މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ، ޕީސީބީގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ގާނޫނުގައި ބުނާ މަސްއޫލިއްޔަތުތައް އަދާ ނުކުރާ ކަމަށް ބުނެ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ) އަށް އެ މައްސަލަ ހުށަހެއްޅުވީ، މާފަންނު މެދު ދާއިރާގެ މެމްބަރު މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

އޭނާ ހުށަހެޅުއްވި މައްސަލަ އަކީ، ދައުލަތުގެ ވިޔަފާރި ތަންތަން މޮނިޓާކޮށް އިވެލުއޭޓު ކުރުމުގެ ގާނޫނުން ޕީސީބީ ބޯޑަށް މަތިކޮށްފައިވާ ގާނޫނުގައި ބުނާ ގޮތަށް އަަމަލު ކުރަމުންދޭތޯ ބަލާ ކަށަވަރުކުރުމަށެވެ.

އެ ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޮންޑޭ މިރޭ "ސަން"އަށް ވިދާޅުވީ، ސަރުކާރު ކުންފުނިތަކާ މެދު ކޮރަޕްޝަންގެ ތުހުމަތުތައް އިންތިހާއަށް ކުރެވުެމުންދާއިރު، ޕީސީބީ ބޯޑަށް އެ ބޯޑުގެ ޒިންމާ އަދާ ނުކުރެވޭ ކަމަށެވެ.

"ޕީސީބީގެ ގާނޫނީ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރެވޭ ނަމަ، ސަރުކާރުގެ ހުރިހާ ކުންފުންޏެއްގެވެސް ޕުރޮކިއުމެންޓް ޕޮލިސީ ހިންގާނެ ގޮތުގެ ގަވައިދުތައް ވެބްސައިޓުތަކުން ހުންނާނީ ފެންނަން. މިކަންކަން ހިނގަންވާނީ އިންޓަނޭޝަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް. އެކަމަކު އެކަކަން އެގޮތަށް ނުހިނގާ،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ، 2013 ވަނަ އަހަރު އެކުލާވާލި އެ ގާނޫނުގެ ކަންކަން އެގޮތަށް ނުހިނގައިގެން 19 ވަނަ މަޖިލީހުން ޕީސީބީގައި ތިބި ފަރާތްތައް ވަކިކޮށް، އަލުން އެކުލާވާލި އެ ބޯޑުވެސް ވަރަށް ބޮޑަށް ކޮރަޕްޝަން ހުއްޓުވުމަށް ނުކުޅެދިފައިވާ ކަމަށެވެ.

"[ކޮރަޕްޝަން ހުއްޓުވުމަށް ޕީސީބީއަށް] އެއްގޮތަކަށްވެސް މަސައްކަތެއް ނުކުރެވޭ. ދައުލަތުގެ ވިޔަފާރިތަކުގެ ބެލެހެއްޓުމުގެ ޒިންމާ ބޯޑާ ހަވާލެވެފައިވާއިރު، އެ ބޯޑު މިއޮތޯ ވަރަށް ބޮޑަށް އިހުމާލުވެފައި. މިއީ ސަރުކާރު ހުރިހާ ކުންފުނިތަކުގެ މަދަ ބޯޑު. މަދަ ބޯޑު މަސައްކަތް ނުކުރާނަމަ ދެން އޮންނަ ބޯޑުތަކަށް ވާނި ކިހިނެއްތޯ،" ބޮންޑޭ ސުވާލު އުފެއްދެވިއެވެ.

ބޮންޑޭ ހުށަހެޅުއްވި މައްސަލައިގައި ޕިސީބީއާ ގުޅޭ ގޮތުން ގިނަ ކަންކަސް ސާފު ކުރުމަށް ވަނީ ހުށަހަޅައިފައެވެ. އެގޮތުން ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމެންޓް ސިޔާސަތު ހިންގުމުގެ ގަވާއިދުތައް އެކުލަވާލާ އާންމު ކޮށްފައިވޭތޯ ޕީސީބީން ބަލާ ކަށަވަރު ކުރޭތޯއާއި ގާނޫނުގައި ބަޔާންކުރާ އެއްވެސް ގަވާއިދެއް އެކުލަވާ ނުލާ ވޭތޯ ބޯޑުން ބަލާތޯ އާއި ކުންފުނިތަކުގެ ޔައުމިއްޔާ ރެކޯޑިންތައް ބެލެއްޓިފައިފައިވޭތޯ ކަށަވަރު ކުރުމަށް އަދި ސަރުކާރު ކުނފުނިތައް މޮނިޓާ ކުރުމުގައި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ބޯޑުން އަމަލު ކޮއްފައިފައިވޭތޯ ބަލާ ދިނުމަށް އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވެެވެ.

ޕީބީސީ އަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ ބޮޑީއެކެވެ. ޕީސީބީގެ އާ ބޯޑު އެކުލަވާލި މިއަހަރު ކުރީކޮޅުއެވެ. އޭގެ ކުރިން ތިއްބެވި މެމްބަރުން ވަކިކުރީ، މަޖިލީހުން ދެއްވި އެ މެމްބަރުން ވަކި ކުރުމަށް ދިން ލަފައަކާ ގިޅިގެންނެވެ. މަޖިލިހުން އެގޮތަށް ލަފާ ދިނީ، ކުރީގެ ރައިސް އަބްދުﷲ ޔާމިން އަބްދުލްގައްުޔޫމުގެ ސަރުކާރުގައި އެ ބޯޑަށް އައްޔަން ކުރި މީހުންނަށް ރުހުން ހޯދުމަށް ފޮނުވާފައި ނުވުމާއި އެ ބޯޑުގެ މަސްއޫލިއްޔަތުތައް އަދާ ނުކުރާ ކަމަށް ބުނެއެވެ.

comment ކޮމެންޓް