ވިންދޭ ތިއީ ...

ދެވަނަ ފްލޯއަށް ލިފްޓް ހުއްޓުމާއިއެކު، އައިވަން ނުކުތެވެ. އޭނަގެ ދެލޯ ހޯދައިލީ "ދުއިސައްތަ ސޯޅަ" ޖަހާފައިވާ ކޮޓަރި އެވެ. އެ ކޮޓަރި ފެނުމާއިއެކު، ލަސް ފިޔަވަޅުތަކެއްގައި ގޮސް ބެލް އަޅައިލި އެވެ. އެތައް އިރެއް ވީ އިރުވެސް އަނަމްގެ ޚަބަރެއް ނުވި އެވެ. އޭނަ އެންމެފަހުން ކަންބޮޑުވެގެން އަނަމްގެ ނަންބަރަށް ގުޅި އެވެ. ފޯނު އޮތީ ނިވާލާފަ އެވެ. އެނބުރި އައިކޮޅަށް ދާންވެގެން ހިނގައިގަތް ވަގުތު ފެނުނު މަންޒަރަކުން އޭނަގެ ފިޔަވަޅުތައް ހުއްޓިއްޖެ އެވެ.

********

ދެމީހަކު ވެގެން ފިރެހެނެއްގެ ގައިގައި ތަޅަނީ އެވެ. އަތުގައި ހުރި ބާރެއްލާފައި ތަޅަމުންދިޔައިރު އެމީހާގެ އަނގަމަތި ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔަ އެވެ.

"އޭތް!..." ބާރަށް ހަޅޭއްލަވައިގަންނަމުން، އައިވަން އެދިމާއަށް ދުއްވައިގަތެވެ.

އެންމެން ސިހިފައި އައިވަންއަށް ބަލައިލި އެވެ. އެއަށްފަހު ކަންބޮޑުވެފައި އެކަކު އަނެކެއްގެ މޫނަށް ބަލާލައިފި އެވެ. ރާވިންގެ ގަމީހުގައި ހިފައި ދުރަށް ކޮށްޕައިލާފައި، ދެމީހުންވެސް ދުއްވައިގަތެވެ. މޭގައި އަތް އަޅަމުން އުނދަގޫ ގޮތަކަށް ތެދުވި ރާވިން ވެސް އައިވަން އައުމުގެ ކުރިން، ކޮރަމުން ކަހަލަ ގޮތަކަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެ އެވެ. އައިވަން ކަންބޮޑުވެގެން ދާންވީ ކޮޅެއް ނޭނގިފައި ދެކޮޅަށް ބަލަން ހުއްޓެވެ.

********

ވަރުބަލި ގޮތަކަށް ދެލޯ ހުޅުވައިލި އަނަމްއަށް ވަށައިގެންވި މާހައުލު ފެނުނީ ފުސްކޮށެވެ. މަންޒަރު ސާފުވާން ހިނދުކޮޅެއް ނެގި އެވެ. އޭރުވެސް އޭނަގެ ސިކުނޑި މަސައްކަތް ކުރާކަށް ނުފަށަ އެވެ. އޮވެވުނީ އޭނަގެ ކޮޓަރިއަކު ނޫނެވެ. އެކަމަކު އޭނަގެ ކޮޓަރިއަށްވުރެ އެތަން ފުރިހަމަވެފައި ޝާހީ އެވެ. ސުވާލުތަކުން ސިކުނޑި ސުމަކަށް ދިޔުމުން، ދެތިން ފަހަރަކު އެސްފިޔަ ޖަހާލާފައިވެސް ހުޅުވައިލި އެވެ. މަންޒަރު ބަދަލެއް ނުވި އެވެ.

އަނަމް އުޅުނީ ތެދުވާށެވެ. އަރިއަކަށް ފުރޮޅިލަން އުޅުނު ވަގުތު، އޭނަގެ ދެއަތާއި ދެފައި އޮތީ ބަނދެފައި ކަން އެނގުނެވެ. އޭނަ ހާސްވެގެން ތެޅިފޮޅިގަތީ ދެނެވެ. ދެލޯ ފުރުނު ކަރުނަތައް އޮހިގަންނާކަށް ގިނަ އިރެއް ނުނެގި އެވެ. ކަންތައް ވީގޮތް އޭނަގެ ހަނދާނަށް އަންނަން ފެށީ އެގޮތުގައި ހިނދުކޮޅެއް ފާއިތުވެދިޔަ ފަހުންނެވެ.

ރާވިން ދެކެ ހިތްހަމަނުޖެހިގެން ކޮޓަރިން ނުކުތް ގޮތަށް އޭނައަކަށް މާ ދުރަކަށް ނުދެވުނެވެ. ބަޔަކު އޭނަގެ ގައިގައި ހިފެހެއްޓީ ފުރަގަހުން އައިހެވެ. ހަޅޭއްލަވައިގަންނަން އޭނަ އެތައް މަސައްކަތް ކުރި އެވެ. އެހެނަސް، އެކަން ކާމިޔާބު ނުވެ، އެމީހުންގެ އަތްދަށުވީ އެވެ.

އެބަޔަކު އަނަމްގެ އަނގަމަތީގައި އެޅީ ފޮތިގަނޑެކެވެ. ލިފްޓްގެ ތެރެއިން ނުކުމެގެން، އަނަމްގެ ކޮޓަރި އާއި ދިމާއަށް ދިޔަ އައިވަން އޭނައަށް ފެނުނީ، ހަރަކާތް ކެނޑި ދެލޯ މެރެމުން ދަނިކޮށެވެ.

ސަލާމަތަށް އެދި، އައިވަން އާއި ދިމާއަށް އަތް ދިއްްކޮށްލެވޭތޯ އަނަމް މަސައްކަތް ކުރި އެވެ. އެހެނަސް، ހަރަކާތް ހުސްވެފައިވާ ހަށިގަނޑުގައި އެހާ ހިއްވަރު ނެތި، ދެލޯ މެރެމުން ގޮސް، އޭނަގެ ލޯމަތީން އައިވަން ގެއްލުނީ އެވެ.

"މަންމާ!..." ހުރިހާ ކަމެއް ހަނދާނަށް އައުމާއިއެކު، އަނަމް ރޯން ފެށި އެވެ.

ކަރު ހަލާކުވާހައި ބާރަށް ހަޅޭއްލަވަން ފެށި ނަމަވެސް، އެކަކުވެސް ނައެވެ. އެނދުމަތީގައި ތެޅިފޮޅެމުން ދަނިކޮށް މުށިތަކުގެ މައްޗަށް ގުޅައަކަށް ވެއްޓިއްޖެ އެވެ. ވީތަދާއި، ވެފައިވާ ވަރުބަލީގައި އަނަމްއަށް އޮތްތަނުން ގުޑިވެސް ނުލެވުނެވެ. ރުއިން ފިޔަވައި އިތުރު ކަމެއް ނުވެސް ކުރެވުނު މެއެވެ.

މާގިނަ އިރުތަކެއްނުވެ، އަންހެނަކު ދުވެފައި އައެވެ. ހީވީ އަނަމްގެ ހާލު އެނގިގެން ދުވެފައި އައި ހެންނެވެ. މެދު އުމުރުގެ އެމީހާ އައިގޮތަށް އައިސް އަނަމް ނެގޭތޯ މަސައްކަތް ކުރަން ފެށި އެވެ. އޭނައަށް އެކަން ނުވުމުން، އަނަމްގެ ބޯ އުފުއްލާލާފައި، އޭނާގެ އުނގުމަތީގައި ބާއްވައިލި އެވެ.

"ޝްޝްޝް..." އަންހެން މީހާ މަސައްކަތް ކުރީ އަނަމް ހަމައަކަށް އެޅުވޭތޯ އެވެ.

އެމީހާގެ އަތްދަށުން މިނިވަންވުމަށް އަނަމް އަނެއްކާވެސް ތެޅިގަތެވެ. ސަލާމަތަށް އެދި ހަޅޭއްލަވަން ފެށި އެވެ.

"ކޮއްކޯ!... ތިކުރާ ކަމަކުން އެއްވެސް ފައިދާއެއް ނުވާނެ..." އެމީހާ ވާހަކަ ދެއްކީ، ދިވެހި ބަހުންނެވެ. އޯގާތެރިކަމާއި އެއްވަރަށް ކަންބޮޑުވުމުގެ އަސަރުވެސް އެ އަޑުގައި ވިއެވެ. "ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް، މި ކޮޓަރިން ބޭރަށް ތީން އެއްވެސް އަޑެއް ނުދާނެ... ބޭކާރު ގޮތުގަ ކަރު ހަލާކު ކޮށްލާނެ ކަމެއް ނެތެއްނު..."

އަނަމް ހައިރާންވެގެން އެމީހާގެ މޫނަށް ބަލައިލީ ޤަބޫލު ނުކުރެވިފަ އެވެ. އެއީ ދިވެއްސަކަށްވާއިރު، އޭނައަކީ ކާކު ކަން އެމީހާއަށް އެނގޭކަން އެ މޫނުމަތީގެ އަސަރުތަކުން އޭނައަށް ޔަޤީން ވިއެވެ.

"އަވަހަށް ތެދުވޭ... ހިނގާ އެނދުގަ އޮށޯވެލަން..." އަނަމް ނަގަން މަސައްކަތް ކުރަމުން އެމީހާ ބުންޏެވެ.

"ނުދާނަން..." އަޑަށް ބާރުލާފައި އަނަމް ވާހަކަ ދެއްކި އެވެ. "ތަދުވެއޭ... މި މޮހާލަބަލަ..." ފަހު ޖުމްލަ އާއިއެކު، އޭނަގެ އަޑު ކުރެހިއްޖެ އެވެ.

އަންހެން މީހާ ދެފިކުރެއްގައި އިނދެފައި އެއްޗެއް ބުނަން އުޅުނެވެ. ދެން ތެެދުވެގެން ގޮސް ބޭރު ބަލައިލާފައި އެނބުރި އައިސް އަނަމްގެ ކައިރީގައި އިށީނެވެ.

"މޮހާލީމަ ދައްތަ ބުނާ ގޮތަށް ހަދާނަންތަ؟..." އެމީހާ އަހައިލި އެވެ.

އަނަމް ބޯ ޖަހާލި އެވެ. އެއާއިއެކު އެމީހާ އޭނަގެ އަތާއި ފައިގައި އައްސާފައިވާ ފޮތިތައް މޮހައިލި އެވެ. ތެދުވެ ހަށިގަނޑު ސީދާކޮށްލި އަނަމް ދޮރާއި ދިމާއަށް ބަލައިލީ ލޮލުގެ ހިމަކޮޅުންނެވެ. އެނދާއި ދިމާއަށް ހިނގައިގަނެފައި ވެސް އޭނަ ކުއްލިއަކަށް ކޮޓަރިން ނުކުމުވެން ހުރި ދޮރާއި ދިމާއަށް ދުއްވައިގެންފި އެވެ. ފަހަތުން އަންހެން މީހާވެސް ދުއްވައިގަތެވެ. ދޮރުން ނުކުމެގެން އޭނައަށް ދެވުނީ ވަކި ހިސާބަކަށެވެ. ޖާނުން ވަރުގަދަ ފިރެހެނަކު އޭނަގެ ކުރިމައްޗަށް އަރައިފި އެވެ.

އަނަމްއަށް އިތުރު ކަމެއް ނުކުރެވިގެން އުޅެނިކޮށް، ފަހަތުން އައިސް އަންހެން މީހާ އޭނަގެ ގައިގައި ހިފެހެއްޓި އެވެ. އޭނަ އަނަމް ގެންގޮސް ކޮޓަރިއަށް ވައްދާފައި ދޮރު ޖެހި އެވެ.

ކުޑަ ކުއްޖަކު ފަދައިން ހުރިތަނަށް ތިރިވި އަނަމް، ދެކަކުލުގައި ބޯ އަޅާލި އެވެ. ދެން އިވިގެން ދިޔައީ، މަޑު ގިސްލުމުގެ އަޑެވެ. އަންހެން މީހާ އަނަމްގެ ބޮލުގައި ފިރުމާލާފައި ނުކުމެގެން ދިޔައީ އެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ އެނބުރި އައީ ތަބަކެއް ހިފައިގެންނެވެ. އޭގައި ޖޫސް ތައްޓެއްގެ އިތުރުން، ދެވައްތަރެއްގެ ބިސްކޯދާއި މޭވާ ކޮށާފައި ހުއްޓެވެ.

އަނަމް އޭނާ އިން ތަނުގައި އިނެވެ. އެމީހާ ގޮވައިލުމުން، ގުޑިވެސް ނުލި އެވެ. އެންމެފަހުން ތަަބައް ބަހައްޓާފައި އެމީހާ ނުކުމެގެން ދިޔައީ އެވެ.

********

އައިވަން ގެއަށް އައިއިރު، ނުހާ އާއި ނޫމާން ތިބީ ދޮރުމަތީގައި ހިނގާލަހިނގާލަ އެވެ. އޭނަ ފެނުމުން، ނޫމާން ހަލުވި ފިޔަވަޅުތަކެއްގައި އައިސް، ވީގޮތް އޮޅުންފިލުވަން ފެށި އެވެ.

"ކޮބާ އޭނަ؟..." ބޭރަށް ނަޒަރު ހިންގައިލަމުން، ނޫމާން އަހައިލި އެވެ.

އައިވަން ހުރީ ވާނުވާ ނޭނގިފަ އެވެ. ކާކުތޯ ސުވާލު ކޮށްލުމުން، އަނަމް ކަމުގައި ބުންޏެވެ. އަނަމްގެ ޚަބަރެއް ނުވެގެން އެނބުރި އައި ވާހަކަ ބުނުމުން، ނުހާ އައިސް ނޫމާންގެ ގައިގައި ބޮނޑިއެއް އަޅާލައިފި އެވެ.

"އޭރުވެސް އަހަރެން ބުނީމޭ... ތާކުން ފެންނަހާ މީހުން ކައިރީ، ޕާސަނަލް ވާހަކަ ދައްކަންޏާ ވާނީ ތިހެންނޭ..." ނުހާ ހާސްވެފައި ބުންޏެވެ.

"ތިހެން ނުކިޔަބަލަ... އޭނަ ނިދާފަވެސް އޮވެދާނެނު..." ނޫމާން އަވަސް އަވަހަށް ބުންޏެވެ.

"ކިހިނެއްތަ ވެގެން މިއުޅެނީ؟..." އައިވަން ހާސްވެފައި އަހައިލި އެވެ.

ނޫމާން ވީގޮތް ކިޔައިދިނުމުން، އައިވަންގެ ހާސްކަން އިތުރު ވިއެވެ. ހޮޓެލްގެ ތެރޭގައި ކަންތައް ހިނގިގޮތް އޭނަގެ ހަނދާނަށް އައެވެ. އެކަމާއި އަނަމް އާއި ގުޅުމެއް ވާނެ ކަން އޭނައަށް ޔަޤީން ވިއެވެ.

********

ފްލައިޓުގައި އިންއިރު، ޝާކިރު އިނީ ގަޑީގެ ކަށި ހިނގާލެއް ލަސްވެފަ އެވެ. ފާރޫޤު އައިސް ދިން ޚަބަރަކުން އޭނަގެ މުޅި ތަބީއަތު ވަނީ ބަދަލުވެފަ އެވެ. އަތުގައި އޮތް ދަބަސް ހުޅުވައިލާފައި އޭނަ ނެގީ ސިޓީއުރަ އެކެވެ. އޭގެ ތެރޭގައި ހުރީ އަނަމް އާއި ރާވިން އެކުގައި ތިއްބާ ނަގާފައިވާ ތަސްވީރު ތަކެކެވެ. އެ ތަސްވީރުތަކަކީ، ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރި ދުވަހު، އެދެމީހުން އެކުގައި ތިއްބާ ނަގާފައިވާ ތަސްވީރު ތަކެކެވެ.

ތަސްވީރުތަކަށް ބަލަމުންދިޔަ ވަރަކަށް ޝާކިރުގެ ނޭވާ އަަވަސްވަމުން ދިޔަ އެވެ. އަނަމް އާއި ބައްދަލުކުރަން ރާވިން އެގެއަށް ދިޔަ ދުވަސް އޭނަގެ ހަނދާނަށް އައެވެ. އެދުވަހު އޭނަގެ ހިތުގައި އުފެދުނު ޝައްކު، އެ ތަސްވީރުތަކުން ޔަޤީންކޮށްދީފި އެވެ. ރާވިންގެ އެ ޖެހިލުންކުޑަ އަމަލުތައް އޭނައަށް ޤަބޫލު ކުރަންވެސް ދަތިވި އެވެ. އޭނަގެ މުވައްޒަފެއްގެ ގޮތުގައި ހުރެ، ގެއަށް ގޮސް، ދަރިފުޅާއި ބައްދަލު ކުރިކަން އެނގުމުން، އޭނަގެ ކެތްތެރިކަން ވަނީ ކޮޅުންލާފަ އެވެ. އަތުގެ ތެރޭގައި އެ ތަސްވީރުތައް ބޮނޑިކޮށްލުމަށްފަހު، ދަބަހަށްލީއިރު، އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމުގެ އަސަރެވެ.

********

ނޫމާން އޭނާގެ ކާރު ޕާކު ކޮށްފައި އަންނަންދެން، އައިވަން އޭނަގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ދެ މީހުން އެކުގައި "ކިންގްސް އިން" ހޮޓަލަށް ވަންނަން ދިޔައިރު، ތަނުގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ކަމެއް ނޭނގެ އެވެ. މުޅި ސަރަހައްދު ބަންދުކޮށް، އެއްވެސް މީހަކު ވަދެ ނުކުމެ ހެދުން ވެސް އޮތީ މަނާކޮށްފަ އެވެ.

ދޮރުމަތީގައި ހުރި ފުލުސް މީހާ އާއި ދިމާއަށް ނޫމާން ހިނގައިގަތުމާއިއެކު އައިވަންގެ ގަޔަށް ހީވީ ކައްޓެއް ހަރައިލި ހެންނެވެ. ނޫމާން ލައިގެން ހުރި ޓީޝާޓުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް، ޕާކުކޮށްފައި އޮތް ކާރެއްގެ ފުރަގަހަށް ވައްދައިފި އެވެ.

"މޮޔަވީތަ؟..." ޓީޝާޓު ރީތިކޮށްލަމުން ނޫމާން އެހެން ބުނީ، އައިވަން ކަންތައް ކުރިގޮތުން ހިތްހަމަނުޖެހިފަ އެވެ.

"އަހަންނެއް ނޫނޭ މޮޔަވީކީ... އަހަރެމެން އެތަނަށް ގޮއްސިއްޔާ އެންމެ ފުރަތަމަ ވެސް ޝައްކުގެ އިނގިލި ދިއްކުރާނީ އަހަރެމެންނަށޭ..." އައިވަން ވާހަކަ ދެއްކީ ދެފަރާތް ހޯދައި ބަލައިލަމުންނެވެ.

"އެކީއްވެ އަހަރެމެން؟..." ނޫމާން ބުންޏެވެ.

"އެއާޕޯޓުގެ ތެރެއިން އޭނަ ގެނައީ ކާކުތަ؟..." އައިވަން އެހެން ބުނުމާއިއެކު ނޫމާން ދެލޯ ބޮޑުކޮށްލައިފި އެވެ.

"ސަލާމަތްވާނެ ނެތް އެއްގޮތެއްވެސް..." އެތައް އިރަކު ވިސްނަން ހުރެފައި ނޫމާންއަށް ބުނެވުނީ އެހެންނެވެ.

"ދެން އަހަންނަކަށް ވެސް ނޭނގެ ވަކި ކިހިނެއް ކަމެއް ހެދޭނީ..." އައިވަން ވެސް ހުރީ ހާސްވެފަ އެވެ.

"ސީސީޓީވީ ކެމެރާއަށް ވެސް މިހާރު ހުންނާނީ އަރާފަ... ދެން ކިހިނެއް ހަދާނީ؟..."

ނޫމާން ހާސްވެގެން ކުޑަ ކުއްޖަކުހެން އުޅެން ފެށި އެވެ. އޭނަ ނުހާއަށް ގުޅާފައި ލޯބިވާ ވާހަކަ ތަކުރާރުކޮށް ބުންޏެވެ. އަދި އޭނަ ޖަލަށް ލިޔަސް، އެނބުރި އަންނަންދެން، ވަފާތެރިކަންމަތީ ހުރެދިނުމަށް އެނދުނެވެ.

"މޮޔަވީތަ؟..." ނޫމާން ވާހަކަ ދައްކަދައްކަ ހުއްޓައި ނުހާ ފޯނު ކަނޑާލީ އެވެ.

********

ބަދިގޭގައި އުޅެފައި ނަސްމާ ނުކުތީ ގޭގެ ބެލްޖަހާލި އަޑު އިވިގެންނެވެ. އޭނަ ގޮސް ދޮރު ހުޅުވައިލިއިރު، ދޮރުމަތީގައި ހުރީ، އޭނަގެ އެކުވެރި މުނީފާ އެވެ.

"އަހަނ މުނީ!... އިންޑިޔާއަށް ގޮއްސަ ކޮން އިރަކު އައީ؟... ވަދޭ ވަދޭ..." ދޮރުމަތިން ދުރަށްޖެހިލަމުން ނަސްމާ ބުންޏެވެ.

"އިއްޔެ އައީ... ދަރިއަކު މީހަކާ އިންނާތީ ނައިސް ނުވެގެން މިއައީ..." މުނީފާ ޖަވާބު ދިނެވެ. "މިއޮތީ އަހަރެން ގެނެސްދިން ހަދިޔާއެއް..."

"އިށީނދޭ..." މުނީފާ ދިއްކޮށްލި ކޮތަޅުގައި ހިފަމުން ނަސްމާ ހިނިތުންވެލި އެވެ.

"ކޮބާ އެމަންޖެ؟..." ސޯފާގައި އިށީނދެފައި މުނީފާ އަހައިލި އެވެ.

"އެމަންޖެ ވީ ކިޔަވަން އިންޑިޔާއަށް ގޮސް..." ނަސްމާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުންވެގެން ދިޔަ އެވެ.

"ސާދިން ކޮބާ؟... އަދިވެސް ޕޮލިހުގަތަ އުޅެނީ؟..." ނަސްމާ އަހައިލީ ޝައުޤުވެރި ވެފަ އެވެ.

"ސާދިންގެ ވާހަކަ ބުނީމަ މި ހަނދާންވީ، މިދޭތެރޭން ތެޔޮ ގުނަދެއްތޯ އެއްޗެއްގަ ރޯވެގެން އުޅުނެއްނު... އެކަން ކުރީ، ޝާކިރުގެ ކުންފުނީގަ މަސައްކަތް ކުރާ މީހެކޯ ކިޔާތީ އަޑު އެހިން... އެކަން ކުރަން އުޅެނިކޮށް، ކިތަންމެ ބަޔަކަށް އެމީހާ ފެނުނޯ..." ދެކޮޅު ހޯދައިލަމުން މުނީފާ ބުންޏެވެ.

"އޭނ!..." ނަސްމާއަށް ސިހުމެއް ލިބުނެވެ.

"މީހުން ކިޔަނީ، އަޑީގަ ހުރެގެން އެކަން ކުރުވި މީހަކީ ޝާކިރޯ..." ވަރަށް ސިއްރުން މުނީފާ ބުންޏެވެ.

ނަސްމާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ. ހާސްވެގެން މުޅި މީހާ ދާހިއްލާލިއިރު، ޝާކިރު ކަހަލަ އަޚުލާޤު ރަނގަޅު މީހަކު އެފަދަ ކަމެއް ކޮށްފާނެ ކަމާއިމެދު އެ ހިތުގައި ސުވާލު އުފެދުނެވެ.

(ނުނިމޭ)

comment ކޮމެންޓް