ކުޑަ އަގަކަށް ބާސެލޯނާއިން ސުއަރޭޒް ވިއްކާލައިފި

ސްޕެނިޝް ލަލީގާގައި ބާސާއާއި ލަސް ޕަލްމާސް ބައްދަލުކުރި މެޗުގެ ތެރެއިން: އެމެޗުން ބާސާ މޮޅުވީ 5-0 ލަނޑުން ---

ބާސެލޯނާއިން އެ ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް ކުޑަ އަގަކަށް ވާދަވެރި އެތުލެޓިކޯ މެޑްރިޑަށް ވިއްކާލައިފި އެވެ.

ނިމިގެންދިޔަ ސީޒަނުގައި ކުރިމަތިވި ބޮޑު ނާކާމީޔާބީއާ އެކު މުޅި ކުލަބަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސް ކުޅުންތެރިންތަކެއް ޓީމު ދޫކޮށްލަން ޖެހޭނެ ކަން އެކުލަބުގެ ރައީސް ޖޯސެޕް މާރިއާ ބާޓެމިއު ވަނީ ހާމަކޮށްފަ އެވެ. އެއާ އެކު ކުލަބުގެ ކޯޗަކަށް ހުރި ކީކޭ ސެޓިއެން މަގާމުން ވަކިކޮށް ނެދަލެންޑުގެ ރޮނާލްޑް ކޫމަން ކޯޗަކަށް ގެނައި އިރު މިދިޔަ ސީޒަނުގައި ގަވާއިދުން ޖާގަ ހޯދަމުން އައި ބައެއް ކުޅުންތެރިން ވެސް ވަނީ ކުލަބު ދޫކޮށްލައިފަ އެވެ.

އޭގެ ތެރޭގައި އީވާން ރަކިޓިޗް އާއި އާތުރޯ ވިޑާލް އަދި އާތުރް މެލޯގެ އިތުރުން ނެލްސަން ސަމޭޑޯ ވެސް ޓީމު ދޫކޮށްލައިފައިވާ އިރު، ޒުވާން މިޑްފީލްޑަރު ރިކީ ޕުޖް އެހެން ކުލަބެއް ހޯދަން ވަނީ އަންގައިފަ އެވެ.

އަދި އެހެންމެ ވޭތުވެ ދިޔަ ހަތް ވަރަކަށް އަހަރު ބާސެލޯނާގެ ސްޓްރައިކަރަކަށް ކުޅެ ކުލަބުގެ ރެކޯޑްތަކެއް މުގުރާލައި، އެކުލަބުގެ ތާރީހުން ރަމްޒުދާރެއްގެ ލަގަބުވެސް ހޯދާފައިވާ ސުއަރޭޒް ވަނީ ރޭގެ ވަގުތެއްގައި އެންމެ ހަ މިލިއަން ޔޫރޯގެ އަގަކަށް އެތުލެޓިކޯއަށް ބަދަލުވެފަ އެވެ.

އެތުލެޓިކޯއިން ސުއަރޭޒްގެ ސޮއި ހޯދިއިރު، މީގެ ކުރިން ސުއަރޭޒް ހޯދަން މަސައްކަތް ކުރީ ޔުވެންޓަސްއިންނެވެ. ސުއަރޭޒް ޔުވެންޓަސްއާ އެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމި ކަމަށް މީގެ ކުރިން ރިޕޯޓުކުރި ނަމަވެސް، އެ ޑީލް ހުއްޓުނީ ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާ ގުޅިގެންނެވެ. އެއާއެކު ޔުވެންޓަސް އިން ވަނީ ލޯނު އުސޫލުން އެތުލެޓިކޯއަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާގެ ސޮއި ހޯދައިފަ އެވެ.

ބާސާލޯނާގެ މިހާރުގެ ކޯޗް ރޮނަލްޑް ކޫމަންގެ ޕްލޭންގައި ސުއަރޭޒް ނުހިމެނޭތީ އެ ކުލަބުން ވަނީ ކުޅޭނެ އިތުރު ކުލަބެއް ހޯދަން ސުއަރޭޒްއަށް އޮތީ ކުރިން ވެސް އަންގައިފަ އެވެ. އެހެން ކަމުން އެކުލަބުން މިފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައްޔާއި، ފަރިތަކުރުންތަކުގައި ވެސް ސުއަރޭޒް ބައިވެރިވެފައެއް ނުވެ އެވެ.

ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށް ބާސާއާ ގުޅުނު ސުއަރޭޒް ވަނީ ބާސާއާއެކު 13 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ހަތަރު ސްޕެނިޝް ލީގު ތަށްޓާއި ޔުއެފާ ޗެމްޕިއަންސް ލީގެއް ވެސް ހިމެނެ އެވެ.

comment ކޮމެންޓް