"ގަމިނި" ނެރެފި، ނުބަލާ ދޫކޮށްލެވޭ ވަރެއް ނޫން

ގަމިނީ ޕްރިމިއާ --

ޑައިރެކްޓަރު މޫމިން ފުއާދުގެ ވެބް ސީރީޒް "ގަމިނި" މިއަދު ޕްރިމިއާކޮށްފި އެވެ.

ރާއްޖޭގެ ސްޓްރީމިން ސާވިސް ކަމަށްވާ "ބައިސްކޯފް" އޮރިޖިނަލްއެއް ކަމަށްވާ ގަމިނިގެ ކާސްޓާއި ކްރޫއިންނާއެކު ޕްރިމިއާކޮށްފައިވަނީ ބައިސްކޯފްގެ އޮފީހުގަ އެވެ.

ކްލޯޒްޑް ސްކްރީނިން އެއްގައި ކާސްޓާއި އެނޫންވެސް ބައެއް ފަރާތްތަކާއެކު މިއަދު ގަމިނި ޝޯގެ ފުރަތަމަ ހަ އެޕިސޯޑް ވަނީ ދައްކާފަ އެވެ.

ހުކުރު ދުވަހުގެ ރޭގައި ދެއްކުމަށް ހަމަޖެހިފައިވާ އެ ޝޯގެ ފުރަތަމަ ދެ އެޕިސޯޑް މިރޭ ބައިސްކޯފް އަށް ޕްރިމިއާ ކުރާނެއެވެ.

ފައިނަލް ޗެޕްޓާ ސްޓޫޑިއޯއިން ގެނެސްދޭ އެ ޝޯގެ ފުރަަތަމަ ހަ އެޕިސޯޑު ދެއްކިއިރު އެ ޕްރޮޖެކްޓަކީ ގިނަ ދުވަހެއްގެ މަސައްކަތެވެ.

ޖުމްލަ 13 އެޕިސޯޑުގެ އެ ސީރީޒްގައި ތަފާތު ޓައިމްލައިންތައް ދައްކައެވެ. ޝޯ ފެށިގެން ދަނީ މިހާރަށް ފައްތައިގެންނެވެ. އަދި އެއަށްފަހު 80ގެ އަހަރުތައް އެޝޯ އިން ދައްކައިދެއެވެ.

ގަމިނީ ޕްރިމިއާ --

ޝޯއާ ގުޅޭގޮތުން ސަން އަށް މިއަދު މައުލޫމާތު ދެމުން މޫމިން ބުނެފައިވަނީ އެ ޝޯއިން ފެނިގެންދާނީ އަނިޔާވެރިކަމުގެ މާހައުލަކަމަށް ބޮޑުވަމުންދާ މީހަކަށް ކަންތައް ވެގެންދާގޮތާއި އަނިޔާގެ ވެށްޓެއްގެ ތެރޭގައި ހުރެ އެކަން ނޭނގި ހުންނަ މީހަކަށް ކަންތައް ވާގޮތް ކަމަށެވެ.

އެ ޝޯގައި ރާއްޖޭގައި ސިޔާސީ އެކި ކަހަލަ އެޖެންޑާތައް ބޭނުންކޮށްގެން މީހުން އެކަމުގެ ނާޖައިޒު ފައިދާ ނަގައިގެން އުޅުނު ގޮތްވެސް ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

އެ ފިލްމުގައި ތަފާތު ޓައިމްލައިން ފެނިގެންދާއިރު އެ ޓައިމްލައިންތައް އެންމެ ސީދާކޮށް ދައްކައިދިނުމަށްޓަކައި ވަރަށް ބޮޑަށް ރިސާޗް ހަދާފައިވާނެ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ހާއްސަކޮށް 80ގެ އަހަރުތަކުގައި ވާހަކަ ދައްކައި އުޅުނުގޮތާއި ދިރިއުޅުމުގެ ވައްޓަފާޅި ހުރި ނެތް ގޮތްތައްވެސް އެ ޝޯ އިން ފުރިހަމައަށް ދެއްކުމަށް ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށް މޫމިން ބުންޏެވެ.

ގަމިނީ ޕްރިމިއާ --

ޝޯގެ ފުރަތަމަ ހަ އެޕިސޯޑުން އެ ޝޯގެ ކުރިއަށް އޮތް އެޕިސޯޑްތަކަށް ކެތްމަދުވާނެ ކަން ހަމަގައިމުވެސް ކަށަވަރެވެ. ޝޯގެ ފެށުން ކުޑަކޮށް ލަސް ނަމަވެސް ފުރަތަމަ ދެ އެޕިސޯޑް ބަލާ ނިމޭއިރު ޖެހިގެން އިންނަ އެޕިސޯޑްއަކަށް އިންތިޒާރުކުރާނެކަން ޔަގީނެވެ.

ސިޔާސީ ހާލަތު ރާއްޖޭގައި އޮތް ގޮތް އެކި ޓައިމްލައިންތަކަށް ބަހާލައިގެން އެ ޝޯގައި ދައްކައެވެ. އަދި އެހާރާއި މިހާރުގައި ރާއްޖޭގައި ސިޔާސީ ނުފޫޒު ގެންގުޅޭގޮތް ތަފާތުކޮށް ވަރަށް ސާފުކޮށް އެ ޝޯއިން ފެނިގެންދެ އެވެ.

ގަމިނިގެ މައިގަނޑު ތަރިންނަކީ އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަހުމަދު ސައީދު، މަރިޔަމް ޝަކީލާ، ސޫޒަން އިބްރާހީމްފުޅު (ސޫންތަ) އަހުމަދު އާސިމް އަދި އިސްމާއީލް ޒާހިރު އެވެ. މީގެ އިތުރުން މި ސީރީޒުން ފެނިގެންދާ ތަރިންގެ ތެރޭގައި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ހިމެނެ އެވެ.

ގަމިނިގެ މަންޒަރުތައް ނަގާފައިވަނީ ތ. ކިނބިދޫ، ވޭމަންޑޫ، އއ. މަތިވެރި، މަޑޫގަލި، ފެރިދޫ އަދި ފ. ނިލަންދޫގެ ހިތްގައިމު މާހައުލުތަކުގަ އެވެ.

comment ކޮމެންޓް