘްމާނީ ދައުލަތް ހަލާކު ކޮށް ނިކަމެތި ކުރުމަށް ކުރަމުން އައި މަސައްކަތްތައް މެދުކެނޑުނު ދުވަސްކޮޅު، ޢުޘްމާނީންނަށް އަލުން ހިން ދެމިލާން ލިބުނު ފުރުޞަތުގެ ބޭނުން ނުކުރެވުނުކަން އެމަނިކުފާނު ނުހަނު ހިތާމަފުޅާއެކު ފާހަގަ ކުރައްވައިފައި ވެއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ! ލާދީނީންނަކީ އިސްލާމީ އެއްވެސް ޤައުމެއްގެ ޙަޤީޤީ މަޞްލަޙަތުތަކާ މެދު، އިސްލާމީ އެއްވެސް ޤައުމެއްގެ މުސްލިމް ރައްޔިތުންނާ މެދު ވިސްނާ ބައެއް ނޫނެވެ. އެއިރުވެސް، އަދި މިހާރުވެސް، މުސްލިމް ޤައުމުތަކުގެ ލާދީނީ ޢަލްމާނީންގެ ވިސްނުމުގައި "އޮބްސެޝަނެއް" ފަދައިން ހުންނަ ހަމައެކަނި ފިކުރަކީ، އެ ޤައުމަކުން އިސްލާމް ދީނުގެ ބާރު ކަނޑުވައިލުމުގެ ފިކުރެވެ. އެކަމަށް ޓަކައި ޤައުމު ބަނޑަށް ޖައްސައި، ރައްޔިތުން ބިކަ ކޮށް، ޤައުމުގެ މިނިވަންކަން ނަގައިލެވޭ ހިސާބަށް ދާން ވެސް އެމީހުން ފަހަކަށް ނުޖެހޭނެއެވެ.

ކޮންމެއަކަސް، 1918 ވަނަ އަހަރު ބޮޑު ހަނގުރާމަ ނިމުނީ ޢުޘްމާނީންނާއި ޖަރުމަނުން ހިމެނުނު ކޮޅު ބަލި ވެގެންނެވެ. ނަތީޖާޔަކީ، ހަނގުރާމަ ހުއްޓުމަށް ވެވުނު އެއްބަސްވުންތަކުގެ ތެރެއިން، ޢުޘްމާނީ ދައުލަތް ރޫޅައިލެވުމެވެ. އިސްލާމީ އުއްމަތް ބައިބައި ކޮށް، ފަޅިފަޅި ކޮށް، އިސްލާމީ ޚިލާފަތު އުވައިލުމަށް ޔޫރަޕުގެ ޞަލީބީންނާއި ޞަހުޔޫނީން އެތައް ޤަރުނަކުއްސުރެ ރާވަމުން އައި ރޭވުންތައް – އެއިގެ އެންމެ ފަހުގެ އެއް ޕްލޭން ކަމުގައި ވާ ސައިކްސް ޕިކޮޓް އެއްބަސްވުން 1916 ފަދަ ޕްލޭންތަކާ އެއްގޮތަށް – ކާމިޔާބު ވުމެވެ. ޢުޘްމާނީންނަށް މަޖުބޫރު ވީ މަޝްހޫރު ސެވްރެސްގެ މުޢާހަދާގައި ސޮއި ކޮށް، އެމީހުންގެ އަތްދަށުގައި ހުރި ހުރިހައި އިސްލާމީ ބިންތަކެއް ދޫކޮށްލުމަށެވެ. ޚުދު މިއަދުގެ ތުރުކީ ވިލާތުގެ ބިމުން – ޢުޘްމާނީ ތުރުކީންގެ އަމިއްލަ ވަޒަނުން – ވެސް އެމީހުންނަށް ދެވުނީ އެންމެ ތިންބައިކުޅަ އެއްބައެވެ. ބާކީ ހުރި ބައިތައް، އިސްތަންބޫލް ވެސް ހިމެނޭ ގޮތުން، އެމީހުންގެ އަތުން އަތުލައިގަނެވުނީއެވެ. އެއިގެ ތެރެއިން ބޮޑު ބައެއް ދެވުނީ ޔޫރަޕުގެ ނަޞާރާ ދައުލަތެއް ކަމުގައި ވާ ގިރީކަށެވެ. ވަރަށް ބޮޑު ބައެއް، ނަޞާރާ ދައުލަތެއް ކަމުގައި ވާ އަރުމީނިޔާއަށެވެ. ބާކީ ހުރި ސަރަޙައްދުތައް ގިރީކުންނާއި، އިޓަލީންނާއި، ފަރަންސޭސީން ފަދަ ޔޫރަޕުގެ ބާރުތަކުގެ ނުފޫޒުގެ ދަށުގައި އޮންނަ ތަންތަން ކަމުގައި ހެދުނީއެވެ.

"ޜައުން ތުރްކް" ގެ ޙިކުމަތެއް ނެތުމާއި ނާޤާބިލުކަމާއި، އިސްތިޢުމާރަށް އެމީހުންގެ ސިކުނޑިތަކާއި ޟަމީރުތައް މުޅީން އަޅުވެތި ވެ ނިމިފައި ހުރިހުރމުގެ ހަމައެކަނި ނަތީޖާޔަކީ ޢުޘްމާނީ ދައުލަތް ރޫޅައިލުމެއް ނޫނެވެ. ތުރުކީ މުސްލިމުންގެ ބޮލުގައި އެޅުވުނު އެންމެ ބޮޑު ބަދުނާމަކީ ވެސް، މި ލާދީނީ އަދި ޢަލްމާނީ ޣައްދާރުން ހިންގި ޖަރީމާތަކެއްގެ ސަބަބުން އެޅުވުނު ބަދުނާމެވެ. އާދެ، ޢުޘްމާނީ ދައުލަތުގެ އަރުމީނިޔާ ދަރިކޮޅުގެ ނަޞާރާ ރައްޔިތުންނާ ދެކޮޅަށް އެމީހުން ހިންގި ޢަމަލުތަކުގެ ސަބަބުން ވީ ބަދުނާމެވެ. މިއަދާ ހަމަޔަށް ވެސް، ހުޅަނގު އިސް ވެއޮވެގެން، ތުރުކީ މުސްލިމުން އަރްމީނިޔާ ދަރިކޮޅުގެ ނަޞާރާއިންނާ ދެކޮޅަށް ނަސްލު ނެތިކޮށްލުމުގެ ޢަމަލުތައް - "އަރމީނިޔަން ޖެނޮސައިޑް" – ހިންގި ކަމަށް ބުނެ ދައްކާ ވާހަކައިގެ އަޞްލަކީ މިއެވެ.

ލާދީނީ ޢަލްމާނީންގެ ސަބަބުން އިސްލާމީ ޤައުމަކަށް މި ވަރުގެ ލަނޑެއް ނޫނީ އަދި މިހައިތަނަކަށް ލިބިފައެއް ނުވެއެވެ. މި ޒަމާނުގެ އިސްލާމީ ތާރީޚުގެ ޞަފުޙާތައް ބައްލަވާށެވެ. އެއިރުން މި ދެންނެވި ބަހުގެ ތެދުކަން މެންދުރުގެ އިރު ފަދައިން ސާފުކޮށް ފައުޅު ވެގެން ވާތީ ފެންނާނެއެވެ. ޢަރަބި ޤައުމުތަކުގައި އުފެދުނު ބަޢަޘް ޕާޓީތަކުގެ ސަބަބުން އެ ޤައުމުތަކަށް ލިބުނު ދެރަޔާއި ނުޤުޞާނުތަކެވެ. އަލްޖީރިޔާގެ ލާދީނީންގެ ސަބަބުން އެ ޤައުމަށް ލިބުނު އަދި މިއަދުވެސް ލިބެމުންދާ ނިކަމެތިކަމެވެ. ބޫރްޤީބާ އާއި އޭނާގެ ދަރިވަރު ބިން ޢަލީގެ ސަބަބުން ޓިޔުނީޝިޔާއަށް ލިބުނު ބޮޑެތި ގެއްލުންތަކާއި ނިކަމެތިކަމެވެ. އުޒްބެކިސްތާނުގެ އިސްލާމް ކަރިމޯފް ފަދަ ލާދީނީ ޢަލްމާނީންގެ ސަބަބުން، މެދުތެރޭ އޭޝިޔާގެ އެތައް މުސްލިމް ޤައުމަކަށް ޖެހުނު މުޞީބާތްތަކެވެ. ކުރިޔަށް ހުރި ތަނުގައި ވެސް، މިފަދަ ލާދީނީ ޢަލްމާނީންގެ އަތްމައްޗަށް މުސްލިމު ޤައުމެއްގެ ބާރުތައް ހިނގައްޖެ ނަމަ، އެތަނަކަށް ލިބޭނެ ހަމައެކަނި އެއްޗަކީ ހަމަނުޖެހުންތަކާއި، އަރައިރުމާއި، ތަޅައިފޮޅުމާއި، ފިތުނަފަސާދަޔާއި، ޒުވާބާއި، އިންތިހާ ދަރަޖައިގެ ވޭނާއި ކެކުޅުމާއި ދެރަޔާއި މުޞީބާތެވެ. ސަބަބަކީ، ލާދީނީން ވޮޝިންގޓަނާއި ލަންޑަނާއި ކެންބެރާ އާއި އޮޓާވާ އާއި ޕެރިހާއި ބަރލިނުން ކިތަންމެ ފައިސާޔަކާއި، ކިތަންމެ ޕްރޮޕެގެންޑާ ސަޕޯޓެއް ހިފައިގެން އަޔަސް، އެމީހުންގެ ޕްރޮގްރާމް އިސްލާމީ ޤައުމެއްގައި ހިންގާ ތަން ބަލާކަށް އެ ޤައުމުގެ މުސްލިމުން ނުތިބޭނެތީއެވެ. އަވަހަށް ނުވަތަ ލަހުން ވިޔަސް މުސްލިމުން އެ ޙަރަކާތްތަކާ ދެކޮޅަށް ތެދުވާނެތީއެވެ. ދެން އުފެދޭ ކޯޅުމުގައި، މި ދެންނެވި ނަތީޖާތައް ނޫނީ ނުކުންނާނީ ކޮން އެއްޗެއްތޯއެވެ؟

ލާދީނީންގެ އަނިޔާވެރިކަން

ސެވްރެސްގެ މުޢާހަދާޔާ އެކު، ޢުޘްމާނީ ދައުލަތް ރޫޅައިލައި، ތުރުކީންގެ ވަޠަނީ ބިން ކޭކެއް ފަދައިން ފަޅައިލައި، އެ ބިމުގެ ބޮޑު ބައެއް ޔޫރަޕުގެ ޤައުމުތަކަށާއި ނަޞާރާއިންނަށް ދިން ހިނދު، ތުރުކީގެ ބިމާއި ސަރަޙައްދީ ތަމާމިޔަތު – ޓެރިޓޯރިއަލް އިންޓެގްރިޓީ – ގެ ދިފާޢުގައި ތުރުކީން ތެދު ވިއެވެ. އެ ހަނގުރާމައިގައި އިސްކޮށް ތިބީ ތުރުކީ ޤައުމިއްޔަތުގެ ދިދަ އުފުލި މުޞްޠަފާ ކަމާލާއި އޭނާގެ އެކުވެރީންނެވެ. ނަމަވެސް އެ ހަނގުރާމައިގައި އަމިއްލަ ފުރާނަތައް ޤުރުބާން ކުރުމަށް ތައްޔާރު ވެގެން ޖިހާދުގެ ސަފުތައް ރުކުރުވައިލީ ހަމަ މުސްލިމް ޢުޘްމާނީ ސިފައިންނެވެ. ޢަރަބި ބަހުން ބަންގި ގޮވައި، ޢަރަބި ބަހުން ދުޢާތަކާއި ޛިކުރުތަކާއި ތަސްބީޙަތައް ކިޔައިގެން ކޮންމެ ދުވަހަކު ފަސް ނަމާދު ކުރި، އަދ ޢަރަބި ބަހުން ޤުރްއާން ކިޔަވައިގެން، ރަމަޟާން މަހު ރޯދަ ހިފައިގެން، ﷲ ގެ ޙަޟްރަތުން ނަޞްރަށް އެދި ދުޢާ ކުރަމުން، އިސްލާމް ދީނާއި އަމިއްލަ ޤައުމަށް ޓަކައި ޖިހާދު ކުރި ތުރުކީގެ ފަޚުރުވެރި މުސްލިމް ދަރީންނެވެ. ބުރުގާ އެޅި މައިންގެ ދަރީންނާއި، ބުރުގާ އެޅި އަނބީންގެ ފިރީންނާއި، ބުރުގާ އެޅި ދަރީންގެ ބަފައިންނެވެ. ގަޔަށް ވަޒަން އެރުމުން ޝަހާދަތް ކިޔަމުން ފުރާނަ ދޫކުރި މުސްލިމް ބަޠަލުންނެވެ. ދުޝްމަނުންގެ އަތްދަށުން ދީނާއި ޤައުމު ޙިމާޔަތް ކުރުމަށް ޓަކައި އެޅި ކޮންމެ ފިޔަވަޅަކާ އެކު "ﷲ އަކްބަރު"ގެ ނަޢުރާ ކުރި ދަރީންނެވެ. އެމީހުންގެ ހިތްވަރާއި ޤުރުބާނީގެ ނަތީޖާޔަކީ، 1919 އިން ފެށިގެން 1923 ވަނަ އަހަރާ ހަމަޔަށް ހިނގި ތުރުކީގެ މިނިވަންކަމުގެ ހަނގުރާމައިގައި، ޔޫރަޕުގެ ޞަލީބީ އަދި ޞަހްޔޫނީ ދުޝްމަނުން ބަލި ވުމެވެ. ތުރުކީންގެ ހިތްވަރުގަދަ ލަޝްކަރުތައް ފަރަންސޭސީންނާއި އިޓަލީންނާއި އިނގިރޭސީންނާއި ގިރީކުންނާއި އަރުމީނިޔަނުންގެ އެތައް ލައްކަ ސިފައިން ހިމެނުނު ދުޝްމަނުންގެ ފައުޖުތައް ތަޅައި، ފަހައި، ތުރުކީން ނެރެ، އިސްތަންބޫލް ވެސް ހިމެނޭ ގޮތުން، މުޅީ ތުރުކީ މިނިވަން ކުރިއެވެ. ތުރުކީންނަކީ ގޮތެއްގައި ތިބޭ ބައެއް ކަމާއި، އިސްތިޢުމާރީންގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ، އަދި "މަސާހިބު ވިދާޅުވި ގޮތެއް" މިހެން ކިޔައި ތަށިގަނޑު ދިއް ކުރާނެ ބަޔެއް ނޫންކަން ސާބިތު ކޮށްދިނެވެ.

ތުރުކީގެ މިނިވަންކަމުގެ މި ހަނގުރާމައިގައި، މުސްލިމް ސިފައިން ހަނގުރާމަ ކުރަމުން ގެންދިޔައީ، އެމީހުންގެ ލީޑަރ މުޞްޠަފާ ކަމާލަކީ އިސްލާމް ދީނަށް ޓަކައި ހަނގުރާމަ ކުރަމުން ގެންދިޔަ މުޖާހިދެއް ކަމަށް ހީ ކޮށްގެންނެވެ. އޭނާޔަށް ތުރުކީ އާއި މުޅި އިސްލާމީ އުއްމަތުގެ އިއްތިފާޤުން "ޣާޒީ މުޞްޠަފާ ކަމާލް ޕާޝާ" ގެ ލަޤަބު ދިނެވެ. މުޞްޠަފާ ކަމާލުގެ ޙަޤީޤަތާއި، އޭނާގެ އަޞްލު މަޤްޞަދު އެނގިފައި އޮތީ އޭނާގެ އެންމެ ގާތް މީހުންކޮޅަށެވެ.

މިނިވަންކަމުގެ ހަނގުރާމަ ކާމިޔާބު ވެ، 29 އޮކްޓޯބަރު 1923 ގައި ތުރުކީގެ ދައުލަތް އިޢުލާން ކުރެވި، ތުރުކީގެ ތަންފީޛީ ބާރާއި، ޤާނޫނު ހަދާ މަޖިލިހަށާއި، މުޅި ޝަރުޢީ ނިޒާމަށާއި، ޢަސްކަރިއްޔާގެ އިސް ހުރިހައި މަޤާމުތަކަށް މުޞްޠަފާ ކަމާލުގެ ގާތް މީހުން ލައި، މުޅި ދައުލަތުގެ ނިޒާމުގައި އޭނާގެ "ސުޕަރމެޖޯރިޓީ" ޤާއިމު ކުރެވުނު ހިސާބުން، އޭނާގެ ޙަޤީޤީ ރޭވުން ފައުޅު ވެގެން ދިޔައެވެ. އޭނާޔަކީ "ޜައުން ތުރްކް" ގެ ލާދީނީ ޢަލްމާނީން ފެށި މަސައްކަތް ފުރިހަމަ ކުރާން އައި މީހެއްކަން ސާފުކޮށް ބަޔާން ވެ އެނގިގެން ދިޔައެވެ. މާރިޗު 3 1924 ގައި، މުޞްޠަފާ ކަމާލުގެ ސަރުކާރުން، އިސްލާމީ ޚިލާފަތު އުވައިލުމުގެ ބިލެއް ޤާނުނު ހަދާ މަޖިލިހަށް ހުށައަލައި، އެ ބިލާ ދެކޮލަށް ބަޙުޘް ކުރުމުގެ އެއްވެސް ފުރުޞަތެއް ވެސް ނުދީ، އިދިކޮޅު ޚިޔާލުގެ ބެއިފުޅުންނަށް ބިރު ދައްކައި، ބައެއް ބެއިފުޅުން އަވަހާރަ ކޮށް، އެންމެ ފަހުން ބިލު ފާސް ކޮށް، ޚިލާފަތު އުވައިލިއެވެ. އެއާއެކު، އޭނާޔާ ދެކޮޅަށް މުސްލިމް ތުރުކީގެ ކަންކޮޅުތަކުގައި ދެކޮޅުވެރިކަމުގެ ރާޅުތައް ފެތުރިގެން ދިޔައެވެ. އެކި ދިމަދިމާއިން، އިސްލާމީ ޢިލްމުވެރީންނާއި ލީޑަރުންނާއި މުޙައްރިކުން، ލާދީނިއްޔަތާއި ޢަލްމާނިއްޔަތާ ދެކޮޅަށް ތެދު ވެވަޑައިގަތެވެ. ނަމަވެސް މިފަދަ ކޮންމެ ޙަރަކާތަކާ ދެކޮޅަށް، މުޞްޠަފާ ކަމާލާއި އޭނާ ތުރުކީގައި ޤާއިމު ކޮށްފައި އޮތް ޢަލްމާނީ އަދި ލާދީނީ "ސުޕަރސްޓްރަކްޗަރ" އިން ނެގީ އެންމެ ތޫނު، އެންމެ ހޫނު، އެންމެ ވިހަގަދަ ހަތިޔާރުތަކެވެ. އެއް މިސާލަކީ 1926 ވަނަ އަހަރުގެ ތެރޭގައި، ކުރުދީ މުސްލިމުންގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ލީޑަރު ޝައިޚް ސަޢީދު ބައިރާންގެ ޤިޔާދަތުގެ ދަށުން މުސްލިމުން ލާދީނިއްޔަތާ ދެކޮޅަށް ތެދުވުމުން، މުޞްޠަފާ ކަމާލުގެ ސަރުކާރުން ކަން ކުރި ގޮތެވެ. ޝައިޚް ސަޢީދު ދަން ޖައްސައި އަވަހާރަ ކޮށްލެވުނީ ކުރުދީ މުސްލިމް ޢިލްމުވެރީންނާއި ލީޑަރުންގެ 46 ލީޑަރުންނާ އެކުގައެވެ. ދަންމަޅީގެ ކުރިމައްޗަށް ހުއްޓިވަޑައިގެން ހުންނަވައި ޝައިޚް ސަޢީދު ވިދާޅުވި ބަސްފުޅުތައް ތަކުރާރު ނުކޮށް މި ވާހަކަ ނިންމައިލުމީ އަދަބު ކުޑަ ގޮތެއް ކަމަށް ވާނެތީ، އެ ބަސްފުޅުތައް ދަންނަވައިލާނަމެވެ. "އަހަރެންގެ ހިތުގައި ކަލޭމެންގެ މައްޗަކަށް ނަފްރަތެއް ނެތެވެ. ކަލޭމެންނާއި ކަލޭމެންގެ ސާހިބާ މުޞްޠަފާ ކަމާލު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނަފްރަތު ކުރީއެވެ. މި މައްސަލައިގެ އިންޞާފު ޤާއިމު ކުރެވޭނީ ޤިޔާމަތް ދުވަހު އެކަލާނގެ ދަރުބާރުގައެވެ."

ލާދީނީ ޢަލްމާނީން މުސްލިމުންގެ ދައުލަތްތަކާއި ޤައުމުތަކުގެ ބާރުވެރިކަމުގެ ލަގަން އަތުލަނީ، އިންސާނީ ޙައްޤޭ، ޑިމޮކްރަސީއޭ، އަންހެނުން ބާރުވެރި ކުރުވަނީއޭ، އަދި ދެންވެސް މި ބާވަތުގެ ޕްރޮޕެގެންޑާތައް ފަތުރައިގެންނެވެ. ނަމަވެސް އެމީހުންނަށް ބާރު ލިބުމަށް ފަހު، އަބަދުވެސް ފެންނަނީ އިސްލާމީ ޝަޚްޞިއްޔަތު ކަތިލުމަށް ޓަކައި، އިންތިހާ ދަރަޖައިގެ އަނިޔާވެރި އަދި ބޭއިންޞާފު، ޚުދުމުޚްތާރު ނިޒާމުތަކެއް ޤާއިމު ކުރާ ތަނެވެ. މި ނިޒާމަށް އަބަދުވެސް މަދަދާއި ސަޕޯޓު ދޭނީ ޔޫރަޕުގެ ޞަލީބީންނާއި ޞަހްޔޫނީންނެވެ. އެމީހުންނަކަށް ދުވަހަކުވެސް އެމީހުން އެބުނާ "އިންޞާފެއް" ނުގެނެވެއެވެ. އެބުނާ "އިންސާނީ ޙައްޤުތަކެއް" ހޯދައެއްނުދެވެއެވެ. އެބުނާ "ޑިމޮކްރަސީއެއް" ޤާއިމެއް ނުކުރެވެއެވެ. އެމީހުންނަށް ބާރު ލިބުމުން، އަބަދުވެސް ފެންނަނީ އިސްލާމް ދީން ދެކެ އެމީހުންގެ ހިތްތަކުގައި އޮންނަ ރުޅިޔާއި ނަފްރަތު އެގޮތްމިގޮތުން ފައުޅު ކޮށް، އެކަމާ ދެކޮޅަށް މުސްލިމުންގެ ސަފުތަކުގެ ތެރެއިން ތެދު ވާ ބަޔަކު، ހަމައެއް، އިންޞާފެއް، ނިޔާއެއް، އަނިޔާއެއް، ޑިމޮކްރަސީއެއް، މިނިވަންކަމެއް، އަންހެނެއް، ފިރިހެނެއް ބެލުމެއް ނެތި، ތަޅައި ރޯނާގަންނުވާ މަންޒަރެވެ. އެއިރުވެސް، މިހާރުވެސް މިއީ ކަން ހިނގާ ގޮތެވެ.

މުޞްޠަފާ ކަމާލުގެ ލާދީނީ އަދި ޢަލްމާނީ މަޝްރޫޢު ވެސް ހިންގުނީ މިގޮތަށެވެ. ތުރުކީގެ އިސްލާމީ ޝަޚްޞިއްޔަތު ކަތިލުމަށް ޓަކައި، މުޞްޠަފާ ކަމާލާއި އޭނާގެ ލާދީނީ ސަރުކާރުން، އެ ޤައުމުގެ މުސްލިމުންނަށް ނުދޭ އަނިޔާއެއް، ނުކުރާ ހާނީއްކައެއް ނެތެވެ. މަޝްހޫރު މުސްލިމް ޢާލިމް ބަދީޢުއްޒަމާން ސަޢީދު ނޫރްސީ ފަދަ އެތައް ޢާލިމުންނެއް، ޖަލުތަކުގައި ނިހާއީ އަނިޔާގެ އަނދިރިކަމުގައި އެތައް އަހަރެއް ހޭދަ ކުރެއްވިއެވެ. ޝައިޚް ސަޢީދު ބައިރާން ފަދަ އެތައް ސަތޭކަ ޢިލްމުވެރީންނެއް ޝަހީދު ކުރެވުނެވެ. ލާދީނިއްޔަތާ ދެކޮޅަށް ތެދުވި މުސްލިމުންނަކީ "ދައުލަތާ ދެކޮޅު ޙަރަކާތް ހިންގާ މީހުން" ކަމަށް ކަނޑައަޅައި، އެމީހުންނާ ދެކޮޅަށް ސިފައިން ނެރެގެން، އެތައް ހާސް މުސްލިމުން ހައްޔަރު ކޮށް ޖަލަށް ލެވުނެވެ. އެތައް ހާސް ބަޔަކު ޝަހީދު ކުރެވުނެވެ. އެތައް އަވަށެއް ސުންނާފަތި ކުރެވުނެވެ. އެތައް ބަޔެއްގެ ގެދޮރު ސުންނާފަތި ކުރެވުނެވެ. އެތައް ބަޔެއްގެ މުދާ ފޭރިގަނެވުނެވެ. އެތައް ހާސް މުސްލިމް އަންހެން ދަރީން ރޭޕް ކުރެވުނެވެ. މި ކަންކަން ކުރެވުނު އިރު، ތުރުކީގައި ލާދީނީންގެ ވެރިކަން ޙަޤީޤީ މާނައިގައި ވެއްޓި މުސްލިމުންގެ އަތްމައްޗަށް ތުރުކީގެ ވެރިކަން އައުމާ ހަމަޔަށް – އެކަން ހިނގީ 2003 ގައި، ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ތުރުކީގެ ބޮޑުވަޒީރުކަމަށް ވަޑައިގަތުމުންނެވެ – ތުރުކީއަށް އެއްވެސް ރޮނގަކުން، އެއްވެސް ގޮތަކުން، އެއްވެސް ކަމަކުން، ހޯދުނު ތަރައްޤީއެއް ކުރިއެރުމެއް ނެތެވެ. ޢިލްމީ ގޮތުންނާއި، ސިޔާސީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން މިއަދު ތުރުކީ އޮތް މަޤާމަށް އެ ޤައުމު އަލުން ގެންނެވީ، ﷲ ގެ ރަޙުމަތްޕުޅާ އެކު، މުސްލިމް ލީޑަރ ރަޖަބް ޠައްޔިބް އުރްދުޣާންގެ ސަރުކާރުންނެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމާ ހަމަޔަށް، ލާދީނީންގެ ވެރިކަމުގައި، ތުރުކީ އޮތީ އެއްވެސް ދާއިރާޔަކުން ކުރިއެރުމެއް ލިބިފައި ނެތް، އިޤްތިޞާދީ އުފެއްދުންތެރިކަން ދަށް، ތަރައްޤީގެ ހަރުފަތުން ކުރިޔަށް ދިޔުމުގެ ޤާބިލިއްޔަތެއް ނެތް، ހުރިހައި ގޮތަކުން ހަލާކު ވެފައި އޮތް ދައުލަތެއްގެ ގޮތުގައެވެ.

ތުރުކީގައި ގަދަބާރުން ލާދީނީ އަދި ޢަލްމާނީ ނިޒާމެއް ޤާއިމު ކުރުމުގައި މުޞްޠަފާ ކަމާލަށް ކާމިޔާބު ވީ އެތައް ސަބަބަކާ ހުރެއެވެ. މައިގަނޑު ގޮތެއްގައި، "ޜައުން ތުރްކް" ގެ ޒަމާނުއްސުރެ، ޔޫރަޕުގެ ޞަލީބީންނާއި ޞަހްޔޫނީންގެ މާލީ އަދި އެހެނިހެން ބާވަތްތަކުގެ އެހީތެރިކަމާ އެކު، ޢަލްމާނީންނާއި ލާދީނީން ނިކަން ރަނގަޅަށް އެކަމަށް ތައްޔާރު ވެގެން ތިބެ، ބުރަކޮށް މަސައްކަތް ކުރީތީއެވެ. މުސްލިމް ލީޑަރުން އެފަދަ ނުރައްކާތަކާ މެދު ކުރީބައިގައި ތައްޔާރު ނުވެ ތިބީތީއެވެ. މުޞްޠަފާ ކަމާލުގެ އާދަޔާ ޚިލާފު ބުއްދިޔާއި، ޝަޚްޞީ ޤާބިލިއްޔަތާއި، ހިތްވަރާއި، ޢަޒުމުގެ ސަބަބުންނެވެ. ތުރުކީގައި ވެސް، އެހެން މުސްލިމު ޤައުމުތަކެކޭ އެއްފަދައިން، ލާދީނިއްޔަތާއި ޢަލްމާނިއްޔަތުގެ ވިހައިން ބުއްދިޔާއި ޟަމީރު ތަޣައްޔަރު ވެފައި ތިބި ޚާއިނުންގެ އެތައް ހާސް ބަޔަކު ތިބީތީއެވެ. އަދި، އާޚިރުގައި، ލާދީނީންގެ ޢަލްމާނީ މަޝްރޫޢަށް ޔޫރަޕާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ފުރިހަމަ ތާއީދާއި މަދަދު ލިބުނީތީ ވެސް މެއެވެ. މި މަސައްކަތުގައި، މުޞްޠަފާ ކަމާލަށް ޖުމުލަ ނުވަ ފަހަރެއްގެ މަތީން ތުރުކީގައި މާރުޝަލް ޤާނޫނު ހިންގާން ޖެހުނެވެ. އޭނާގެ މަސައްކަތް ކާމިޔާބު ކުރެވުނީ އިންތިހާ ދަރަޖައިގެ ދަގަނޑު އަތަކުން ކުރި މަސައްކަތުންނެވެ. އެ މަސައްކަތް ކާމިޔާބު ވެގެން ދިޔައީ، ތުރުކީގެ ސިޔާސީ، އިޖުތިމާޢީ، އަދި އިޤްތިޞާދީ ނިޒާމުން އިސްލާމް ދީނުގެ ބާރު މުޅީން ކަނޑުވައިލެވިގެންނެވެ. ޞޫފީ ދަރުވޭޝީންނާއި ޞޫފީ ޠަރީޤާތައް ވަރަށް ބޮޑަށް ހަލާކު ކޮށްލެވުނެވެ. އިސްލާމީ މަދަރުސާތައް ހިންގުން މަނާ ކުރެވި، ދައުލަތުގެ މަދަރުސާތަކުގައި އިސްލާމް ދީން ކިޔަވައިދިނުން ހުއްޓުނެވެ. ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ކައިވަނި ކުރުމާއި ވަރި ކުރުން މަނާ ކުރެވުނެވެ. ޢަރަބި އަކުރުން ލިޔެކިޔުން މަނާ ކުރެވި، ތުރުކީ ބަސް ލެޓިން އަކުރުން ލިޔާން ފެށުނެވެ. އަންހެނުން ބުރުގާ އެޅުން މަނާ ކުރެވުނެވެ. ބަނގުރަލާއި ކަސްބީ ވިޔަފާރި ކުރާ ތަންތަން ހިންގުން ހުއްދަ ކުރެވި، މުޅި ޤައުމުގައި "ބިރެއް ނެތި މަޖާ ކުރުމުގެ" ބަނގުރާ ޕާޓީތައް ޢާއްމު ކުރެވުނެވެ. މި ދެންނެވީ އަދި ބައެއް ކަންކަމުގެ ވާހަކައެވެ.

އިސްލާމް ދީން "ޑީއިންސްޓިޓިޔުޝަނަލައިޒް" ކުރުން

މި ފިޔަވަޅުތަކުގެ މަޤްޞަދަކީ ކޮބައިތޯއެވެ؟

އެއްވެސް ދީނެއް، ނުވަތަ ފިކުރީ ނިޒާމެއް، ނުވަތަ ފަލްސަފާއެއް، ނުވަތަ ޤައުމިއްޔަތެއް، ނުވަތަ ސަޤާފީ ނިޒާމެއް، މުޖުތަމަޢެއްގައި ދެމި އޮންނާނީ، އަދި އެއް ޖީލަށް ފަހު އަނެއް ޖީލަށް ދެމިގެން ދާނީ، އެ އެއްޗެއް މުޖުތަމަޢުގައި "އިންސްޓިޓޔުޝަނަލައިޒް" ވެފައި ހުރެގެންނެވެ. އެއީ ހެޔޮ އެއްޗެއް ކަމުގައި ވިޔަސް، އަދި ނުބައި އެއްޗެއް ކަމުގައި ވިޔަސްވެހެވެ. މި ޠަބަޢީ ޤާނޫނުގެ ދަށުން، އިސްލާމީ މުޖުތަމަޢެއްގައި ވެސް އިސްލާމް ދީން ދެމިއޮންނާނީ، އެ މުޖުތަމަޢުގައި އިސްލާމް ދީން "އިންސްޓިޓިޔުޝަނަލައިޒް" ވެފައި އޮތް ނަމައެވެ. އެހެން ނޫން ނަމަ، އެއް ޖީލަކަށް ފަހު އަނެއް ޖީލެއް ދީނާ ދުރަށް ދަމުންދަމުން ގޮސް، އާޚިރުގައި އެ މުޖުތަމަޢަކުން އިސްލާމް ދީން ފޮހެވިގެން ހިނގައިދާނެއެވެ. ދީނެއް މުޖުތަމަޢުގައި "އިންސްޓިޓިޔުޝަނަލައިޒް" ވާނީ، އެ މުޖުތަމަޢުގެ ސަގާފީ ކަންކަމާއި، ސިޔާސީ ނިޒާމާއި، އިޤްތިޞާދީ ނިޒާމާއި، ތަޢުލީމީ ނިޒާމާއި، މީޑިޔާ ފަދަ އެންމެހައި ދާއިރާތަކުގައި، ދީނުގެ މުހިއްމު ދައުރެއް އޮވެގެންނެވެ. މި ހުރިހައި ނިޒާމެއްގައި ވެސް، ދީނުގެ ކަންކަން، ފަރުދުންނަށް ވުރެ "ޢުމުރު ދިގު" އަދި އެއް ޖީލަކަށް ފަހު އަނެއް ޖީލެއްގެ އަތްމަތީން ދެމެހެއްޓޭ އަދި ބެލެހެއްޓޭ "އިންސްޓިޓިޔުޝަންތަކެއް" ގެ ތެރެއިން ރައްކައުތެރި ކުރެވިގެންނެވެ. މި ތަނުގައި "އިންސްޓިޓިޓިޔުޝަން" އެވެ މި ކިޔެނީ ވަރަށް ފުޅާ މާނައެއްގައެވެ. އިސްލާމް ދީނުން މިސާލު ދައްކަނީ ނަމަ، ނަމާދާއި އެ ނަމާދު އަދާ ކުރެވޭ މިސްކިތްތަކަކީ "އިންސްޓިޓިޔުޝަން" އެކެވެ. ކޮންމެ ދުވަހަކު ފަސް ފަހަރު އިސްލާމީ މުޖުތަމަޢެއްގެ މިސްކިތްތަކުގެ މުންނާރުތަކުން އެ ގޮވައިލެވޭ "ބަންގި" އަކީ "އިންސްޓިޓިޔުޝަން" އެކެވެ. ރަމަޟާން މަހާއި، ޙައްޖާއި، ހުކުރު ނަމާދާއި، ދެ ޢީދާއި، ދީނި ގޮތުން ފާހަގަ ކުރެވޭ ޢާޝޫރާ ދުވަސް ފަދަ ދުވަސްތަކަކީ ވެސް "އިންސްޓިޓިޔުޝަންތަކެކެވެ". ނަމަވެސް މުޖުތަމަޢެއްގައި ދީން ފުރިހަމަ ގޮތުގައި ރައްކައުތެރި ކުރުމަށް ޓަކައި ފަރުދުންގެ ފެންވަރުގައި މި ކަންކަން ކުރެވުމަކުން ނުފުދެއެވެ. މުޖުތަމަޢެއްގައި އިސްލާމް ދީން ރައްކައުތެރި ކުރެވޭނީ، ސިޔާސީ، އިޖުތިމާޢީ، އަދި އިޤްތިޞާދީ ޙަޔާތުގައި ވަރަށް ވަރުގަދަޔަށް އިސްލާމް ދީން "އިންސްޓިޓިޔުޝަނަލައިޒް" ކުރެވިގެންނެވެ. އިސްލާމީ ޢިލްމިއްޔާ – އެކަޑީމިޔާ – އަކީ، މިގޮތުން އިސްލާމީ މުޖުތަމަޢެއްގައި އޮންނާނެ އެންމެ މުހިއްމު އެއް އިސްލާމީ "އިންސްޓިޓިޔުޝަން" އެވެ. ތުރުކީ ފަދަ ޤައުމުތަކުގައި އެ ހުންނަ ޞޫފީ ޠަރީޤާތަކަކީ ވެސް ވަރަށް މުހިއްމު އިސްލާމީ "އިންސްޓިޓިޔުޝަން" އެކެވެ. އިސްލާމީ ޤައުމުތަކުގައި ހުންނަ ހަރުދަނާ އިސްލާމީ ޔުނިވަރސިޓިތަކާއި، ދައުލަތުގެ އިސް މުއައްސަސާތަކެއްގެ ގޮތުގައި ހުންނަ ފަތުވާ މަޖިލިސްތައް ފަދަ ތަންތަނަކީ، އިސްލާމީ "އިންސްޓިޓިޔުޝަންތަކެވެ". އިސްލާމީ މަޖައްލާތަކާއި ނޫސްތަކާއި، ޤަވާޢިދުން ބޭއްވޭ އިސްލާމީ ތަޙްރީކުގެ ޙަރަކާތްތަކަށް ވެސް ހަމަ މި ޙައިޘިއްޔަތު ލިބެއެވެ. ހަމައެހެންމެ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ "ބަސް" ކަމުގައި ވުމުގެ މުހިއްމު ޙައިޘިއްޔަތުގެ ސަބަބުން، "ޢަރަބި ބަހަކީ" ވެސް ވަރަށް މުހިއްމު އިސްލާމީ "އިންސްޓިޓިޔުޝަން" އެކެވެ. ވަރަށް ގިނަ ބަޔަކު، ޢަރަބި ބަހަކީ އިނގިރޭސި، ނުވަތަ އެހެން ވެސް ބަސްބަހެކޭ އެއްފަދަ ބަހެކޭ، އެއަށް އިތުރު ވަކި ޙައިޘިއްޔަތެއް ނޯންނާނެޔޭ ބުނަނީ މި ޙަޤީޤަތް ނުވިސްނޭތީއެވެ. ނުވަތަ މި ޙަޤީޤަތް ޤަބޫލު ކުރާން ބޭނުން ނުވާތީއެވެ. ނުވަތަ މި ޙަޤީޤަތް ފޮރުވާން ގަސްދުގައި ކުރާ މަސައްކަތެއްގެ ތެރެއިންނެވެ.

މުޞްޠަފާ ކަމާލުގެ ލާދީނީ އަދި ޢަލްމާނީ މަޝްރޫޢުގެ ދަށުން، ތުރުކީ ބަސް ޢަރަބި ބަހުން ލިޔުން ހުއްޓުވައި، ލެޓިން ބަހުން ތުރުކީ ބަސް ލިޔެކިޔުން މަޖުބޫރު ކޮށް، އިސްލާމީ މަދަރުސާތައް އުވައިލައި، އިސްލާމީ ތަހްރީކު ފަނާ ކޮށް، ޢިލްމުވެރީންގެ ކުރިފުޅުމަތިގައި ދުނިޔެ ކުޑަ ކޮށް، ޞޫފީ ޠަރީޤާތައް ރޫޅައިލުން ފަދަ ކަންކަން ކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ތުރުކީގެ މުޖުތަމަޢުން، ތުރުކީންގެ ޤައުމީ ޙަޔާތުން، އިސްލާމް ދީން "ޑީއިންސްޓިޓިޔުޝަނަލައިޒް" ކޮށްލުމެވެ. އެއިރުން، މަދު ޖީލުތަކަކަށް ފަހު، ޤައުމުން އިސްލާމް ދީން އަމިއްލަޔަށް ފޮހެވިގެން ނެތިގެން ހިނގައިދާނެތީއެވެ. މިއީ މުޞްޠަފާ ކަމާލުގެ އައު އުފެއްދުމެއް، ނުވަތަ އައު އީޖާދެއް ވެސް ނޫނެވެ. މިއީ ޔޫރަޕުގެ ޞަލީބީ ބާރުތަކުން – ޚާއްޞަކޮށް ފަރަންސޭސީންނާއި އިނގިރޭސީން – އިސްލާމީ ޤައުމުތައް އިސްތިޢުމާރު ކޮށްގެން ތިބި އިރު، އެ ޤައުމުތަކުން އިސްލާމް ދީނުގެ ބާރު ކަނޑުވައިލުމަށް ޓަކައި، އެއުރެން އީޖާދު ކުރި އުކުޅުތަކެވެ. އެއުރެން ވަނީ މެލޭ އާރޗިޕެލެގޯ އިން ފެށިގެން މޮރޮކޯއާ ހަމަޔަށް، އެތައް އިސްލާމީ ޤައުމެއްގައި މި އުކުޅު ތަންފީޛު ކޮށް، ކޮންމެވެސް ވަރެއްގެ ކާމިޔާބުތަކެއް ވެސް ހޯދައިފައެވެ. މުޞްޠަފާ ކަމާލާއި އޭނާގެ އެކުވެރީން، މި އުކުޅު ކޮޕީ ކޮށްގެން، ތުރުކީގެ ޙާލަތަށް ފައްތައިގެން، އެއުރެންގެ އަމިއްލަ ގޮތުގައި ބޭނުން ކުރީއެވެ.

ވިސްނައިވަޑައިގަތީމުތޯއެވެ! ދިވެހިރާއްޖޭގައި ވެސް ޢަލްމާނީ ލާދީނީން ވަނީ މި އުކުޅު ބޭނުން ކޮށްފައެވެ.

ދެހާސް އަށް ވަނަ އަހަރު މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުވައިލެވުނީ ކީއްވެގެންތޯއެވެ؟ ހަމަ އެ އަހަރު، ދިވެހި ދައުލަތުގައި، ތަންފީޛީ ބާރެއް ނެތަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ފިޔަވައި ދައުލަތުގެ އެންމެ ޝުހުރަތު ހުރި، އެންމެ ހައިބަތު ހުރި، ރައްޔިތުންގެ ހިތްތަކާއި ސިކުނޑިތަކުގައި އެންމެ މުހިއްމުކަން ލިބިހުރި މުއައްސަސާ ކަމުގައި ވާ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް އުވައިލެވި، އެ މަޖިލިސް އާދައިގެ އެހެން މިނިސްޓްރީތަކާ އެއް ދަރަޖައެއްގެ މިނިސްޓްރީއެއްގެ ފެންވަރަށް ދަށް ކުރެވުނީ ކީއްވެގެންތޯއެވެ؟ އާދޭހެވެ! އެއީ ރާއްޖޭގައި އިސްލާމް ދީން "ޑީއިންސްޓިޓިޔުޝަނަލައިޒް" ކުރުމުގެ ގޮތުން، ލާދީނީން ހިންގި ޢަމަލުތަކެވެ. އަޅުގަނޑު މިހެން ދެންނެވީމާ، ބައެއް ބެއިފުޅުން އަޅުގަނޑު ސިޔާސީ ވަނީއޭ، ސިޔާސީ މަޤްޞަދެއްގައި ވާހަކަ ދައްކަނީއޭ، މިފަދަ ތުހުމަތުތައް ކުރައްވާނެކަން ވެސް އެނގެއެވެ. ނަމަވެސް މިއީ ސިޔާސީ ގޮތުން ދަންނަވާ ވާހަކައެއް ނޫނެވެ. މިއީ އިސްލާމް ދީނުގެ ޙައްޤުގައި، އަދި އިސްލާމީ އުއްމަތުގެ ޙައްޤުގައި، ޙަޤީޤަތް ހާމަ ކޮށް ދަންނަވާ ތެދުބަހެވެ. މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އަކީ ދިވެހިރާއްޖޭގައި ހުރި އިސްލާމީ ތަޢުލީމުގެ އެންމެ މުހިއްމު މުއައްސަސާއެވެ. ރާއްޖޭގައި ދީނުގެ ޢިލްމާއި، އިސްލާމީ ތަޙްރީކު އޮތީ، އެތަން އުފެދުނު ފަހުން، ސައްތައިން ސައްތަ އެތަނާ ގުޅިފައެވެ. ދައުލަތުގެ ނިޒާމުގެ ތެރޭގައި، އިސްލާމް ދީނުގެ ބަސް އެންމެ ވަރުގަދަޔަށް ބުނާ ތަނެއްގެ ގޮތުގައި ހުރީ، އަދި އިސްލާމް ދީން ދައުލަތުގެ ނިޒާމުން ނަގަހައްޓާނެ ކަމުގެ އެންމެ ވަރުގަދަ ރަމްޒަކަށް ހުރީ، އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިހެވެ. ޙަޤީޤަތުގައި، ދިވެހިރާއްޖެޔަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން، އިސްލާމް ދީން އެންމެ ކުޑަކޮށް، އެންމެ ބަލިކަށިކޮށް "އިންސްޓިޓިޔުޝަނަލައިޒް" ވެފައި އޮތް އެއް ޤައުމެވެ. ރާއްޖޭގެ އިސްލާމީ "އިންސްޓިޓިޔުޝަންތަކުގެ" ތެރެއިން އެންމެ މުހިއްމު ތަންތަނުގެ ތެރޭގައި މި ދެ ތަން ހިމެނޭކަން، ރާއްޖޭގެ ލާދީނީންނަށް އެމީހުންގެ އިނގިރޭސި ސާހިބުން – ފްރެންޑްސް އޮފް ދަ މޯލްޑިވްސް – އޮތީ ކިޔައިދީފައެވެ. ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހަލާކު ކުރުމަށް ޓަކައި ކުރާންވީ މަސައްކަތް ލިޔެބަޔާން ކޮށް، އެމީހުން ދިން "ގައިޑް" ގައި، އެންމެ ފުރަތަމަ އޮތީ މި ދެ މުއައްސަސާ ހަލާކު ކޮށްލުން ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އެހެންކަމުން، ބާރު ލިބުނު ދުވަހު އެކަން ކުޅައީއެވެ. ޢަރަބިއްޔާ ސްކޫލާ ދިމާ ކުރީ ވެސް ހަމަ އެގޮތުންނެވެ. ކަން ދިމާ ކުރި ގޮތުން، ބޭނުން ވިހައި ފުރިހަމަޔަށް އެކަން ނުކުރެވުނީއެވެ.

ހަނދާނުން ފޮހެނުލެވޭނެ ޤުރުބާނީ

މުޞްޠަފާ ކަމާލާއި އޭނާގެ އެކުވެރީން، އަދި އެމީހުންނަށް ފަހުގައި ވެސް އެތައް ޒަމާނެއް ވާންދެން ތުރުކީގެ ދައުލަތުގެ ނިޒާމާއި، ޢިލްމިއްޔާ އާއި، މީޑިޔާ ފަދަ ހުރިހައި ދާއިރާތަކެއްގައި ވަކި ހިއްޕައިލައިގެން ތިބި ޢަލްމާނީންގެ ސަބަބުން ތުރުކީގެ އިސްލާމީ ޝަޚްޞިއްޔަތު މުޅީން ކަތިލެވި، ޤައުމުން އަބަދުގެ އަބަދަށް ޓަކައި އިސްލާމީ ނޫރުގެ އަލިކަން ނެތި ވެގެން ނުދިޔައީ އެ ޤައުމުގެ މުސްލިމް އެތައް ހާސް ދަރީންނެއްގެ މަތިވެރި ޤުރްބާނީގެ ސަބަބުންނެވެ. އެފަދަ އެއް ޤުރުބާނީ އަކީ، "ބަންގީގެ ޝަހީދު"ގެ ޝަރަފުވެރި ލަޤަބު ލިބިވަޑައިގަތް ތުރުކީ ލީޑަރު ޢަދްނާން މެންދަރެސް ފުރާނަފުޅުން އަގު ދެއްވައިގެން، ޢަރަބި ބަހުން ބަންގި ގޮވުން އަލުން ރުޖޫޢަ ކުރެއްވި ކުރެއްވުމެވެ.

މުޞްޠަފާ ކަމާލާއި އޭނާގެ ލާދީނީ އެކުވެރީން ވަނީ ތުރުކީގައި ޢަރަބި ބަހުން ބަންގި ގޮވުމާއި، ﷲ ގެ އިސްމުފުޅު ޢަރަބި ބަހުން ބޭނުން ކުރުން ވެސް 1932 ވަނަ އަހަރު ފާސްކޮށް ތަންފީޛު ކުރާން ފެށި ޤާނޫނެއްގެ ޒަރީޢާއިން މަނާ ކޮށްފައެވެ. "ﷲ" މި އިސްމުފުޅުގެ ބަދަލުގައި، ތުރުކީގައި ބޭނުން ކުރާ ގޮތަށް ޢަލްމާނީން ހަމަޖެއްސީ "މާތްރަސްކަލާނގެ" މި މާނަ ކުރެވޭ ތުރުކީ ލަފުޒެއް ކަމުގައި ވާ "ތާންރް" އެވެ. އެހެންކަމުން، ތުރުކީގައި ބަންގި ގޮވާ އިރު، ބަންގީގެ ފުރަތަމަ ކަލިމައެއްގެ ގޮތުގައި، "ﷲ އަކްބަރު" ގެ ބަދަލުގައި އޮންނަނީ "ތާންރް އުލުދޫރް" އެވެ. މި ފިޔަވަޅާ ދެކޮޅަށް ވެސް ތުރުކީގެ ރައްޔިތުން އެކި ސިފަސިފައިގައި އިޙްތިޖާޖު ކުރިއެވެ. ނަމަވެސް ޢަލްމާނީން އެމީހުންގެ ގޮތް ދުލެއް ނުކުރިއެވެ. މިސްކިތްތަކުގެ މުއައްޒިނުން އެކަމާ ދެކޮޅު ހަދައި، ޢަރަބި ބަހުން މެނުވީ ބަންގި ނުގޮވާނެކަން ސަރުކާރުގެ ކަމާބެހޭ ފަރާތަށް އެންގިއެވެ. މުޞްޠަފާ ކަމާލު އެންގީ، ތުރުކީ ބަހުން ބަންގި ގޮވުމަށް ތަމްރީނު ކުރެވިފައި ތިބި މީހުން އެބަތިބި ކަމަށާއި، ތުރުކީ ބަހުން ބަންގި ގޮވުމަށް އިންކާރު ކުރާ ކޮންމެ މުއައްޒިނަކު ވަޒީފާއިން ވަކި ކުރުމަށެވެ. ޢާއްމު ރައްޔިތުން މަގުތަކަށް ނުކުމެ އެކަމާ ދެކޮޅަށް އަޑު އުފުލައި އިޙްތިޖާޖު ކުރުމުން، ލާދީނީ ސަރުކާރުގެ ފުލުހުން އިންތިހާ ދަރަޖައިގެ އަނިޔާވެރިކަމާ އެކު އެ ހުރިހައި އިޙްތިޖާޖުތަކެއް ވެސް ރޫޅައިލީއެވެ. ބައެއް މިސްކިތްތަކުގައި މުއައްޒިނުން ޢަރަބި ބަހުން ބަންގި ގޮވުން ނުހުއްޓާތީ، މިސްކިތްތަކުގެ ކައިރީގައި ފުލުހުން ބައިތިއްބައި، ޢަރަބި ބަހުން ބަންގި ގޮވައިފި ކޮންމެ މުއައްޒިނަކު ހައްޔަރު ކޮށް، ޖޫރިމަނާ ކޮށް ނުވަތަ ތިން މަހަށް ޖަލަށް ލުމުގެ އަދަބު ވެސް ދެވުނެވެ. ނަމަވެސް މި ނާތަހުޒީބު ޢަމަލާ ދެކޮޅަށް ތުރުކީގައި ކުރެވެމުން ދިޔަ އިޢުތިރާޟާއި އިންކާރާއި އިޙުތިޖާޖަކަށް ހުއްޓުމެއް ނައެވެ. މުސްލިމް މައިންބަފައިން ނުހަނު ފަރުވާތެރިކަމާ އެކު، ޅަދަރީންނަށް ޢަރަބި ބަހުން ބަންގި ގޮވާން ދަސް ކޮށްދެމުން ދިޔައެވެ. ހިތްވަރުގަދަ މުސްލިމް މުޙައްރިކުން، ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް، ޢަރަބި ބަހުން ބަންގީގެ އަޑު އިއްވަމުން ތުރުކީގެ ކަންކޮޅުތަކުގައި ފައިމަގުގައި ދަތުރު ކުރުން ފަދަ މާނަ ފުން ރަމްޒީ ޙަރަކާތްތައް ހިންގަމުން ދިޔައެވެ. އެފަދަ ދެ މުޙައްރިކުން ކަމުގައި ވާ މުޙްޔިއްދީން އަރްތުޣްރޫލާއި، ޢުޘްމާން ޔާޒް، 1949 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހު، ތުރުކީގެ ޤާނޫނު ހަދާ މަޖިލިހުގެ ޖަލްސާއެއް ކުރިޔަށް ދަނިކޮށް، މަޖިލިސް އަޑު އެހުމަށް ވަދެތިބޭ މީހުންގެ ގެލެރީގެ ތެރެއިން، ހަރުއަޑުން ޢަރަބި ބަހުން ބަންގީގެ އަޑު އިއްވިއެވެ.

"ބަންގީގެ ޝަހީދު" ޢަދްނާން މެންދަރެސް އަކީ ތުރުކީގެ ނުވަވަނަ ބޮޑުވަޒީރެވެ. ޢަދްނާނާއި އޭނާގެ އަރިސް ބެއިފުޅުން 1946 ވަނަ އަހަރު ތުރުކީގެ ޑިމޮކްރެޓިކް ޕާޓީ އުފެއްދެވިއެވެ. އަދި ތުރުކީގައި ބޭއްވުނު ފުރަތަމަ މިނިވަން އިންތިޚާބު ކާމިޔާބު ކުރައްވައި، 1950 ވަނަ އަހަރު ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަތެވެ. އޭނާގެ ޕާޓީއަށް ޤާނޫނު ހަދާ މަޖިލިހުން ލިބުނު 52 އިންސައްތައިގެ އަޣްލަބިއްޔަތުގެ ބާރުގައި އެންމެ ފުރަތަމަ ނިންމެވި ނިންމެވުމަކީ، ތުރުކީ ބަހުން ބަންގި ގޮވުން މަޖުބޫރު ކުރި ޤާނޫނު އުވައިލައްވައި، ޢަރަބި ބަހުން ބަންގި ގޮވުން ރުޖޫޢަ ކުރެއްވުމެވެ. މި މުހިއްމު އަދި ތާރީޚީ ނިންމުން ނިންމުނީ 16 ޖޫން 1950 ގައެވެ. އެއީ އެ އަހަރު އައި ރަމަޟާން މަހުގެ މުލަރޯދައިގެ ކުރީ ދުވަހެވެ. އެއީ ތުރުކީ ބަހުން ބަންގި ގޮވާތާ އަށާރަ އަހަރު ފަހުންނެވެ. މި ފިޔަވަޅަށް ފަހު، ޢަދްނާން ދެން ކުރެއްވި އެންމެ މުހިއްމު އެއް މަސައްކަތަކީ، ތުރުކީގެ އެކި ހިސާބުހިސާބުގައި، ދާރުލްއާސާރުތަކާއި އެނޫންވެސް އެ ބާވަތުގެ ބޭނުންތަކަށް ބަދަލު ކުރެވިފައި ހުރި އެތައް ހާސް މިސްކިތެއް، އަލުން މިސްކިތްތަކުގެ ގޮތުގައި ބޭނުން ކުރައްވާން ފެއްޓެވުމެވެ. މި މުހިއްމު މަސައްކަތުގެ ތެރޭގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. "ތުރުކީންގެ ޤައުމަކީ މުސްލިމް ޤައުމެކެވެ. މި ޤައުމު ތާއަބަދު ދެމިއޮންނާނީ މުސްލިމް ޤައުމެއްގެ ގޮތުގައެވެ."

ޢަދްނާން މެންދަރެސްގެ މި ފިޔަވަޅުފުޅާ އެކު، ލާދީނީ ޢަލްމާނީންގެ ރުޅިޔާއި ނަފްރަތުގެ އެންމެ ބޮޑު އަމާޒަކަށް އެމަނިކުފާނު ވެގެން ދިޔައެވެ. އެކި ގޮތްގޮތުން އެމަނިކުފާނާ ދެކޮޅަށް ރޭވުނު ރޭވުންތައް ކާމިޔާބު ވީ 1960 ވަނަ އަހަރު ގެނެވުނު ޢަލްމާނީ ބަޣާވާތުގައި އެމަނިކުފާނުގެ ސަރުކާރު ވައްޓައިލެވި، އެމަނިކުފާނާއި ޑިމޮކްރެޓިކް ޕާޓީގެ ޒަޢާމަތުގައި ތިއްބެވި އިސްލާމީ ޚިޔާލުގެ ހުރިހައި ބެއިފުޅުން ހައްޔަރު ކުރެވުނު ހިސާބުންނެވެ. ޢަސްކަރީ ކޯޓެއްގައި ހިންގި "ޝަރީޢަތަކަށް" ފަހު އެމަނިކުފާނާއި، އަދިވެސް ބައެއް އެހެން ބެއިފުޅުންގެ މައްޗަށް އިއްވުނީ މަރުގެ ޙުކުމެވެ. ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން، އިޚްލާޞްތެރި އަޑުތަކާއި މުނާފިޤު އަޑުތައް އެއް ގޮވުމަކުން، އެ ޙުކުމް ތަންފީޛު ނުކުރުމަށް އާދޭސް ކުރަމުން އެދެމުން ދަނިކޮށް، ލާދީނީން ރަޙުމެއް ހަމްދަރުދީއެއް ނެތުމުގެ މިސާލެއް ދުނިޔޭގެ ކުރިމަތީގައި ތަމްސީލު ކުރަމުން އެމަނިކުފާނު ދަން ޖައްސައި އަވަހާރަ ކޮށްލީއެވެ. ﷲ އެމަނިކުފާނުގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވަވާށިއެވެ!

ލާދީނީންގެ ނުބައި ވިހައިން ތުރުކީ ސަލާމަތް ވީ މިފަދަ އެތައް މުސްލިމް ދަރީންގެ މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ. ފުރާނަޔަށް ބެލުމެއް ނެތި، އެމީހުން ދީން ޙިމާޔަތް ކުރުމުގެ މަގުގައި ކުރިޔަށް ހިނގި ހިނގުމުގެ ސަބަބުންނެވެ.

ލާދީނީންގެ ވިހައިން ޤައުމު ސަލާމަތް ކުރުން

މިއަދު އަޅުގަނޑުމެންނަށް ފެންނަނީ "އެމްޑީއެން" އާއި "އުތެމަ" ފަދަ ލާދީނީ ޢަލްމާނީން، އަޅުގަނޑުމެންގެ ޤައުމުން އިސްލާމް ދީނުގެ އަލިގަދަ ނޫރުގެ އަލިކަން މުޅީން ނިއްވައިލާން އެކި ގޮތްގޮތުން މަސައްކަތް ކުރާ މަންޒަރެވެ. އެމީހުންގެ ބާރާއި ނުފޫޒުގައި، އިސްލާމް ދީން ރާއްޖޭގައި "ޑީއިންސްޓިޓިޔުޝަނަލައިޒް" ކުރެވެމުން ދާތަނެވެ. މި މީހުންނަކީ "ޜައުން ތުރްކް" އެކޭ އެއްފަދައިން، އިސްލާމް ދީނަކީ ހަރުކަށިކަމާއި އަނިޔާވެރިކަމާއި ޓެރަރިޒަމުގެ ދީނެއް ކަމަށް ދެކޭ މީހުންނެވެ. އިސްލާމި ޝަރީޢަތަކީ ކަޓުމުއްލާ، ބޯދާ، އިންސާނީ ޙައްޤުތައް ނިގުޅައިގަންނަ ނިޒާމެއް ކަމަށް ދެކޭ މީހުންނެވެ. އިސްލާމް ދީނަކީ އަންހެނުން ނިކަމެތި ކުރާ ދީނެއް ކަމަށް ޤަބޫލު ކުރާ މީހުންނެވެ. އިސްލާމް ދީނަކީ ހުރިހައި ޣައިރުމުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ގޮވައިލާ ދީނެއް ކަމަށް ދެކޭ މީހުންނެވެ. އިސްލާމް ދީނަކީ އެއްވެސް ތާކުންތާކު ނުޖެހޭ ބާޠިލު ފިކުރެއް ކަމަށް ދެކޭ މީހުންނެވެ. މި މީހުން ދެކޭ ގޮތުގައި، ދިވެހިރާއްޖޭގައި ވެސް، އަދި ދުނިޔޭގެ އިސްލާމީ ކޮންމެ މުޖުތަމަޢެއްގައި ވެސް، "ހެޔޮ މުޖުތަމަޢެއް" އުފެއްދޭނީ އިސްލާމް ދީން ދޫކޮށްލައި، އިސްލާމް ދީނުގެ ޝަރީޢަތް އެއްލައިލައި، ހުޅަނގުގެ ފިކުރުތަކާއި ފަލްސަފާތަކާއި ހުޅަނގުގެ އަޚްލާޤިއްޔާތާއި، ހުޅަނގުގެ އިންސާނީ ޙައްޤުތަކުގެ އުޞޫލުތައް ތަންފީޛު ކޮށް، މައްކާ އާއި މަދީނާ އާއި ޤުދުސްގެ މަޤާމު ލަންޑަނާއި ވޮޝިންގޓަނާއި ބްރަސަލްސަށް ދީގެންނެވެ.

މި ދަންނަވާ މީހުންގެ އަތްމައްޗަށް ދިވެހި ޤައުމުގައި ބާރުވެރިކަން ލިބިއްޖެ ނަމަ، ދިވެހި ޤައުމުން އިސްލާމް ދީން ފޮހެލުމަށް އެމީހުން ކުރާ މަސައްކަތް ކާމިޔާބު ވުން ފަސޭހަ ވާނެއެވެ. ސަބަބަކީ ދިވެހިރާއްޖެޔަކީ، ތުރުކީ ފަދަ މުސްލިމް ޤައުމުތަކާ އަޅައިބަލާ އިރު، ޢިލްމީ ހެއިލުންތެރިކަން ދަށް، ޢާއްމު މުޖުތަމަޢު މާއްދިއްޔަތާއި ފައިސާޔާއި މުދަލުގެ އަޅުވެތިކަމަށް ގޮސްފައި އޮތް މިންވަރު ބޮޑު، ދީނީ ޢިލްމުވެރިކަމާއި ޢިލްމުވެރީން ނެތް، ދީނުގެ ރޫޙާނިއްޔަތާއި އަޚްލާޤިއްޔާތުގެ ބައި ގާތްގަނޑަކަށް މުޅީންހެން ނެތިގޮސްފައި އޮތް، ޢަޤީދާ އާއި އީމާންކަމުގެ ގޮތުން ބަލިކަށި، ހުޅަނގުގެ ފިކުރުތަކަށް މުޅި ޒުވާން ޖީލު އެކަށްހެން ގޮސްފައި އޮތް، އަދި އިސްލާމް ދީން "އިންސްޓިޓިޔުޝަނަލައިޒް" ކުރާ ނިޒާމުތަކާއި ކަންކަމާއި ބަހާތައް މަދު އަދި ބަލިކަށި ޤައުމަކަށް ވުމެވެ. ޒިންމާދާރު މުސްލިމުންގެ ގޮތުގައި، އަދި އިސްލާމީ އުއްމަތުގެ ހެއިލުންތެރި މެންބަރުންގެ ގޮތުގައި، ޤައުމުގައި ހިނގަމުންދާ ކަންކަމާ މެދު ވިސްނާ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދުކަމުންނެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތުގެ މުލުގައި ތޫނު ކަތިވަޅިން ޖަހާ އިރު ވެސް، އެއީ ދީނާ ދެކޮޅަށް ކުރެވޭ ކަމެއް ނޫން ކަމަށް އެތައް ހާސް ދިވެހި ރައްޔިތުން ޤަބޫލު ކުރަނީ މި ދެންނެވި ސަބަބުތަކާ ހުރެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް އުވައިލައި، އެ މަޖިލިހުގެ ބަދަލުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އުފެއްދުމުން، އެއީ ވެސް ދީނީ ކަންކަމަށް ގެނައި ކުރިއެރުމެއް ކަމަށް ގިނަ ޢަދަދެއްގެ ދިވެހީން ޤަބޫލު ކުރީ ވެސް މި ސަބަބުތަކާ ހުރެއެވެ.

ލާދީނީ ޢަލްމާނީންގެ އަތްދަށުން ދިވެހި ޤައުމު ސަލާމަތް ކުރުމުގެ މަގަކީ ކޮބައިކަން ވަރަށް ސާފެވެ. އެ މަގަކީ، އަޅުގަނޑުމެންގެ ތެރޭގައި ދީނީ ޚިދުމަތުގައި ބޭރުފުށުގެ ކަންކަމާއި ބައެއް ކަހަލަ ފަރުޢީ ކަންކަމަށް ފޯކަސް ކޮށްގެން ކުރަމުން ގެންދާ މަސައްކަތުގެ ބަދަލުގައި، އިސްލާމް ދީނުގެ މަތިވެރި ޢަޤީދާ އާއި، ސާފު ރޫޙާނިއްޔަތާއި، ރިވެތި އަޚްލާޤު ހެޔޮ ގޮތުގައި އަޅުގަނޑުމެންގެ ދަރީންނަށް އުނގަންނައިދިނުމުގެ މަގެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު "އިސްލަމައިޒް" ކޮށް، އެ ނިޒާމު ހުޅަނގުގެ އިސްތިޢުމާރީ ނުފޫޒުން ސަލާމަތް ކުރުމުގެ މަގެވެ. ދިވެހިރާއްޖޭގެ މީޑިޔާ އިސްލާމީ މީޑިޔާއަކަށް ހެދުމުގެ މަގެވެ. ދިވެހިރާއްޖޭގެ ފަންނުވެރިކަން، އިސްލާމީ އަޚްލާޤިއްޔާތުގެ ތެރޭގައި، އިސްލާމީ އަދި ދިވެހި ސަގާފަތާއި ތަރިކައިގެ މައްޗަށް ބިނާ ވެގެންދާ އެއްޗެއްގެ ގޮތުގައި، ތަރައްޤީ ކޮށް ކުރިއެރުވުމުގެ މަގެވެ. ވޯލްޓް ޑިޒްނީ "އިންޓަރނޭޝަނަލް ސްކޫލުން" އަޅުގަނޑުމެންގެ ދަރީންގެ ބޮލަށް އަޅަމުން ގެންދާ ހުޅަނގުގެ ފިކުރުތަކާއި ސަގާފަތުގެ ދޮރު މުޅީން ބަންދު ކޮށް ތަޅުލުމުގެ މަގެވެ. އަޅުގަނޑުމެންގެ ޅަޒުވާން ޖީލުތަކަށް އިސްލާމީ އަދި ދިވެހި ތާރީޚު ހެޔޮ ގޮތުގައި އުނގަންނައިދިނުމުގެ މަގެވެ. އެންމެ މުހިއްމު އެއް ކަމަކަށް ކުރާން ޖެހޭ ކަމަކީ، ލާދީނީ ޢަލްމާނީންނަށް ދައުލަތުގެ އެއްވެސް އިސް މަޤާމަކަށް، ބާރުގެ ގޮނޑިޔަކަށް، ނިންމުންތައް ނިންމުމުގެ މަންސަބަކަށް އައުދެވުނަ ނުދިނުމުގެ މަގެވެ. "ޑިމޮކްރަސީ" އޭ "އިންސާނީ ޙައްޤޭ" ކިޔަމުން، ޖަމްޢިއްޔާޖަމާޢަތްތައް ހަދައިގެން، މުސްލިމުންގެ ބޮލަށް ހުޅަނގުގެ ޢަލްމާނީ ފިކުރުތަކުގެ ވިހަ އެޅުމަށް ޓަކައި މުސްލިމުންގެ ތެރޭގައި ގުންފައި ޖަހަމުން ހިނގުމުގެ ފުރުޞަތު މިބައިމީހުންނަށް ނުދިނުމުގެ މަގެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، އިސްލާމް ދީނަކީ އިންސާނީ ކަރާމާތާއި، ޙުއްރިއްޔަތާއި، މިނިވަންކަމާއި، އިންސާނާގެ ޙައްޤުތަކާއި، މުޖުތަމަޢުގެ ވެރިކަމުގެ ނިޒާމުގައި ޖުމްހޫރިއްޔަތު ޤާއިމު ކުރުމުގެ ދީނެވެ. ނަމަވެސް، މުސްލިމުންނަށް މި ކަންކަން ކިޔަވައިދޭން ހުޅަނގުގެ ސާހިބުންނާއި، އެ ސާހިބުންގެ ދަރިވަރުން އަންނާން ޖެހޭ ވާހަކަޔަކީ އަޅުގަނޑުމެން ދުވަހަކުވެސް ޤަބޫލު ކުރާނެ ވާހަކައެއް ނޫނެވެ. އެކަން ކުރާކަށް މިނިވަންކަން ދޭން ޖެހޭ އެއްވެސް ޙައްޤު ސަބަބެއް ނޯންނާނެއެވެ. ދުނިޔޭގެ އެއްވެސް ޤައުމެއް، އެ ޤައުމެއްގެ ހެޔޮ ޤައުމިއްޔަތާއި އެ ބައެއްގެ ހެޔޮ ދީނާއި، ހެޔޮ ޤިޔަމުތައް ފުނޑުފުނޑު ކުރާން އަންނަ ބަޔަކު އައިސް، ފައިލުބޮނޑި ހިފައިގެން، ބެޖު ޖަހައިގެން، ޤައުމުގެ އެތަންމިތަނުގައި ވޯކުޝޮޕު ހިންގަމުން، އަތް ފުޅާ ކޮށްފައި ހިނގާކަށެއް ފުރުޞަތެއް ނުދެއެވެ. ދީގެން ނުވެސް ވާނެއެވެ.

މި ކަންކަން އަޅުގަނޑުމެންނަށް މިއަދު ނުކުރެވިއްޖެ ނަމަ، ދެން ދިވެހީންނަށް މާތް ވެގެންވާ އިސްލާމް ދީން އަލުން ލިބޭނީ، ތުރުކީގެ ބިމަށް ޢަދްނާން މެންދަރެސްގެ ލެއިފޮދު އޮހޮރިގެން ދިޔަ ފަދައިން، އެތައް ޝަހީދުންނެއްގެ ލެއި ދިވެހި ބިމަށް އޮހޮރިގެން ދިޔުމަށް ފަހުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް