ރައީސް އޮފީހުގެ މެސެޖު: ހަނު ނުތިބެ ވިސްލް ބްލޯވާ އަކަށްވޭ

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: ސަން ފައިލް ފޮޓޯ

ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ބެހޭ ގާނޫނުގެ ދަށުން ކޮރަޕްޝަނާ ވައްކަމުގެ މައުލޫމާތު ހާމަކޮށް ވިސލް ބްލޯވާ އަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދެފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަދި ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ތައްޔާރު ކުރާ "ލެޖިސްލޭޓިވް އެެންޑާ" ވެބް ސީރީޒްގެ ފުރަތަމަ އެޕިސޯޑު ހާއްސަކޮށްފައިވަނީ ވިސްލް ބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނަށެވެ.

އެ ގާނޫނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ލީގަލް ކައުންސިލާ ޓު ދާ ޕްރެޒިޑެންޓު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ އެ ގާނޫނުގެ ނަތީޖާ ފެންނަ މިންވަރަށް ގާނޫނު ތަންފީޒުވާން ފެށުމުން ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

މި އެޕިސޯޑު ގައި، ވިސްލް ބްލޯ ކުރާ މީހުންނަށް ރައްކާތެރިކަން ދިނުމުގެ ގާނޫނުގައި ހުރި ކަންތަކާއި ތަންފީޒު ކުރާނެ ގޮތް އަދި އޭގެ ނަތީޖާ ވަނީ ތަފްސީލުކޮށް ގެނެސްދީފައިވެ އެވެ.

އަފީފް ވިދާޅުވީ އެ ގާނޫނަކީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ނައްތާލުމަށް ކުރާ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެންނާނެ ގާނޫނެއް ކަމަށެވެ.

މުޖުތަމައު ތަރައްގީވެ ތަހުޒީބުވެފައިވާ މިންވަރު ބަލަނީ އެ މުޖުތަމައެއްގެ ފަރުދުންނަށް ލިބިދީފައި އޮންނަ ހައްގުތައް ކަށަވަރުކޮށްދީފައިވާ މިންވަރާއި އަދުލުއިންސާފު ގާއިމް ކުރުމުގެ ނިޒާމު ބިނާވެފައި އޮންނަ ގޮތާއި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށް އެތަނެއްގައި އެކަށައެޅިފައިވާ ނިޒާމުގެ ހަރުދަނާ ކަން ފަދަ މިންގަނޑުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގާނޫނުގެ އަމާޒަކީ އެކަހަލަ މުޖުތަމައަކަށް ދިވެހި މުޖުތަމައު ހެދުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވިސްލްބްލޯ ކުރެވިދާނެ ފަރާތްތަކަކީ ދައުލަތުގެ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ އެއްވެސް ޝަހުސެއް ކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

އެ ގާނޫނު ބުނާ ގޮތުން ގާނޫނީ ޒިންމާއެއް އަދާ ނުކުރުމާއި އިންސާނީ ހައްގަކާއި ހިލާފުވި ކަމުގެ މައުލޫމާތު ހިމާޔަތާ އެކު ހާމަ ކުރެވޭނެއެވެ. އޭގެ އިތުރުން ކޮރަޕްޝަނާއި، ތިމާވެއްޓަށް ނުރައްކާވާ ކަންކަން ކުރުމާއި، ދައުލަތުގެ މަގާމުގެ ނުފޫޒެއް ނާޖާޒު ގޮތުގައި ބޭނުން ކުރާނަމަ އެކަމުގެ މައުލޫމާތު ހާމަ ކުރެވޭނެއެވެ.

ވިސްލްބްލޯ ކުރަން އުޅެގެން ނުވަތަ ކޮށްގެން އެކަން ހުއްޓުވަން ނުވަތަ އިންޒާރުދީ ހެދުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ބިލުގައި ހިމަނާފައި ވާއިރު، އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަ މަސް ދުވަހާއި ދެމެދުގެ ޖަލު ހުކުމެކެވެ.

މައުލޫމާތު ހާމަކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރާނެ ކަމަށް ގާނޫނުގައި ބުނެފައިވާއިރު، ކޮރަޕްޝަނުގެ އަމަލެއް ރިޕޯޓުކުރާ ފަރާތުގެ ނަމާއި، އެޑްރެސް، އުމުރު އަދި އާއިލާއާ ބެހޭ މައުލޫމާތު ސިއްރުކޮށްފައި ބާއްވަން ޖެހޭނެ ކަމަށާއި ވިސްލްބްލޯ ކުރާ ފަރާތުން ދޭ މައުލޫމާތަކީ އެފަރާތުން އެކަން ހިނގިކަން ސާބިތުކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ގާނޫނުގައި ވެއެވެ.

"އެއްގޮތަކަށްވެސް ހީފުޅުނުކުރައވާތި މިގާނޫނު އައުމުގެ ނަތީޖާ އަކީ ވަރަށް ގިނަ މީހުންތަކެއް ޖަލަށް ދިޔުމޭ. ހަމަ ސީދާ އިދިކޮޅު މި ގާނޫނުގެ ނަތީޖާ އަކަށް ވާނީ. ގާނޫނުގެ ނަތީޖާ އަކީ މިފަދަ ނިޒާމެއް އެކަށީގެންވާ ގޮތެއްގައި ނަތީޖާ ނެރެވޭނެ ގޮތަށް ތަންފީޒުވަން ފެށުމުން، މި ބާވަތުގެ އަމަލުތައް ހުއްޓޭނެ. ދައުލަތުގެ ޝަރުއީ ނިޒާމަށް ލުއިކަން ލިބިގެންދާނެ،" އަފީފް ވިދާޅުވިއެވެ.

"އެހެންވީމާ މިއީ ހަނު ހުންނަންވީ ވަގުތެއް ނޫން. ހަނު ހުރުމަކީ އެތައް ލައްކަ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް. އެއީީ އަނިޔާއަކަށްވެސް ވެދާނެ،" އަފީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ގާނޫނުގެ ބޭނުން ދައުލަތުގެ މުވައްޒަފުންނާއި ޕްރައިވެޓް ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ވިސްލް ބްލޯވާ ޕޯޓަލް އަށް 1،022 މައްސަލަ ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރެއިން 727 މައްސަލައަކީ ސައްހަ މައްސަލަތަކުގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި 189 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ،

ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގާނޫނު ތަސްދީގުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

comment ކޮމެންޓް