ޑާކްރެއިން އިން ޔޫޓިއުބަށް ކުރު ފިލްމު، ފަށަނީ "ދައުވަތު" އިން

ޑާކް ރެއިން "ޝޯޓްސް" ޕްރޮޖެކްޓްގެ ފުރަތަމަ ފިލްމު ކަމަށްވާ "ދައުވަތު"ގެ ޕޯސްޓަރު ---

ޑާކްރެއިން ސްޓޫޑިއޯ އިން ބެލުންތެރިންނަށް ހާއްސަކޮށްގެން ޔޫޓިއުބް މެދުވެރިކޮށް ކުރުފިލްމު ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ޑާކްރެއިން "ޝޯޓްސް"ގެ ނަމުގައި ހިމެނޭ ހާއްސަ ސެގްމެންޓުގެ ދަށުން ޑާކްރެއިންގެ ޔޫޓީއުބް މެދުވެރިކޮށް ފޭނުންނަށް ތަފާތު އެކި އާޓިސްޓުންގެ ކުރުފިލްމު ފަދަ ކޮންޓެންޓް ބަލައިލެވޭނެ އެވެ.

އެ ސްޓޫޑިއޯއިން ބުނެފައިވަނީ ޔޫޓިއުބް މެދުވެރިކޮށް ބަލާލެވޭ އެ ކޮންޓެންޓްތަކަކީ ހިލޭ ކޮންޓެންޓަށް ވާނެ ކަމަށެވެ. އެގޮތުން ކުރުފިލްމުތައް ނެރުމަށް ނިންމާފައިވަނީ ފޭނުންގެ ސަޕޯޓަށް ޝުކުރު އަދާކުރުމުގެ ގޮތުން ކަމަށް ޑާކްރެއިން އިން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން އާޓިސްޓުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައި އެ ޕްރޮޖެކްޓަކީ އާޓިސްޓުންނަށްވެސް ސަޕޯޓެއް ދިނުމަށް ފެށި ޕްރޮޖެކްޓެއް ކަމަށް ޑާކްރެއިން އިން ބުންޏެވެ.

ޝޯޓްސް ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ނެރުމަށް ހަމަޖެހިފައިވަނީ "ދައުވަތު" ނަމަކަށް ކިޔާ ކުރުފިލްމެކެވެ. އެ ފިލްމުގެ ޕޯސްޓަރު ވަނީ މިހާރު ޑާކްރެއިން އިން އާންމުކޮށްފައެވެ.

ދައުވަތު އަކީ ތްރިލާއެކެވެ. އެ ފިލްމުގައި ތަފާތު އެކި ކަހަލަ ޓްވިސްޓްތައް ހުންނާނެއެވެ. އެ ފިލްމުގެ ޕޯސްޓަރުން ފެނިގެންދަނީ ފިލްމުގެ ލީޑް އެކްޓަރުން ކަމަށްވާ އަހުމަދު ޝިފާ އާއި މަރިޔަމް ޝިފާ އެވެ.

comment ކޮމެންޓް