ދުނިޔޭގެ އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓުގައި އެކްޓަރު އަޔޫޝްމަން

ހުނަރުވެރި އެކްޓަރު އަޔޫޝްމަން ކުރާނާ---

އެމެރިކާގެ މަޝްހޫރު މަޖައްލާ "ޓައިމް" އިން އެކުލަވައިލި ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި ބޮލީވުޑްގެ އެކްޓަރު އަޔޫޝްމަން ކުރާނާ ހިމެނިއްޖެ އެވެ.

އަޔޫޝްމަން އަކީ އެ ލިސްޓުގައި ހިމެނުނު ހަމައެކަނި ބޮލީވުޑްގެ ތަރިވެސްމެ އެވެ. އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި އޭނާ ހިމެނުނުކަން ހާމަކުރަމުން އޭނާ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ބުނީ އެ ލިސްޓުގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އާޓިސްޓުންގެ ކެޓަގަރީގައި އަޔޫޝްމަން ހިމެނިފައިވާއިރު އޭނާ ބުނީ އަބަދުވެސް މަސައްކަތްކުރަނީ ސިނަމާ މެދުވެރިކޮށް މުޖުތަމައު ހޭލުންތެރިކޮށް ޕޮޒިޓިވް ކަމެއް ކޮށްދެވޭތޯ ކަމަށެވެ. މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތައް ހުއްޓުވުމަށް ސިނަމާގެ ބާރަކީ އަބަދު ވެސް އޮންނަ ބާރެއްކަމަށް އޭނާ އަބަދުވެސް ގަބޫލުކުރާ ކަމަށް އަޔޫޝްމަން ބުންޏެވެ.

ދެހާސް ބާރަ ވަނަ އަހަރު ނުކުތް ފިލްމު "ވިކީ ޑޯނާ" އިން ބޮލީވުޑަށް ތައާރަފްވި އެކްޓަރަށް އެ މަގާމު ލިބުމާއެކު ގިނަ ތަރިންނެއް އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ. އަޔޫޝްމަން އަކީ މިވަގުތު ބޮލީވުޑްގެ "އޭ" ލިސްޓްގެ ތަރިއެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކާމިޔާބު ޒުވާން އެކްޓަރުންގެ އެންމެ ކުރީގައި ގުނައިލެވޭ އަޔޫޝްމަން ވަނީ އާންމުންނަށް ތަފާތު ކޮންޓެންޓް ހިމެނޭ ފިލްމުތަކެއް ގެނެސްދީފަ އެވެ.

ޓައިމްސް އިން އާންމުކުރި ނުޒޫފު ގަދަ ލިސްޓުގައި ހިމެނުނު ހޮލީވުޑް ތަރިންނަކީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް، ލަވަކިޔުންޔެރިޔާ ޖެނިފާ ހަޑްސަން، ޑައިރެކްޓަރު ބޮންގް ޖޫން ހޯ، ބަތަލު މައިކަލް ބީ ޖޯޑަން އެވެ. އަދި އެ ލިސްޓުގައި އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ ވެސް ހިމެނެ އެވެ.

comment ކޮމެންޓް