ފަރުވާއަށްފަހު ބަތަލާ ސުރޭޚާ ދޫކޮށްލައިފި

ބަތަލާ ސުރޭޚާ--

ބޮލީވުޑުގެ ދުވަސްވީ ބަތަލާ ސުރޭޚާ ސިކްރީ،75، އަށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މި މަހު 10 ވަނަ ދުވަހު ބަތަލާއަށް ސިކުނޑީގެ ސްޓްރޯކެއްޖެހި އައިސީޔޫގައި ފަރުވާދޭން ފެށިއިރު އޭރު އޭނާގެ ސިއްހީ ހާލަތު ވަރަށް ސީރިއަސް އެވެ. އޭގެ އިތުރުން މީގެ ކުރިން ވެސް ބަތަލާއަށް ވަނީ ސްޓްރޯކެއް ޖެހި ފަރުވާދީފަ އެވެ.

ދިހަ ދުވަހަށް ވުރެ ގިނަ ދުވަހު ސުރޭޚާއަށް ފަރުވާދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ އަންގާރަ ދުވަހު އެވެ. ބަތަލާގެ ޑަކްޓަރާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނީ ސުރޭޚާގެ ހާލަތު މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށާއި މީހުންގެ އެހީއާއެކު އޭނާއަށް ހިނގާ ބިނގާ އުޅޭވޭކަމަށެވެ. އާންމު ހާލަތަށް އައުމަށް އަދި ދުވަސް ނަގާނެ ކަމަށާއި މިވަގުތު ސުރޭޚާއަށް ޕިޒިއޮތަރަޕީ ބޭނުންވާ ކަމަށް ވެސް ޑަކްޓަރާ ހަވާލާދީ ނޫސްތަކުން ބުންޏެވެ.

comment ކޮމެންޓް