އައިޖީއެމްއެޗްގެ ލެބުން އެއް ލައްކަ ޕީސީއާރް ޓެސްޓު ހަދައިފި

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗް ގެ ލެބޯރެޓަރީ އިން 100،000 ކޮވިޑް19 ޕީސީއާރް ޓެސްޓު ރަން ކޮށްފައިވާކަމަށް އެ ހޮޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުން ކޮވިޑް ޕީސީއާރް ޓެސްޓުކުރަން ފަށާފައި ވަނީ ފެބުރުއަރީ 29 ވަނަ ދުވަހު ކަމަށެވެ.

އަދި މާޗު ހަތް ވަނަ ދުވަހު ރާއްޖެއިން ކޮވިޑް19 ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އައިޖީއެމްއެޗްގެ ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗް އިން ޕީސީއާރް ޓެސްޓުކުރަން ފެށީ ތިން މުވައްޒަފުންގެ ޓީމަކުން ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާން ފެށުމުން، ޓީމުގައި ހިމެނޭ މުވައްޒަފުން އިތުރުކޮށް، މިހާރު ކޮވިޑް ޕީސީއާރް ޓެސްޓު ހެދުމުގައި 22 މުވައްޒަފުން މަސައްކަރް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗްގައި ޕީސީއާރް ޓެސްޓުކުރަން ފެށިއިރު، ޓެސްޓިން ކެޕޭސިޓީ ހުރީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރު ޓެސްޓެވެ. ނަމަވެސް މިހާރު ލެބުގެ ކެޕޭސިޓީ އަކީ ކޮނމެ 24 ގަޑިއިރަކު 1500 ޓެސްޓެވެ.

އައިޖީއެމްއެޗް އިން ބުނީ އެއީ ސާމްޕަލް އެކްސްޓްރެކްޓު ކުރުމުގައި ޒަމާނީ މެޝިންތަކާއި ޕީސީއާރް މެޝިންތައް އަދި އިތުރު މުވައްޒަފުން ތަމްރީނު ކުރުމުގެ ނަތީޖާ ކަމަށެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމުގައި އެންމެ މުހިންމު ކަމަކީ ބަލި ޖެހިފައިާ މީހާ ދެނެގަނެ، އެކަހެރިކުރުން ކަމަށް ވާއިރު، ލެބޯރެޓަރީ މުވައްޒަފުންނަކީ ފްރަންޓް ލައިންގެ އެންމެ ކުރީ ސަފުގައި ހިދުމްތަދޭ ފަރާތްތައް ކަން ފާހަގަކޮށް، އައިޖީއެމްއެޗް އިން ވަނީ ލެބޯރަޓަރީ ހުރިހާ ސްޓާފުންނަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް