އެއްލައްކަ ރުފިޔާއިން މަތީގެ މުއާމަލާތްތައް އޮންލައިންކޮށް

މީރާ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މީރާއަށް ދައްކާ ފައިސާގެ ތެރެއިން 100،000 ރުފިޔާ އިން މަތި ނުވަތަ 5،000 ޑޮލަރުން މަތީގެ ފީ ބަލައިގަންނާނީ އޮންލައިންކޮށް ކަމަށް މީރާއިން ބުނެފިއެވެ.

ޓެކްސް އިދާރާ މީރާއިން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދޭ މާލީ ހިދުމަތްތައް ކުރިއަރުވައި ރާއްޖޭގެ އިގްތިސޯދުގައި ނަގުދު ފައިސާ އާއި ޗެކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ޗެކާއި ނަގުދު ފައިސާ ބަލައިގަންނަ މިންވަރު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީ އިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި 100،000 ރުފިޔާ ނުވަތަ 5،000 ޑޮލަރުން މަތީގެ ހުރިހާ މުއާމަލާތްތައް ޑިޖިޓަލްކޮށް ކުރުމަށް ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

މީރާއިން ބުނީ އެ އިދާރާ އަށް ބަލައިގަންނަ 100،000 ރުފިޔަ ނުވަތަ 5،000 އިން މަތީގެ ފައިސާ ބަލައިގަންނާނީ މީރާ ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ނުވަތަ ކާޑު، އެމްއާރުޓީޖީއެސް މެދުވެރިކޮށް ކަމަށެވެ.

މިހެން އޮތްނަމަވެސް އޮންލައިންކޮށް ދެއްކުން ލާޒިމު ފައިސާ އޭގެ ފަހުންވެސް ބަލައިގަންނާނީ އޮންލައިންކޮށް ކަމަށާއި މީރާ އަށް ބަލައިގަންނަ ހުރިހާ ފައިސާއެއް މީރާ ކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް މިހާރު ދެއްކޭނެ ކަމަށް މީރާ އިން ބުންޏެވެ.

comment ކޮމެންޓް