މަތީ ދަރަޖަ އިނާމަށް ހުށަހެޅުން އާދިއްތައާ ހަމައަށް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ އެވެ.

ރައީސް އޮފީސް އިން ބުނެފައިވަނީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ އިނާމަށް ހުށަހެޅުމުގެ ފުރުސަތު އާދިއްތަ ދުވަހުގެ 1400ގައި ހަމަވާނެ ކަމަށެވެ. އެހެންކަމުން އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކޮށް، ރައީސް އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 27 ގަ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައި ވަނީ ހަތަރު ގިންތިއަކުންނެވެ.

ފުރަތަމަ ގިންތިއަކީ މަތީ ތައިލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތި އެވެ. މި ގިންތީގައި ހިމެނެނީ، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ.

މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށް ވެސް އިނާމު ލިބޭ ގޮތަށް މިދިޔަ އަހަރުން ފެށިގެން ވަނީ ހަމަޖައްސައިފަ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމު މި އަހަރު ދެއްވާނެ ދެ ވަނަ ގިންތިއަކީ، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތި އެވެ.

ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުގެ ގިންތި އެވެ.

ހަތަރު ވަނަ ގިންތީގެ ގޮތުގައި، މިއަހަރު އިތުރު ގިންތިއެއް ވަނީ ހިމަނުއްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ތިބި ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން، ގައުމުގެ ތަރައްގީއަށް ކޮށްފައިވާ އަދި ކުރަމުން އަންނަ އުފެއްދުންތެރި އީޖާދީ މަސައްކަތްތައް ފާހަގަކޮށް، އެމަސައްކަތްތަކުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމަކީ، ވަރަށް މުހިއްމު ކަމެއްކަމަށްވާތީ، އެފަދަ ޒުވާނުންނަށް މި އަހަރު އިނާމަށް ފުރުސަތު ހުޅުއްވައިލައްވަން ގަސްދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ހާއްސަ އިނާމަށް އިތުރުކުރެވުނު ގިންތި އަކީ ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތި އެވެ.

comment ކޮމެންޓް