އޮކްޓޯބަރު 4 އިން ފެށިގެން އުމުރާގެ އަޅުކަމަށް މައްކާގެ ހަރަމްފުޅު ހުޅުވާލަނީ

ކޮވިޑް ގެ ވަބާއާ ގުޅިގެން އުމުރާވެރިންނަށް މައްކާގެ ހަރަމްފުޅު ވަގުތީގޮތުން ބަންދުކޮށްފައި

ރިޔާޒް (ސެޕްޓެމްބަރު 23): ހަތް މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އަލުން ދީ މައްކާގެ ހަރަމްފުޅު އުމުރާވެރިންނަށް އަލުން ހުޅުވާލުމަށް ސައޫދީ ސަރުކާރުން ނިންމައިފި އެވެ.

ސައޫދީ ދާހިލީ ވުޒާރާ އިން ބުނީ އަންނަ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ނިންމައި އެކަމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށެވެ. ނަމަވެސް އުމުރާގެ ފުރުސަތު ހުޅުވާލަނީ ލަސްލަހުން އުމުރާވެރިންގެ އަދަދު އިތުރުކުރާ ގޮތަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުން ސައޫދީން ހުއްޓާލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

އުމުރާގެ އަޅުކަމަށް ތައްޔާރުވެގެންތިބި މީހުންގެ އަދަދު ވަރަށްގިނަ

ފާއިތުވި ހަތް މަހުގައި އުމުރާގެ ފުރުސަތު ނެތުމުން އެފުރުސަތަށް އެދިއެދި ތިބި މީހުންގެ އަދަދު އިސްލާމީ ދުނިޔޭގައި ގިނަވާނެކަމަށް ބެލެވޭކަމަށް އެ ވުޒާރާއިން ބުނެ އެވެ. އުމުރާގެ އަޅުކަމުގެ ފުރުސަތު އަލުންދޭއިރު ފުރަތަމަ މަރުޙަލާ އާއި ދެވަނަ މަރުހަލާގައި އެފުރުސަތު ދިނުމަށް ހަމަޖައްސާފައިވަނީ ސައޫދީ ރައްޔިތުންނަށާ ސައޫދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށެވެ.

ފުރަތަމަ މަރުޙަލާ

އުމްރާގެ އަޅުކަން އަދާކުރުމަށް ހަރަމްފުޅު ހުޅުވާލާއިރު ފުރަތަމަ މަރުހަލާގައި ހަރަމްފުޅަށް ވެއްދުމަށް ހަމަޖެހިފައިވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު ހަރަމްފުޅުގެ ޖާގައިގެ ގާތްގަނޑަކަށް 30 ޕަސެންޓާވާ އަދަދަށް މީހުންނެވެ. މިމަރުހަލާގައި ދުވާލަކު ގާތްގަނޑަކަށް 6،000 މީހުންނަށް އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެ އެވެ. މި މަރުޙަލާގައި އުމުރާގެ އަޅުކަން އަދާކުރާ ވަގުތުގައި ހަރަމްފުޅަށް ވަނުމުގެ ފުރުސަތު އެނޫން ބަޔަކަށް ނޯންނާނެ އެވެ.

ދެވަނަ މަރުހަލާ

ދެވަނަ މަރުހަލާ ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އެ މަރުހަލާގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު ހަރަމްފުޅަށް ވައްދާނީ އެތަނުގެ ޖާގައިގެ 75 ޕަސެންޓް މީހުންނެވެ. އެއީ ދުވާލަކަށް ގާތްގަނޑަކަށް 15،000 މީހުންނެވެ. މި ދެ ފިހަވަހީގައި ވެސް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ސައޫދީ ރައްޔިތުންނާއި އެގައުމުގައި އުޅޭ އެެހެން ގައުމުތަކުގެ މުސްލިމުންނަށް އެކަންޏެވެ.

ތިންވަނަ މަރުޙަލާ

ތިންވަނަ މަރުޙަލާ ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު އެކެއްގަ އެވެ. ތިންވަނަ މަރުހަލާގައި ބޭރު ގައުމުތަކުން އަންނަ މީހުންނަށްވެސް ސިއްހީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު އުމުރާވުމުގެ ފުރަސަތު ދޭނެ އެވެ. މި މަރުހަލާގައި ހަރަމްފުޅުގެ ފުލްޖާގައަށް މީހުން ވައްދާނެ އެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 20،000 އުމުރާވެރިންނެވެ. މީގެ އިތުރުން ނަމާދުކުރާ މީހުންނަށްވެސް އުމުރާވެރިންނާ އެކުގައި ހަރަމްފުޅަށް ވަނުމުގެ ފުރުސަތު ދޭނެ އެވެ. މައްކާގެ ހަރަމްފުޅުގައި އެއްފަހަރާ ގާތްގަނޑަކަށް 60،000-80،000 އާ ދެމެދުގެ މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގަ ހުންނަ ކަމަށްވެ އެވެ.-- (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު