ދަނޑުވެރިކަމާ ބެހޭ ބިލްތަކާ ދެކޮޅަށް އިންޑިއާގައި ވަރުގަދަ މުޒާހަރާތަކެއް

އިންޑިއާގައި ދަނޑުވެރިކަމާ ބެހޭ ބިލްތަކާ ދެކޮޅަށް ކުރި މުޒާހާރަތަކުގައި މީހުން ވަނީ މަގު ބަންދުކޮށް، ރޭލު ދަތުރަށް ހުރަސް އަޅާފަ -- ފޮޓޯ: ރޮއިޓާސް

ޗަންދިގަރު (ސެޕްޓެމްބަރު 25): އިންޑިއާގެ ޕާލިމެންޓުން މިދިޔަ ހަފްތާގައި ފާސްކުރި ދަނޑުވެރިކަމާ ބެހޭ ބިލްތަކާ ދެކޮޅަށް އެގައުމުގައި ގިނަ އަދަދެއްގެ ދަނޑުވެރިން އިއްޔެ މުޒާހަރާކޮށްފި އެވެ.

އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ޖަމްއިއްޔާތަކުން މުޅި ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލާ، މުޒާހަރާތައް އިންތިޒާމު ކުރި ސްޓޭޓުތަކުގެ ތެރޭގައި ދަނޑުވެރިކަން އެންމެ ބޮޑަށް ކުރާ ސްޓޭޓުތައް ކަމަށްވާ ޕަންޖާބު، ހަރިޔާނާ އަދި އުއްތަރަ ޕްރަދޭޝް ހިމެނެ އެވެ. އަދި ބިހާރު، މަދުޔަ ޕްރަދޭޝް، ވެސްޓް ބެންގާލް، އޮޑިޝާ އަދި ކަރުނާޓަކާގެ އިދިކޮޅު ޕާޓީތަކާއި ވިޔަފާރި ޔޫނިއަންތަކުން ވަނީ މުޒާހަރާ ކުރާ ދަނޑުވެރިންނަށް ތާއިދުކޮށް ވާހަކަ ދައްކާފަ އެވެ.

އެ މުޒާހަރާތަކުގެ ބައިވެރިން ޓްރަކާއި ޓްރެކްޓަރާއި ދަނޑުވެރިކަން ކުރަން ބޭނުން ކުރާ އެހެން އުޅަނދުތަކުން މަގުތައް ބަންދުކޮށް، ރޭލުގެ ހިދުމަތަށް ހުރަސް އެޅި އެވެ.

އިންޑިއާގެ ޕާލިމެންޓުގެ މަތީގެއިން މިދިޔަ އާދިއްތަ ދުވަހު ފާސްކުރި އެއް ބިލަކީ 'ފާމާސް ޕްރޮޑިއުސް ޓްރޭޑް އެންޑް ކޮމާސް ބިލް' އެވެ. އެ ބިލުގެ ސަބަބުން ދަނޑުވެރިންނަށް ގައުމުގެ ކޮންމެ ސަރަހައްދެގައި ވެސް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ އެވެ. މިވަގުތު އެގައުމުގައި އޮންނަނީ ދަނޑުވެރިންނަށް އަމިއްލަ ސްޓޭޓު ނޫން އެހެން ސްޓޭޓުތަކުގައި އެމީހުންގެ އުފެއްދުންތައް ވިއްކުން މަނާކޮށްފަ އެވެ.

އިންޑިއާގެ ދަނޑުވެރިން ވަނީ ދަނޑުވެރިކަން ކުރަން ބޭނުން ކުރާ އުޅަނދުތަކުން މަގުތައް ބަންދުކޮށް، ރޭލު ދަތުރަށް ހުރަސް އަޅާފަ -- ފޮޓޯ: ރޮއިޓާސް

ޕާލިމެންޓުން ފާސްކުރި ދެ ވަނަ ބިލަކީ 'ފާމާސް އެގްރީމެންޓް އޮފް ޕްރައިސް އެޝުއަރެންސް އެންޑް ފާމް ސާވިސެސް ބިލް' އެވެ. އެއީ ދަނޑުވެރިންނަށް އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އެކްސްޕޯޓް، ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކާ އެކު ކޮންޓްރެކްޓުތައް ހެދުމަށް މަގުފަހި ކުރާ ބިލެކެވެ.

މީގެ ކުރިން 1964ގައި އިންޑިއާއިން ފާސްކުރި ދަނޑުވެރިކަމާ ބެހޭ ގާނޫނެއްގައި އޮންނަނީ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ސްޓޭޓްތަކުގެ ސަރުކާރުން ބަލަހައްޓާ ބާޒާރުތަކުގައި ވިއްކަން މަޖުބޫރުކޮށްފަ އެވެ. އަދި އެ އުފެއްދުންތައް ދައުލަތުގެ ކުންފުނިތަކަށް ނުވަތަ ޕްރައިވެޓް ފަރާތްތަކަށް ވިއްކަން އެހީތެރި ވަނީ އެ ބާޒާރުތަކުގައި ތިބޭ މީހުންނެވެ.

އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި އެ ބިލުތަކުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ކުންފުނިތަކާ އެކު އެއްބަސްވުންތައް ހަދާ އިރު މެދުވެރިން ބޭނުން ކުރަން ނުޖެހި، ފުރިހަމަ ފައިދާ ލިބޭ ގޮތް ވާނެ އެވެ. އަދި ދަނޑުވެރިންނަށް ޒަމާނީ ޓެކްނޮލޮޖީ ހޯދުން ފަސޭހަ ވާނެ އެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި އެ ބިލުތަކުގެ ސަބަބުން، ދަނޑުވެރިން ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާ ކުރާ އިރު ދަނޑުވެރިންގެ މައްޗަށް އެ ކުންފުނިތަކުގެ ބާރު އޮންނަ މިންވަރު މާ ބޮޑުވާނެ އެވެ. އަދި ދަނޑުވެރިންނަށް ހަމަހަމަކޮށް ގަވާއިދުން އަގު ދައްކާ ސްޓޭޓް ބާޒާރުތައް ގެއްލި، ދަނޑުވެރިންނަށާއި ސްޓޭޓުތަކުގެ މުޅި އިގުތިސާދަށް ވެސް ގެއްލުން ލިބޭނެ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް