އިންޑިއާގެ ހާރިޖީ ވަޒީރުގެ ބަހުގެ ހަމަލަތަކެއް ޕާކިސްތާނަށް

އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖަޔަޝަންކަރު

ނިއުދިއްލީ (ސެޕްޓެމްބަރު 26) : މިހާރު ވާޗުއަލްކޮށް ކުރިޔަށް ގެންދާ އދ. ގެ ޖެނެރަލް އެސެމްބްލީގެ 75 ވަނަ ޖަލްސާގެ އަރިމަތީގައި ބޭއްވި ސާކް ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ސްބްރިމާނިޔަމް ޖައިޝަންކަރު އަވަށްޓެރި ޕާކިސްތާނަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދެއްވައިފިއެވެ.

ވާޗުއަލްކޮށް ބޭއްވި މިބައްދަލުވުމުގައި ޖައިޝަންކަރު ވިދާޅުވީ އިންޑިއާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަޝްމީރުގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އިންޑިއާއަށް އަމާޒުކުރަ ޓެރަރިސްޓް ޙަމަލާތަށް ކަމަށާ މިފަދަ ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވަނީ ޕާކިސްތާން ކަމުގައެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޖައިޝަންކަރުގެ ވާހަކައިގެ ބޮޑުބައި އަމާޒު ކުރެއްވީ އަވަށްޓެރި ޕާކިސްތާނަށް ބަހުގެ ހަމަލާތަށް ދެއްވައި ޕާކިސްތާނަކީ ޓެރަރިސްޓުންނަށް އެހީތެރިވާ ނުބައި ގައުމެއްކަމަށް ސިފަކުރެއްވުމުގައެވެ.

އިންޑިއާއިން ޕާކިސްތާނަށް ޓެރިޒަމްގެ ތުހުމަތުތައްކުރާއިރު ޕާކިސްތާނު ބުނާގޮތުން އިންޑިއާވެސް ގެންދަނީ ޓެރަރިޒަމަށްވާގިވެރިވެ އެކަމަށް އެހީތެރިކަން ފޯރުކޮށެދެމުންނެވެ. މިގޮތުން ޕާކިސްތާނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ބަލޫޗިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވަނީ އިންޑިއާއިން ކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ. ބަލޫޗިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކަކީ ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ބޮންގޮއްވައި ފުޅާދާއިރާއެއްގައި ޓެރަރިޒަމްގެ އަމަލުތަށް ހިންގަމުން ގެންދާ ޖަމާއަތްތަކެކެވެ.

ބަންގްލަދޭޝް، ނޭޕާލް، އަފްޣާނިސްތާން އަދި ބޫޓާނާއި ސްރީލަންކާއާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވި މިބައްދަލުވުމުގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ ބައިވެރިވެވަޑައި ނުގަންނަވައެވެ.

ސާކްގެ ޚާރިޖީ ވަޒީރުންނާ މުޚާތަބުކުރައްވައި ޖައިޝަންކަރު ވިދާޅުވީ ސާކްގެ ގައުމުތަކާ މުއާމަލާތް ކުރުމުގައި އިންޑިއާ ގެންގުޅެމުންދަނީ އަދި ގެންގުޅޭނީވެސް "ނެއިބާސް ފަސްޓް" ނުވަތަ "ފުރަތަމަ އަވަށްޓެރިޔާ" ގެ ސިޔާސަތު ކަމަށާ އަވަށްޓެރި ގައުމުތަކުންވެސް އިންޑިއާގެ މި އިޚްލާސްތެރިކަމުގެ އަގު ވަޒަންކުރާނެކަމަށް އުންމީދު ކުރައްވާ ކަމުގައެވެ.

މި ބައްދަލުވުމުގައި މުއްދަތެއްނެތި ފަސްކުރެވިފައިވާ ސާކްގެ 19 ވަނަ ސަމިޓް ބޭއްވުމާ ބެހޭގޮތުންވެސް ޚާރިޖީ ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށާ ނަމަވެސް އެކަމާބެހޭގޮތުން ގޮތެއް ނުނިންމުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. ސާކްގެ 19 ވަނަ ސަމިޓަކީ 2016 ވަނަ އަހަރު ޕާކިސްތާނުގައި ބާއްވަން މަސައްކަތްކުރި ސަމިޓެކެވެ.

އެ އަހަރު އެސަމިޓް ޕާކިސްތާނުގައި ބާއްވަން ހުރިހާކަމެއް ހަމަޖައްސާފައިވަނިކޮށް އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގު (ލައިން އޮފް ކޮންޓްރޯލް) ކައިރީގައިވާ އިންޑިއާގެ އަސްކަރީ މަރުކަޒަކަށް ކަޝްމީރުގެ ހަނގުރާމަވެރިން ގެ ބަޔަކު ދިން ހަމަލާއަކާ ގުޅިގެން އެކަމުގެ މަލާމާތް ޕާކިސްތާނަށް ރައްދު ކުރުމަށްފަހު އިންޑިއާއިން އެސަމިޓް ބޮއިކަޓްކުރުމުން އަދި މިހާތަނަށްވެސް އެސަމިޓް ބޭއްވިފައެއް ނުވެއެވެ.

އިންޑިއާގެ ނިންމުމާއެކު އެދުވަސްވަރު ސާކުގެ ބައެއް އެހެން ގައުތަކުންވެސް ޕާކިސްތާނުގެ ސަމިޓަށް ހާޒިރުވުމަށް އުޒުރިވެރިވިއެވެ. ނަމަވެސް ފަހުން ރިޕޯޓްތަކުން ހާމަވިގޮތުގައި ސާކުގެ ބައެއް އެހެންގައުތަކުން އެ ސަމިޓަށް ޙާޒިރުވާން ފަސްޖެހުނީ އިންޑިއާގެ ވަރުގަދަ ފިއްތުންތަކަކާ ގުޅިގެންނެވެ.

އޭގެފަހުން ޕާކިސްތާނުގައި ސަމިޓް ބާއްވަން އެ ގައުމުން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާއިރު އެކަން ކާމިޔާބުނުވަނ ސާކުގެ ގައުމުތަކަށް އިންޑިއާއިން ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ސަބަބުންކަމަށް ޕާކިސްތާންވަނީ އެތަށްފަހަރަކު ތުހުމަތުކޮށްފައެވެ. އިންޑިއާގެ މި ސުލޫކަށްފަހު ސާކުގެ ކަމެއްގައި ޕާކިސްތާން ބައިވެރިވާތަން އޭގެފަހުން ފެނިފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު