އައު ސީޒަނާ ދިމާކޮށް ބަކާ ޔޫވީއަށް

ގްރީންސްޓްރިީޓްސްގެ މިޑްފީލްޑަރު އަހުމަދު އާރިފް (ބަކާ) ބޯޅަޔާ އެކު --- ފޮޓޯ//އެފްއޭއެމް

ނިމިގެން ދިޔަ ސީޒަނުގައި ކުލަބު ގްރީން ސްޓްރީޓްސްއިން ފެނުނު ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ސޮއިކޮށްފި އެވެ.

ކުރީ ސީޒަންގެ ލީގު ނިމުނުތަކުން ކޮވިޑް-19ގެ ބިރުވެރިކަން ބޮޑުވެ ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިމުމަކަށް ގެނެސްފައިވާ އިރު، އައު ސީޒަން ދެން ފަށާނެ ތާރީހެއް އެފްއޭއެމްއިން އަދިވެސް ނުނިންމަ އެވެ. ކުރިން ރޭވި ގޮތަށް ޖޫން މަހު ސީޒަން ފަށަން ޝެޑިއުލް އެކުލަވާލި ނަމަވެސް ފުރަބަންދުގެ ހާލަތާ އެކު ކުޅިވަރުތައް ހުއްޓިފައި އޮތުމަށްފަހު ޖުލައި މަހުގެ ތެރޭގައި ވަނީ އަލުން ކުޅިވަރުތައް ފެށުމަށް އެޗްޕީއޭއިން ހުއްދަ ދީފަ އެވެ.

އެކަމަކު އަނެއްކާވެސް ކޮވިޑްގެ ބަލިމަޑުކަން އިތުރަށް ގޯސްވެ، ކުޅިވަރު ކުޅޭ ތަންތަން ބޭނުން ކުރުން މިހާރު އޮތީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. ސިއްހީ މާހިރުންގެ ލަފަޔާ އެކު މި އަހަރުފެ ޑިސެމްބަރު މަހު އަލުން ފުޓުބޯޅަ ލީގު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ބުނެފައިވާ އިރު، ކުލަބުތަކުން މިހާރު ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އެގޮތުން ގައުމީ ފުޓްބޯޅަ ޓީމަށް އަދި ވެސް ކުޅެމުން އަންނަ ބަކާގެ ސޮއި ޔޫވީއިން ހޯދި އިރު، އޭނާ ވަނީ މިފަހަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޖާޒީގައި އެކުލަބުގެ އޭއެފްސީ ކަޕްގެ ފަރިތަކުރުންތަކުން ފެނިފަ އެވެ. އެނގިފައިވާ ގޮތުގައި އޭއެފްސީ ކަޕަށް ބަކާ ގެންދަން މާޒިޔާއިން އޭރު އެއްބަސްވެފައި އޮތީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު ކޮވިޑާ ގުޅިގެން އެ މުބާރާތް އޭއެފްސީން ކެންސަލް ކުރުމުން މާޒިޔާގެ ޑީލް ކުރިއަށް ނުދިޔައީ އެވެ.

އައިލެންޑް އެފްސީން 2004 ވަނަ އަހަރު ވިދާލި ބަކާ ވަނީ ކުލަބު ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، ވިކްޓަރީ ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބު އީގަލްސް އަދި ގްރީން ސްޓްރީޓްސްއަށް ކުޅެފައެވެ. މީގެ އިތުރުން ބަކާ ވަނީ މިޔަންމާ ލީގުގައި ވާދަކުރި ކޭބީޒެޑަށްވެސް އެއް އަހަރު ކުޅެފައެވެ.

ބަކާ،35، އެންމެ ފާހަގަކޮށްލެވެނީ ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކުރުމެވެ. އެގޮތުން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް 2008 އާއި 2018 ގައި ކާމިޔާބުކުރިއިރު އެ ދެ ފަހަރުވެސް ބަކާ ވަނީ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނިފައެވެ.

ޔޫވީން އަންނަ ސީޒަނަށް ބަކާގެ ސޮއި ހޯދިއިރު، މިހާތަނަށް އެޓީމުން ވަނީ އީގަލްސްގެ އިސްމާއިލް ފަރުހާދު (ފަރޭ) އާއި އަޙްމަދު ނިޒާމް (ކުޑަ ނިޒާމްބެ)ގެ ސޮއި ހޯދައިފަ އެވެ.

comment ކޮމެންޓް