ސީމަނުންނާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ ރާއްޖެއިން ތަސްދީގުކުރަނީ

ޓުރާންސްޕޯޓު މިނިސްޓަރު ނަހުލާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

ސަރުކާރުގެ ސިޔާސަތަކީ މެރިޓައިމްގެ ދާއިރާ އިން މީހުން ބިނާކުރުން ކަމަށާއި އިންޓަނޭޝަނަލް މެރިޓައިމް ލޭބާ ކޮންވެންޝަން ނުވަތަ މެރިޓައިމް ދާއިރާގެ މަސައްކަތްތެރިންނާ ބެހޭ މުއާހަދާ ވަރަށް އަވަހަށް ތަސްދީގު ކުރެވިގެންދާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ މެރިޓައިމް ދުވަހާ ގުޅިގެން ފޮނުއްވި ހިތޯބުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް19ގެ މި ދަތި ދަނޑިވަޅުގައި ވެސް ރާއްޖެއިން ޝިޕިން ކުންފުންޏެއް އުފައްދާފައިވާ ކަމަށާއި މިއީ ރާއްޖޭގެ މެރިޓައިމް ދައިރާގެ ހިޔުމަން ކެޕޭސިޓީ ވަރުގަދަ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ކޮވިޑުގެ މި ދަނޑިވަޅުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މެރިޓައިމް ދާއިރާ އަށް ކުރާ އަސަރު ބޮޑުކަމަށާއި ގައުމުތަކަށް އެތެރެވުމުގައި ދަތިތައް އެބަހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މި އަހަރުގެ މެރިޓައިމް ދުވަހުގެ ޝިއާރަކީ "ސަސްޓެއިނަބަލް ޝިޕިންގް ފޯ އަ ސަސްޓެއިނަބަލް ޕްލެނެޓް" ނުވަތަ "ދެމެހެއްޓެނިވި ދުނިޔެއަކަށް ދެމެހެއްޓެނިވި ޝިޕިންގް އިންޑަސްޓްރީއެއް" މިއެވެ.

މި ޝިއާރަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކުގެ އަޑު އިއްވަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ގްރީންހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު މަދުކުރުމަށް ޓަކައި ހަދަން ޖެހޭ ގަވައިދުތައް ހަދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެރިޓައިމް ދާއިރާގައި ބޭނުންކުރާ ތެލުގައި ހިމެނޭ ސަލްފާ ކޮންޓެންޓް މަދުކުރުމަށާއި، ބެލެސްޓް ވޯޓާ މެނޭޖްމަންޓް މުއާހަދާ ތަންފީޒުކުރުމާށާއި، ކުނި އުކާލައި މެނޭޖުކުރެވޭނެ ފެސިލިޓީތަކުގެ ބޭނުން ހިފުން މުހިއްމު ކަމަށް ވެސް ޓޤރާންސްޕޯޓު މިނިސްޓަރު ވިދާޅުވި އެވެ.

"މެރިޓައިމް ދާއިރާގައި އިލެކްޓްރޯނިކް ޒަރިއްޔާއިން މައުލޫމާތު ބަދަލުކުރުމާއި އަދި އަންހެނުންގެ ބައިވެރިވުމާއި ދާއިރާގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް، މެރިޓައިމް ދާއިރާގެ ގުޅުންތައް ހަރުދަނާކުރަންޖެހޭ." ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް