އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފި

ވެންޓިލޭޓަރު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

އެމެރިކާއިން ރާއްޖެއަށް ބޭނުންވާ 60 ކްރިޓިކަލް ކެއާ ވެންޓިލޭޓަރު މިއަދު ހަދިޔާކޮށްފިއެވެ.

ދާދި ދެންމެއަކު ކުރިއަށް ދިޔަ ވާޗުއަލް ރަސްމިއްޔާތެއްގައި އެމެރިކާއިން ރަމްޒީކޮށް ވެންޓިލޭޓަރާ ހަވާލުވެފައިވަނީ ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އޮމަރު އަބްދުލްރައްޒާގު އެވެ. އެ ވެންޓިލޭޓަރު ހަވާލު ކުރައްވާފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސް އެވެ. އެ ދެ ބޭފުޅުން ސްރިލަންކާއިން ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއިރު ރާއްޖެއިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައިވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ކޮވިޑް-19 ސަޕޯޓް ރެސްޕޮންސްގެ ގޮތުގައި މިއަދު ހަވާލުކުރެވުނު ވެންޓިލޭޓަރުތަކަކީ މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހުގައި ކުރެވުނު މަޝްވަރާގެ ނަތީޖާ ކަމަށެވެ.

"އެ ބައްދަލުވުމުގައި ޔޫއެސް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާ ރޮބާޓް އޯބްރާޔަން ވަނީ ރައީސް އިބްރާހީމް ސޯލިހުގެ ސަރުކާރަށް ސަޕޯޓު ދެއްވުމަށް ކޮމިޓްމެންޓް ދެއްވާފައި،" ޝާހިދު ވިދާޅުވިއެވެ.

އެމެރިކާގެ ޔޫއެސްއެއިޑްގެ ފަރާތުން މިއަދު ދީފައިވާ އެހީގެ ސަބަބުން ރާއްޖޭގެ މިހާރު އައިސީޔޫގެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށާއި ނުރައްކަލުގެ ހާލަތްތަކުން ރައްކާތެރިވުމަށް ތައްޔާރުވާ މިންވަރު ރަނގަޅުކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެމެރިކާއިން މިއަދު ފޯރުކޮށްދިން އެހީއަކީ ދެގައުމުގެ ދެމެދުގައި ވަރުގަދަވަމުން އަންނަ ގުޅުމުގެ މިސާލެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު އެލެއިނާ ޓެޕްލިޓްސް ވިދާޅުވީ މިއަދު ހަވާލުކުރެއްވި 60 ވެންޓިލޭޓަރަކީ މޮޅު ކޮލިޓީގެ މުޅީން އާ ވެންޓިލޭޓަރުތަކެއް ކަމަށެވެ.

އަދި ވެންޓިލޭޓަރުތަކާއެކު މުވައްޒަފުން ތަމްރީނުކުރުމަށް ޓެކްނިކަލް އެސިސްޓެންސްވެސް ޔޫއެސްއެއިޑް އިން ފޯރުކޮށްދޭނެ ކަމަށް ޓެޕްލިޓްސް ވިދާޅުވިއެވެ. އަދި އޭގެއިތުރުން މެއިންޓެނެންސްއަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

މިއަދުގެ އެހީއާއެކު އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީގެ އަދަދު ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރަށް އަރާ ކަމަށް އެލެއިނާ ވިދާޅުވިއެވެ. އޭގެތެރޭގައި ޕީޕީއީ ފަދަ ތަކެތި ފޯރުކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް