800 އަށް ވުރެ ގިނަ ބިޔަރު ދަޅާ އެކު މާލެއިން އަށް މީހުން ހައްޔަރުކޮށްފި

ފުލުހުންގެ ވެހިކަލެއް -- ފޮޓޯ: ޕޮލިސް

އަށް ސަތޭކަ އަށްވުރެ ގިނަ ބިޔަރު ދަޅާއެކު މާލެއިން އަށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅު ތަކަކާއެކު އަށް މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ޓީޖެޓީގައި އޮތް ޕިކަޕެއް ބަލައި ފާސްކުރިއިރު 816 ބިޔަރު ދަޅު ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން، 24 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކާއި ދިވެހި ފަސް ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރު ކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ ރޭ ދަންވަރު މަސްތުގެ ހާލަތުގައި ހުރި މީހަކު ކާރެއް ދުއްވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ދުއްވި ކާރު ބަލައި ފާސްކުރި އިރު 18 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމަހުގެ 21 ވަނަ ދުވަހު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ވެސް ބިޔަރު ދަޅުތަކަކާ އެކު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް