ނަންބަރު މަދުވިޔަސް އަދި "ސޭފް" ޒޯނަކަށް ނުދޭ: ޑރ. ޝީނާ

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވާހަކަދައްކަވަނީ -- ފޮޓޯ/ އެޗްއީއޯސީ

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަދި "ސޭފް" ނުވަތަ "ގްރީން" ޒޯނަށް ނުދާކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝީނާ ވިދާޅުވީ، މިހާރު ޕޮޒިޓިވްވާ އަދަދު ދަށްވަމުން އަންނަ ކަމަށާއި އެއީ ރަނގަޅު ފާލެއް ކަމަށެވެ.

ހަމައެއާ އެކު، ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެހެން ކޭސްތަކާ ގުޅުން ނެތް ކޭސްތައް ވެސް މަދުވަމުން އަންނަ ކަމަށާއި އޭގެ މާނައަކީ ބަލި ފެތުރޭ މިންވަރު ތަންކޮޅެއް މަދުވުން ކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުންވާ ނިސްބަތަކަށް އަދިވެސް ތިރިއެއް ނުވޭ. ޓްރެޖެކްޓަރީ ހުރީ ތިރިވާ ގޮތަށް. އެކަމަކު އަދިވެސް އަޅުގަނޑުމެން ސޭފް ލެވަލް އަކަށް ނުދޭ،" ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ އަމާޒަކީ ގުޅުން ނެތް ކޭސްތައް ވިއްސަށް ވުރެ ތިރީގައި ބެހެއްޓުން ކަމަށާއި، ބަލި ފެތުރުން މަޑުޖެހޭ ކަމަށް ބުނަން އެނގޭނީ އެ އަދަދު ވިއްސަށް ވުރެ ތިރީގައި ހިފަހައްޓާލެވުމުން ކަމަށެވެ.

"އެހެންވީމަ އަދި ކުޑަ މަސައްކަތެއް ކޮށްލަން އެބަ އޮތް މި ބައިގައި،" ޑރ. ޝީނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބަލި ކޮންޓްރޯލް ވާކަމަށް ނިންމުމަށް ޓަކައި ބަލަން ޖެހޭ އިތުރު "އިންޑިކޭޓާތަކެއް" ހުރިކަން ޑރ. ޝީނާ ފާހަގަކުރެއްވި އެވެ. އެގޮތުން ބަލި ކޮންޓްރޯލް ވަނީ ކަމަށް ކަނޑައެޅުމުގައި ފްލޫ ކްލިނިކަށް ދައްކައިގެން ޕޮޒިޓިވްވާ މީހުންނާއި ސީދާ ޓެސްޓު ހަދައިގެން ޕޮޒިޓިވްވާ މީހުންގެ ރޭޓު ވެސް ބަލަން ޖެހޭ ކަމަށް ޑރ. ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ އެ ދެ ރޭޓަކީ އެޕިޑެމިކް ކުރިއަށް ދާގޮތް އަންގައިދޭ އަދި ފިޔަވަޅުތައް އަޅަން އިންފޯމް ކޮށްދޭ އިންޑިކޭޓާތައް ކަމަށެވެ.

ޑރ. ޝީނާ ވަނީ މާސްކް އެޅުން މަޖުބޫރުކޮށް، ކާފިއު އިއުލާނުކޮށް ވަކި ގަޑިތަކެއްގައި ވެހިކަލް ދުއްވުން މަނާކޮށް އެޅި ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާ ފެންނަކަން ފާހަގަކުރައްވައިފަ އެވެ.

ޑރ. ޝީނާ ހިއްސާކުރެއްވި ގްރާފުތަކަށް ބަލާއިރު، ފިޔަވަޅުތައް އެޅިފަހުން، ގުޅުން ނެތް ކޭސްތައް ފެންނަ މިންވަރު ވަނީ މަޑުމަޑުން ދަށްވާން ފަށައިފަ އެވެ.

"މާސްކް ނޫނިއްޔާ ދެން ހުރިހާ ފިޔަވަޅަކީ ވެސް މޫވްމަންޓް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅު. މޫވްމަންޓް ކޮންޓްރޯލްކޮށް، އެކަކު އަނެކާއާ ދިމާވުމާއި އެކްސްޕޯޒްވުން މަދުކުރަން ނެގުނު ފިޔަވަޅު. އޭގެން ހަމަ އެބަ ފެނޭ ވަރަށް ރީއްޗަށް ޕޮޒިޓިވިޓީ ތިރިއަށް ދާކަން. މިއީ ވަރަށް ރަނގަޅު ނިޝާނެއް. އެކަމަކު ވަރަށް ގިނަ ބޭފުޅުންނަށް ހީވާނެ ކޭސްތައް ވަރަށް މަދުވެއްޖޭ އެހެންވީމަ ކޮންޓްރޯލްގަ އޭ މި ތިބީ. އެކަމަކު އިންޑިކޭޓާތަކަށް ބަލާއިރު އަޅުގަނޑުމެން ގްރީން ޒޯނަކަށް ނުދޭ. އަޅުގަނޑުމެން އަދިވެސް މިތިބީ ހަމަ ފުދޭ ވަރަކަށް މަތީގައި،" ޑރ. ޝީނާ ވިދާޅުވި އެވެ.

ކުރީގެ ތަޖުރިބާއަށް ބަލައި، ގްރާފުގެ ރޮނގު "ގްރީން ޒޯން"ގައި ޖެހޭއިރަށް، ފިޔަވަޅުތަކަށް ލުއި ދިނުމުން، އަލުން ނަންބަރުތައް އިތުރުވިކަން ވެސް ޑރ. ޝީނާ ފާހަގަކުރެއްވި އެވެ. އަދި ފިޔަވަޅުތަކަށް ލުއިދީ، ކޮވިޑުގެ ކުރިން އުޅުނު ދިރިއުޅުމަށް އަނބުރާ ގޮސްފި ނަމަ އަލުން ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ޑރ. ޝީނާ ވިދާޅުވި އެވެ.

"އެހެންވީމަ ވަރަށް މުހިންމު އަދިވެސް ދެތިން ހަފްތާ ފިޔަވަޅުތަކާ އެކު މީތި ސަސްޓެއިން ކޮށް ގްރީން ޒޯނުގައި މީތި ބަހައްޓަން މަސައްކަތް ކުރުން. އެއީ ބަލީގެ އިންކިއުބޭޝަން ޕީރިއަޑު، ގްރީން ޒޯނުގައި ބަހައްޓައިގެން މެނޭޖު ކޮށްލެވިއްޖެއްޔާ ދެން ފެތުރޭ މިންވަރު ދަށް ވެގެން ދާނީ، އެހެންވީމަ އަދި ސޭފެއް ނޫނޭ އަޅުގަނޑު ދަންނަވަން މި އުޅެނީ ހުރިހާ ފިޔަވަޅުތަކަށް ލުއި ދޭކަށް،" ޑރ. ޝީނާ ވިދާޅުވި އެވެ.

ޑރ. ޝީނާ ވިދާޅުވީ ޓްރެޖެކްޓަރީ ދަށަށް ދާގޮތަށް ހުރި ނަމަވެސް، ދަށަށް ދާ ސްޕީޑު ދަށް ކަމަށެވެ. އެެހެންކަމުން އެ ސްޕީޑު އަވަސް ކުރެވޭނީ، މިހާރު އަޅާފައި ހުރި ފިޔަވަޅުތަކަށް ރަނގަޅަށް ބޯލަނބައިގެން، މިގޮތުގައި ހިފަހައްޓާލައިގެން ކަމަށެވެ.

އަދި ފިޔަވަޅުތަކަށް ލުއި ދެވޭނީ ވެސް އިންކިއުބޭޝަން ޕީރިއަޑުގައި ރަނގަޅަށް ހިފަހައްޓާލެވިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، ވެކްސިން އެއް ނުލިބޭހާ ހިނދަކު، ކޮވިޑްގެ ކުރިން އުޅުނު ދިރިއުޅުމަށް އަނބުރާ ނުދެވޭނެކަން ޑރ. ޝީނާ ހަނދާންކޮށްދެއްވި އެވެ.

އަދި ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، ވެކްސިން އެއް ލިބެންދެން ނިއު ނޯމަލްގެ އުސޫލުތަކުގައި ހިފުމަށް އިލްތިމާސް ކުރެއްވި އެވެ.

"ޕޮއިންޓަކީ އަދި ސޭފެއް ނޫނޭ ނަންބަރުތައް މަދު ވަނީއޭ. އެއީ ވަރަށް ރަނގަޅެއް ސައިނެއް. އެކަމަކު އަދި ދާން ބޭނުން ހިސާބަކަށް ނުދެވޭ. އެހެންވީމަ އެޗުޕީއޭ އާ އެއްކޮށް ދުވަސްކޮޅަކު ހޭދަކޮށްލަ ދެއްވާށޭ މީތި ރަނގަޅަށް ކޮންޓްރޯލަށް ގެނެސްލަން،" ޑރ. ޝީނާ ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 9,939 އަށް އަރިފަ އެވެ. އޭގެ ތެރެއިން 8،597 މީހަކު ރަނގަޅުވެފައިވާ އިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1301 މީހެކެވެ.

comment ކޮމެންޓް