އިންޑިއާއިން ރާއްޖެ އައި ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފި

އިންޑިއާ ރާއްޖެ ކާގޯ ފެރީ ހދ. ކުޅުދުއްފުށީ ބޭރުގައި -- ފޮޓޯ/ ޕީއެސްއެމް

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި މުދާ ބަރުކޮށްގެން އައި ބޯޓު ހދ. ކުޅުދުއްފުށީގައި މިއަދު ހެނދުނު ބަނދަރުކޮށްފި އެވެ.

އިންޑިއާގެ ކޮޗިން އާއި ކުޅުދުފުއްޓާއި މާލެއާ ދެމެދު ބާއްވާ އެ ކާގޯ ފެރީ ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ މަހަކު ދެ ފަހަރު އެވެ. އެ ދަތުރުތަކުގައި ބޭނުން ކުރާ ބޯޓުގައި 20 ފޫޓު، އަށް ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެ އެވެ. އެއީ 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯ އެވެ.

ކާގޯ ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައި ވަނީ، މިއަދު ހެނދުނު 6:30 އެހާކަންހާއިރު އެވެ.

ކާގޯ ފެރީގެ ދަތުރުތަކުގެ ކަންކަމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓް، ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން އިން މިއަދު ބުނީ އެ ބޯޓުގައި ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް ބާލާނީ، 500 ޓަނުގެ ސިމެންތި އާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ކަމަށެވެ. އެއީ، 500 ޓަނަށް ވުރެ ގިނަ މުދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖެ-ކޮޗިން ކާގޯ ފެރީގެ ފުރަތަމަ ދަތުރަށް މަރުހަބާ ކިޔުމުގެ ގޮތުން ކުޅުދުއްފުށީގައި ކުލަގަދަ ރަސްމިއްޔާތެއް ބާއްވަން ރާވާފައި އޮތް ނަމަވެސް، އިއްޔެ ކުޅުދުއްފުށިން ކޮވިޑް ކޭހެއް ފެނުމާ ގުޅިގެން އެ ރަށަށް މީހުން އަރައި ފޭބުން މަނާކޮށްފައި ވާތީ، އެ ރަސްމިއްޔާތުތައް މިހާރު ވަނީ މަޑުޖެހިފަ އެވެ.

ކާގޯ ފެރީން މުދާ ހުސްކުރުމުގެ މަސައްކަތް ކުރާނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓު، (ކޭޕީއެލް)އިންނެވެ. އެ ބޯޓު ކުޅުދުއްފުށީ ބަނދަރާ ކައިރީ ނުކުރެވޭތީ މުދާ ބާލަނީ އެހެން އުޅަނދެއް އެ ބޯޓުގެ ކައިރިއަށް ގޮސްގެންނެވެ.

އެގޮތުން ކޭޕީއެލްއިން ބުނީ އެ މަސައްކަތުގައި 50 އެއްހާ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ބޯޓުން މުދާ ބޭލޭ ވަރު ވާނީ މިއަދު މެންދުރު 1:30 އެހާކަންހާއިރު ކަމަށް ވެސް ބުންޏެވެ.

ކުޅުދުއްފުއްޓަށް މުދާ ހުސްކުރުމަށްފަހު ބޯޓު ދެން ދަތުރުކުރާނީ މާލެ ޕޯޓަށެވެ. ގައުމީ ޝިޕިން ކުންފުނިން ބުނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދުކުރާ ކޮންމެ ދަތުރު 10 ދުވަސް ހޭދަވާނެކަމަށެވެ.

މި ކާގޯ ފެރީގެ ދަތުރުތަކުގައި ބޭނުން ކުރަނީ ޝިޕިންގް ކޯޕަރޭޝަން އޮފް އިންޑިއާ(އެސް.ސީ.އައި)އިން އޮޕަރޭޓްކުރާ "އެމްސީޕީ" ނަމަކަށްކިޔާ ކާގޯ ބޯޓެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު