ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް ސާވޭ ފަށައިފި

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ސާވޭގެ މަސައްކަތް ފަށައިފިއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ބުނީ އިންޑިއާގެ އެއާޕޯޓު އޮތޯރިޓީގެ ޓީމެއް މިހާރު ހަނިމާދޫގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި ސައިޓް އިންސްޕެކްޝަން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ޓީމުން އުތުރުގެ އަތޮޅުތަކުގެ މަޖިލިސް މެންބަރުންނާވެސް ބައްދަލުކޮށްފައިވާ ކަމަށް ހައިކޮމިޝަނުން ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2.2 ކިލޯމީޓަރަށް ބޮޑުކުރާނެ އެވެ. މީގެ އިތުރުން އެއާޕޯޓު ޓާމިނަލް އަޕްގްރޭޑުކޮށް މިއުލް ފާމު ތަރައްގީކުރުމާއި ކާގޯ ޓާމިނަލް ތަރައްގީ ކުރުމާއި ފަޔާ ސްޓޭޝަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ އުތުުރުގެ ތަރައްގީއަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށާއި އުތުރުގެ ޓޫރިޒަމް ތަރައްގީ ވުމުގައ އެއާޕޯޓު މުހިއްމު ދައުރެއް އަދާކުރާނެ ކަމަށްވެސް ހައިކޮމިޝަނުން ބުންޏެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީގައި ފަށާނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތުގެ ގްރައުންޑް ބްރޭކިން ނުވަތަ ބިންގާ އެޅުން މިއަހަރުގެ ނޮވެމްބަރުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ޓްރާންސްޕޯޓުން ބުނީ މި ޕްރޮޖެކްޓުގެ ޕްރޮޕޯޒަލް އަށް އިންޑިއާ އިން ފައިނޭންސް ކުރާނެ ކަމަށާއި ޕްރޮޖެކްޓު ކުރިއަށްގެންދަން ލައިން އޮފް ކްރެޑިޓުން އެހީ ދޭނެ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކްރެޑިޓް ލައިންގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން 800 މިލިއަން ޑޮލަރު (12.4 ބިލިއަން ރުފިޔާ)ގެ ލޯނު ރާއްޖެއަށް އިންޑިއާއިން ދޫކުރާނެ އެވެ. އެ ކްރެޑިޓް ލައިންގެ ދަށުން ފައިސާ ހޯދައިގެން މިހާރުވެސް ބައެއް ޕްރޮޖެކްޓުތައް ރާއްޖޭގައި ހިންގަމުން އެބަދެ އެވެ.

ހދ. ކުޅުދުއްފުށީގައި މި އަހަރުގެ ޖެނުއަރީ މަހު ކުރިއަށް ދިޔަ އެމްޑީޕީގެ "އިރުވައި ކޮންފަރަންސް"ގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މި އަހަރުގެ ފަހުކޮޅަށް ދާއިރު ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ މަންޒަރު ޔަގީންކަމާއެކު ފެންނާނެ ކަމަށެވެ. އަދި އަހަރުގެ މެދުތެރޭގައި މަޝްރޫއުގެ ކޮންޓްރެކްޓު ބަޔަކާ ހަވާލުކުރައްވާނެ ކަމަށެވެ.

ނަމަވެސް، މަޝްރޫއުގެ ކޮންޓްރެކްޓު ބަޔަކާ ހަވާލު ކުރިކަން އަދި ސަރުކާރުން އިއުލާނުކޮށްފައެއް ނުވެ އެވެ. އަދި މަޝްރޫއަށް ހަރަދުވާނެ މިންވަރުވެސް ހާމަކޮށްފައި ނުވެ އެވެ.

1990 ގައި ހިދުމަތް ދޭން ފެށި ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2013 ވަނަ އަހަރުގައެވެ. އެ އެއާޕޯޓުގައި މިހާރު އޮންނަނީ 1،220 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކަށް ވާ އިރު، ބޮޑެތި ފްލައިޓުތައް ޖެއްސުމަށް އެއަށްވުރެ ބޮޑު ރަންވޭއެއް ބޭނުންވެ އެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަކީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

comment ކޮމެންޓް