ހުޅުމީދޫގައި ހިނގައިދިޔަ އެކްސިޑެންޓެއްގައި ވެމްކޯގެ ވެށިފާރަވެރިޔަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ، ހުޅުމީދޫ

އައްޑޫ ސިޓީގެ ހުޅުމީދޫގައި ހިނގައިދިޔަ އެކްސިޑެންޓެއްގައި ވެމްކޯގެ ވެށިފާރަވެރިޔަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ވެމްކޯއިން ބުނިގޮތުގައި ހާދިސާގައި އަނިޔާވެފައިވަނީ އެވަގުތު ޑިއުޓީގައި ކުނި ނެގުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދިޔަ ވެށިފާރަވެރިޔަކަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނިގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ޑިއުޓީގައި މަސައްކަތްކުރަމުންދިޔަ ވެށިފާރަވެރިޔަކަށް ދިމާވި ހާދިސާއެއްގައި އަނިޔާވި ހަބަރު ވަނީ ލިބިފައެވެ.

"ހަބަރު ލިބިފައިވަނީ ވެށިފާރަވެރިޔާ ކުނިނަގަން ގެންގުޅޭ ލޮރީ މަތީގައި ހުއްޓައި އޭގެ ފަހަތް ލެއްޕި އިރު ފައިގެ ދެ އިނގިއްޔެއް އޭގެ ތެރޭގައި ތާށިވެ ފިތުނުކަމަށް. އެކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ 11:00 ޖަހާކަށްހާއިރު." އައްޑޫ ސިޓީ ކައުންސިލްގެ މެންބަރަކު "ސަން" އަށް ވިދާޅުވިއެވެ.

ކައުންސިލުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވި ވެށިފާރަވެރިޔާ މިހާރު އައްޑޫ ސިޓީ، ހިތަދޫއަށް ގެންގޮސް ދަނީ ފަރުވާދެމުންނެވެ.

ވެމްކޯއިން ބުނިގޮތުގައި އަނިޔާވި ވެށިފާރަވެރިޔާ މިއަދު 14:00 ޖެހިއިރު އޮޕަރޭޝަން ކުރުމަށް ވަނީ ވައްދާފައެވެ. ހާދިސާއާއި ގުޅޭ އިތުރު އެހެން ތަފްސީލެއް ވެމްކޯއިން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް