އައްޑޫ ސިޓީގައި ރެންޑޮމް ސާމްޕަލް ނަގަން ފަށަނީ

އައްޑޫ ސިޓީ، ހުޅުމީދޫ

އައްޑޫ ސިޓީގައި ސަވަޔަލަންސް ބޭނުމަށް މާދަމާ ރެންޑޮމް ސާމްޕަލް ނަގަން ފަށަން ނިންމައިފިއެވެ.

އެޗްޕީއޭ އިން މިހާރު ވަނީ ކޮވިޑް19ގެ ހާލަތާ ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ސަވައިލަންސް ސާމްޕަލްތަކެއް ނެގުމަށް ނިންމާފައެވެ.

އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު ސާދާތް ސަރީފް މިރޭ "ސަން"އަށް ވިދާޅުވީ އެ ނިންމުމާ ގުޅިގެން މި މަހުގެ 26 އަދި 27 ގައި ސާމްޕަލް ނެގުން ކުރިއަށް ގެންދާނެ ކަމަށެވެ.

"ދެ ދުވަސް ތެރޭ މުޅި އަތޮޅުން ޖުމްލަ 200 އެއްހާ ސާމްޕަލް ނަގާނެ،" ސާދާތް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް އައިއިރު ޖުމްލަ 14 މީހަކު އެ ސިޓީން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފުރަބަންދު ކަރަންޓީނުން ދޫކުރި 12 މީހަކާއި ކޮންޓެކްޓް ވެގެން ޕޮޒިޓިވްވި ދެ މީހެކެވެ.

"އެމީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ ދެ މީހަކަށް. އެހެން ހުރިހާ އެންމެން ބަލިން ރަނގަޅުވެއްޖެ،" ސާދާތް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 9،900އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، 8،597 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ބަލިން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 1،301 އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 87 އެވެ. ބަލީގައި މަރުވި މީހުންގެ އަދަދަކީ، 34 އެވެ.

comment ކޮމެންޓް