ލުބުނާނުގެ ވަގުތީ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުން ރައީސް އަވްނު އެކަން ގަބޫލު ކުރައްވައިފި

މުސްތަފާ އަދީބު

ބައިރޫތު (ސެޕްޓެމްބަރު 26) : ލުބްނާނުގައި އައު ސަރުކާރެއް އެކުލަވާމުގެ މަސައްކަތް ހަވާލުކޮށްފައިވާ ވަގުތީ ބޮޑުވަޒީރު މުސްތަފާ އަދީބު އެކަމަށް ނުކުޅެދިވަޑައިގެން އިސްތިއުފާ ދެއްވުމުން ރައީސް މިޝައިލް ޢަވްން އޭނާގެ އިސްތިއުފާ ގަބޫލުކުރައްވައިފިއެވެ.

އައު ސަރުކާރެއް އެކުލަވާމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމާއެކު ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި މުސްތަފާ އަދީބު ވިދާޅުވީ އިސްތިއުފާ ދޭންޖެހުނީ ލުބްނާނުގެ ޕާލަމެންޓްގައި ހިމެނޭ ވާދަވެރި ސިޔާސީ ޕާޓީތަކުގެ ޝަރުތުތަކާ އެއްގޮތަށް ސަރުކާރެއް އެކުލަވާނުލެވިގެން ކަމަށާ އެގޮތަށް ސަރުކާރެއް އެކުލަވާލުމަކީ މުސްތަހީލް ކަމެއްކަމުގައެވެ. އެކަންކުރެވޭތޯ ކެތްތެރިކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށްވެސް މުސްތަފާ އަދީބު ވިދާޅުވިއެވެ.

އިސްތިއުފާ ދިނުމަށް ކުރިމަތިވި ސަބަބުތައް ވަރަށް ސާފުކޮށް ރައީސް މިޝައިލް ޢަވްނަށް ދެންނެވިކަމަށާއި ރައީސް އަވްން އެކަން ގަބޫލުކުރެއްވި ކަމަށްވެސް މުސްތަފާ އަދީބު ވިދާޅުވިއެވެ.

ލުބްނާނުގެ ރިޔާސީ ގަނޑުވަރު "ބަޢަބްދާ" އިންވަނީ ރައީސް މިޝައިލް ޢަވްނު، ވަގުތީ ބޮޑުވަޒީރު މުސްތަފާ އަދީބު ގެ އިސްތިއުފާ ގަބޫލުކުރެއްވިކަމާއި އެއާއެކު ގައުމުގެ ދަސްތޫރާ އެއްގޮތަށް އައު ބޭފުޅަކު ބޮޑުވަޒީރަކަށް އައްޔަންކުރުމުގެ މަސައްކަތް ރައީސް އަވްނު ކުރިޔަށް ގެންދަވާނެކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ.

ލުބްނާނުގެ ރައީސް މިޝައިލް އަވްނު

ރިޕޯޓްތައް ބުނާގޮތުން ލުބްނާނުގައި އައު ސަރުކާރެއް އެކުލަވާލެވޭ ވަރަށްވުރެ ބޮޑަށް އެގައުމުގެ ޕާލަމެންޓްގައި ހިމެނޭ ސިޔާސީ ޕާޓީތަށްވަނީ ބައިބައިވެފައެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ހިޒްބުﷲ ޖަމާއަތަކީ ލުބްނާނުގެ ޕާލަމެންޓްގައި ހިމެނޭ ނުފޫޒުގަދަ ޕާޓީއަކަށްވާއިރުވެސް ލުބްނާނުގެ ވެރިކަމުގެ ނިޒާމުން އެޕާޓީ އެކަހެރިކޮށް އެޕާޓީ ނުހިމެނޭގޮތަށް ސަރުކާރެއް އެކުލަވާލުމަށް އެމެރިކާއިން ލުބްނާނަށް ގެންދަނީ ވަރުގަދަ ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ. އެމެރިކާގެ މިފިއްތުންތަކަކީވެސް ލުބްނާނުގައި އައު ސަރުކާރެއް އެކުވަލާލުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

ޑިމޮކްރެޓިކް އުސޫލުން ހިޒްބުﷲ މެންބަރުން ލުބްނާނުގެ ޕާލަމެންޓަށް އިންތިޚާބުވެފައި ވީނަމަވެސް އެޕާޓީ ހިމަނައިގެން ސަރުކާރެއް އެކުލަވާލުމާ ދެކޮޅަށް އެމެރިކާ ލުބްނާނުގެ ސިޔާސީ ފަރާތްތަކަށް ބިރުދައްކަމުން ގެންދަނީ ހިޒްބުﷲ އަކީ އެމެރިކާގެ މަދަދުލިބޭ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ޖަމާއަތަކަށްވާތީއެވެ.

ލުބްނާނުގެ އައު ސަރުކާރެއް އެކުލަވާލުމަށް ވަގުތީ ބޮޑުވަޒީރު މުސްތަފާ އަދީބަށް އެގައުމުގެ ސިޔާސީ ޕާޓީތަކުން ކުރިން ދޫތަކެއް ދިންނަމަވެސް ފަހުން ޚިޔާލުތައް ބަދަލުވެ އެ ދޫތަށް އަނބުރައި ގެންދިޔުމަކީ ސަރުކާރެއް އެކުލަވާލުމަށް އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންކަމަށާ މައްސަލަ ކޮޅެއްގައި ނުޖެހުނީ މާލީ ވަޒީރު ކަމުގެ މަގާމަށް ހަމަޖައްސާނެ ބޭފުޅަކާ މެދު ޕާޓީތަކަށް ގޮތެއް ނުނިންމިގެން ކަމަށް ލުބްނާނުގެ ނޫސްތައް ބުނެއެވެ.

ލުބްނާންގެ ވަގުތީ ބޮޑުވަޒީރަކަށް މުސްތަފާ އަދީބު ހަމަޖައްސައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ރައީސް މިޝައިލް ޢަވްނު އޭނާއާ ހަވާލުކުރެއްވީ މިދިޔަ އޯގަސްޓް މަހު ލުބްނާނުގެ އޭރުގެ ބޮޑުވަޒީރު ހައްސާން ދިޔާބު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހައްސާން ދިޔާބާއި އޭނާގެ ސަރުކާރު އިސްތިއުފާ ދެއްވީ މިދިޔަ އޯގަސްޓް މަހު ވެރިރަށް ބައިރޫތުގެ ކަނޑުގެ ބަނދަރު ސަރަހައްދުގައި ގޮވި ބާރުގަދަ ގޮވުންތަކާއެކު އޭނާގެ ސަރުކާރަށް ރައްޔިތުންގެ ފަރާތުން ކުރިމަތިވި ވަރުގަދަ ފިއްތުންތަކާ ގުޅިގެންނެވެ.

ލުބްނާނުގެ ދަސްތޫރު ބުނާގޮތުން އެގައުމުގެ ރައީސަކަށް ހުންނަންޖެހޭނީ މެރޮނައިޓް ނަސާރާއެކެވެ. ބޮޑުވަޒީރަކަށް ހުންނަވަންޖެހޭނީ ސުންނީ މުސްލިމެކެވެ. ޕާލަމެންޓްގެ ރައީސަކަށް ޝިޔައީ މުސްލިމެކެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް