އިގްތިސާދު އިޔާދަކުރަން ރާއްޖެ-ޗައިނާ އަވަހަށް ގުޅުން މުހިންމު: މިނިސްޓަރު ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ/ފޮރިން މިނިސްޓްރީ

ރާއްޖޭގެ އިގްތިސާދު އިޔާދަކުރަން ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރުން މުހިންމު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާ އުފެދުނުތާ 71 އަހަރު ފުރޭ މުނާސަބަތުގައި ބޭއްވި ވީޑިއޯ ރިސެޕްޝަންގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އިޔާދަކުރަން ކުރަމުންދާ މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުން ކަމަށެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމާ ހަމައަށް ވެސް ވޭތުވެދިޔަ އަހަރުތަކުގައި ކޮންމެ އަހަރަކު ވެސް އެއްގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ޗައިނާއިންނެވެ.

ފަތުރުވެރިން އަންނަ އަދަދު އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވައި ރާއްޖެއާއި ޗައިނާއާ ދެމެދު މިހާރު މެދުކެނޑިފައި އޮތް ދަތުރުތަކާއި ވިޔަފާރީގެ ގުޅުން ވީހާވެސް އަވަހަށް އަލުން ފަށައިގަތުމަށް މިނިސްޓަރު ޝާހިދު ވަނީ ގޮވާލައްވާފަ އެވެ. އަދި ހަމައެއާއެކު ދެގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވި އެވެ.

ޗައިނާ އުފެދުނުތާ 71 އަހަރު ފުރޭ މުނާސަބަތުގައި ބޭއްވި ވީޑިއޯ ރިސެޕްޝަންގައި މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ-- ފޮޓޯ/ފޮރިން މިނިސްޓްރީ

މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 48 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ތާރީހީ ގޮތުން ވަރުގަދަ އަދި ހަމަހަމަކަމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެއް ކަމަށެވެ. އަދި މި ސަރުކާރުން 'ވަން ޗައިނާ ޕޮލިސީ' ހިފަހައްޓާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

މިހާރު ކުރިމަތިވެފައިވާ ކޮވިޑް19 ޕެންޑެމިކްގެ ތެރޭގައި ޗައިނާ ސަރުކާރުންނާއި އެގައުމުގެ ކުންފުނިތަކުން ވެދީފައިވާ އެހީތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޗައިނާގެ ފާމަސޫޓިކަލް ކުންފުނިތަކުން އުފައްދަމުންދާ ވެކްސިންތަކުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނީ މީގެ 1949ވަނަ އަހަރުގަ އެވެ. އޭގެ ފަހުންމި ހިނގި 71 އަހަރުގައި ޗައިނާއިން ހޯދާފައިވާ ކާމިޔާބީއާ އިގްތިސާދީ ކުރިއެރުމަށް މިނިސްޓަރު ޝާހިދު ވަނީ މަރުހަބާ ދަންނަވާފަ އެވެ.

comment ކޮމެންޓް