259 ތަނެއް އިންސްޕެކްޓު ކުރި އިރު 254 ތަނެއް ރަނގަޅު

މެއި 17، 2020: މާލޭގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާއިރު، ރޯދަމަސް ނިމިގެން މިދަނީ ލޮކްޑައުން ހާލަތުގައި: އާންމުކޮށް ރޯދަމަހު އެންމެ ހަލަބޮލި ރެސްޓޯރެންޓުތައް މިއަދު އޮތީ ފަޅަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އާންމު ހިދުމަތްދޭ ގިނަ ތަންތަނުން އަމަލުކުރަމުން އަންނަ ކަމަށް، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އާންމު ހިދުމަތްދޭ ތަންތަނުން އުސޫލުތަކަށް އަމަލުކުރަމުން ގެންދޭތޯ ބެލުމަށް މާސް އިންސްޕެކްޝަނެއް މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ.

އެގޮތުން މި މަހުގެ 20 ވަނަ ދުވަހު މާލޭގައި ފެށި، އިންސްޕެކްޝަން ބުރުގައި މިހާތަނަށް ޖުމްލަ 259 ތަނެއް ބަލާފައިވާ ކަމަށް އެޗްއީއޯސީން މިރޭ ވަނީ ބުނެފައެވެ.

އެ ސެންޓަރުން ބުނީ، 259 ތަނުގެ ތެރެއިން، 254 ތަނަކުން ގައިޑްލައިންތަކަށް އަމަލުކުރާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 206 ފިހާރައާއި، 39 ކެފޭ، ހަ ސެލޫން އަދި ތިން މާރުކޭޓެވެ.

އުސޫލުތަކަށް އަމަލުކުރަމުން ނުދާތީ ފަސް ތަނެއް ބަންދުކުރި އިރު، ކަންކަން އިސްލާހު ކުރުމުން އޭގެ ތެރެއިން ފިހާރައަކާއި ކެފޭ އެއް އަލުން ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

އެހެންކަމުން، ގައިޑްލައިނާ އެއްގޮތަށް އަމަލުނުކުރާތީ ބަންދުކޮށްފައި ހުރީ ތިން ތަނެކެވެ.

އެޗްއީއޯސީން ބުނީ އިންސްޕެކްޝަންގެ ތެރެއިން ޕަބްލިކް ޓްރާންސްޕޯޓާއި، ބައެއް އޮފީސްތައް ވެސް އިންސްޕެކްޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭއިން މީގެކުރީންވެސް ވަނީ އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަންގައި އުސޫލުތަކާ ހިލާފުވާ ފަރާތްތައް ވަގުތުން ބަންދުކުރުމަށް އަންގާފައިވެ އެވެ. އެ ކަންތައްތައް އިސްލާހު ކުރުމަށްފަހު އެ ތަންތައް އަލުން ހުޅުވަން ހުއްދަ ދެއެވެ.

ނަމަވެސް އެޗްޕީއޭއިން ވަނީ އުސޫލުތަކާ ހިލާފުވާ ތަންތަން ޖޫރިމަނާކުރެވޭ ގޮތަށް، ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން އުސޫލާ ހިލާފަށް ހިދުމަތް ދޭ ކަން އެނގިއްޖެ ނަމަ ފުރަތަމަ ފަހަރު އެ ތަނެއް 48 ގަޑިއިރަށް ބަންދު ކުރާނެ އެވެ.

ދެވަނަ ފަހަރަށް އެފަަދަ ކަމެއް ހިނގައިފި ނަމަ އެތަން ބަންދުކުރުމަށްފަހު 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އެތަނެއް ބަންދު ކުރާނީ ތިން ދުވަހުގެ މުއްދަތަށެވެ.

ތަކުރާރުކޮށް އުސޫލާ ހިލާފަށް ހިދުމަތް ދޭކަން އެނގިއްޖެނަމަ އެތަން ފަސް ދުވަހަށް ބަންދުކޮށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ލޮކްޑައުންއަށް ލުއިދިން ފަހުން އެޗްޕީއޭއިން ހިންގި މާސް ފުރަތަމަ އިންސްޕެކްޝަނުގައި މާލޭ ސަރަހައްދުން ޖުމުލަ 258 ތަނެއް ބަންދުކޮށްފައިވެ އެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ ކޮވިޑް-19އާ ގުޅިގެން އާންމު ހިދުމަތް ދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ހިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ބަލި ފެތުރުން މަދުކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭނީ ކޮވިޑް-19 އާ ގުޅިގެން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

comment ކޮމެންޓް