ރަޝިޔާގެ އިދިިކޮޅު ލީޑަރުގެ ބޭންކު އެކައުންޓާއި ފްލެޓް ހިފަހައްޓައިފި

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ -- ފޮޓޯ: އޭޕީ

މޮސްކޯ (ސެޕްޓެމްބަރު 25): ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނާގެ ބޭންކު އެކައުންޓުތައް ފްރީޒްކޮށް އޭނާގެ މިލްކިޔާތުގައި ހުރި ފްލެޓް ވެސް އަތުލާފައިވާ ކަމަށް އޭނާގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ނަވަލްނީގެ ތަރުޖަމާނު ކިރާ ޔަރުމިޝް ވިދާޅުވި ގޮތުގައި މިދިޔަ މަހުގެ 27ގައި ނަވަލްނީގެ އެކައުންޓުތައް ފްރީޒްކޮށް، އޭނާގެ އެޕާޓްމެންޓުވެސް ނެގީ އޭނާއާ ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެއީ މޮސްކޯ ސްކޫލްޗައިލްޑް ކޭޓަރިން ކިޔާ ކުންފުންޏުން ހުށަހަޅާފައިވާ މައްސަލައެކެވެ.

ޔަރުމިޝް ވިދާޅުވި ގޮތުގައި ދިގު މުއްދަތަކަށް ދެމިގެން ގޮސްފައިވާ އެ މައްސަލަ ފެށިފައި ވަނީ މޮސްކޯ ސްކޫލްޗައިޑްއިން ފޯރުކޮށްދޭ ކާތަކެތީގެ ފެންވަރާ ބެހޭ ގޮތުން ނަވަލްނީ އާއި އޭނާގެ އެންޓި ކޮރަޕްޝަން ފައުންޑޭޝަން (އެފްބީކޭ) އާއި އިތުރު މީހަކު ބައިވެރިވެގެން ހެދި ވީޑިއޯއަކާ ގުޅިގެންނެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ގާތް ވިޔަފާރިވެރިއެއްގެ އެ ކުންފުންޏާ ބެހޭ ގޮތުން އެ މީހުން ވީޑިއޯ ހެދީ 2018 ވަނަ އަހަރު މޮސްކޯގެ ސްކޫލުތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން ކާނާ ވިހަ ވުމުންނެވެ.

އެ ވީޑިއޯގެ ސަބަބުން އެ ކުންފުންޏަށް ކޮންޓްރެކްޓެއް ގެއްލުނު ކަމަށް ބުނެ މޮސްކޯ ސްކޫލްޗައިޑް އިން ހުށަހެޅި މައްސަލަައިގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކޯޓުން ވަނީ ވީޑިއޯ ހެދި ފަރާތްތަކުން ވީޑިއޯ ޑިލިޓުކޮށް، ގެއްލުމުގެ ބަދަލެއްގެ ގޮތުން 1.1 މިލިއަން ޑޮލަރު ދެއްކުމަށް އަންގާފަ އެވެ.

"އެމީހުން ވަނީ ކޯމާއެއްގައި އޮތް މީހެއްގެ މުދަލާއި އެޕާޓްމެންޓު ހިފަހައްޓާފަ،" ޔަރުމިޝް ވިދާޅުވި އެވެ.

ޖަރުމަނުގެ ހޮސްޕިޓަލުގައި ފަރުވާ ދޭތާ 32 ދުވަސް ފަހުން މިހާރު ދޫކޮށްލާފައިވާ ނަވަލްނީ އަދި ރަޝިއާއަށް ވަޑައިނުގަންނަވާނެ ކަމަށް އޭނާގެ ޓީމުން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 20ގައި ނަވަލްނީގެ ހާލު ކުއްލިއަކަށް ސީރިއަސްވެ، ކޯމާއަކަށް ދިޔައީ ރަޝިއާގެ ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި އޭނާ އިންނަވަނިކޮށް ހޭނެތުނު ފަހުންނެވެ. އަދި އޭނާ ޖަރުމަނުގެ ބާލިންއަށް ގެންދިޔައީ ދެ ދުވަސް ވަންދެން ރަޝިއާގައި ފަރުވާ ދިނުމަށް ފަހުގަ އެވެ.

ބާލިންގެ ހޮސްޕިޓަލުން ބުނި ގޮތުގައި ނަވަލްނީ ކޯމާއިން ހޭ އެރީ މި މަހުގެ ހަތެއްގަ އެވެ. އޭގެ ފަހުން އޭނާއަށް ހެލިފެލިވެ އުޅެވޭ ކަމަށާއި ހާލު ރަނގަޅުވަމުންދާ ކަމަށް ނަވަލްނީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނެފަ އެވެ. އަދި މިދިޔަ ބުދަ ދުވަހު އެ ހޮސްޕިޓަލުން ވަނީ އޭނާގެ ހާލު ރަނގަޅުވެފައިވާތީ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާއަށް ދީފައިވާ ވިހައިގެ ސަބަބުން ދިގު މުއްދަތަކަށް ލިބިފައި ހުރެދާނެ ގެއްލުންތައް ދެެނެގަންނަން އަދި މާ އަވަސް ކަމަށް ބުނެފަ އެވެ.

ބާލިންގެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނި ގޮތުގައި ނަވަލްނީއަށް ވިހަ ދީފައިވާކަން އޭނާގެ ޓެސްޓުތަކުން އެނގެ އެވެ. އަދި ޖަރުމަނުގެ ސަރުކާރުން ވަނީ އޭނާއަށް ދީފައި ވަނީ ސޯވިއެޓް ޔޫނިއަންއިން 1980ގެ އަހަރުތަކުގެ ތެރޭގައި އުފެއްދި ކެމިކަލް ހަތިޔާރެއް ކަމަށްވާ ނޮވިޗޮކް ގުރޫޕުގެ ވިހައެއް ކަމަށް ބުނެފަ އެވެ. އަދި ސުވިޑެން އާއި ފްރާންސުގައި ހެދި ޓެސްޓުތަކުން ވެސް އެކަން ހާމަވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ނަވަލްނީގެ ޓީމުން ބުނި ގޮތުގައި އޭނާ ސައިބީރިއާގެ ޓޮމްސްކްއިން ފުރާވަޑައިގަތުމުގެ ކުރިން ހުންނެވި ހޮޓެލުން ނެގި ފެންފުޅިއަކުން ނޮވިޗޮކް ވިހަ ވަނީ ފެނިފަ އެވެ. އެ ޓީމުން ބުނި ގޮތުގައި އެ ހޮޓަލުން ބައެއް ތަކެތި ނަގާ، ޓެސްޓުތައް ހަދަން ގައުމުން ބޭރަށް ފޮނުވީ ރަޝިއާ އިން މައްސަލަ ރަނގަޅަށް ތަހުގީގު ނުކުރާނެކަން އެނގޭތީ އެވެ.

ނަމަވެސް ރަޝިއާ އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެގައުމުގައި ހެދި ނަވަލްނީގެ ލޭގެ ޓެސްޓުތަކުން ވިހައެއް ފެނިފައި ނުވާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް