ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ސީރިއަސް އަނިޔާއެއް ނުލިބޭ!

ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓްގައި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ----

ހުޅުމާލޭގައި މިއަދު އިރުއޮއްސެން ވެފައި ވަނިކޮށް ޓްރަކަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ނަމަވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބި ސަލާމަތްވެއްޖެ އެވެ.

ހުޅުމާލެ ރެޑްވޭވް ކައިރިން ޓްރަކަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ މިއަދު ހަވީރު 6:00 އެހައިކަންހާއިރުއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގިއިރު ޓްރަކު ދުއްވަނީ އިނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި ސައިކަލް ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި ހަށިގަނޑުގެ ބައެއް ތަންތަން ހަން މަށައިގެން ގޮސްފައި ހުރުމުން ބޭސް އެޅުމަށް ފަހު މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓްގައި ޒުވާނާ ދުއްވަން އިން ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އެ ހާދިސާ ހިނގިއިރު ދެ އުޅަނދު ދުއްވަން އިން ދެ މީހުންގެ އަތުގައި ވެސް އެ ކެޓަގަރީގެ ލައިސެންސް ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް