އަރަބި ލީގުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން ފަލަސްތީނުން ހުއްޓާލައިފި

ފަލަސްތީން ނެެޝަނަލް އޮތޯރިޓީގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މާލިކް--

ޔޫއޭއީ އަދި ބަހްރެއިނުން އިސްރާއިލާ ގުޅުން ގާއިމްކުރުމާ ގުޅިގެން އަރަބި ގައުމުތަކުގެ ޖަމިއްޔާ (އަރަބި ލީގު)ގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން ފަލަސްތީނު ހުއްޓާލައިފި އެވެ.

އިސްރާއިލާ ގުޅުން ގާއިމްކުރި ކުރުން އަރަބި ލީގުން ކުށްވެރިކުރަން ދާދި ފަހުން ފަލަސްތީނުގެ ކުރި މަސައްކަތް ވަނީ ފެއިލްވެފަ އެވެ.

ކުރިން އޮތީ ކުރިއަށް އޮތް ހަ މަހު އަރަބި ލީގްގެ ބައްދަލުވުންތަކުގެ ރިޔާސަތު ފަަލަސްތީނުން ބަލަހައްޓާ ގޮތަށެވެ.

ނަމަވެސް ފަލަސްތީން ނެެޝަނަލް އޮތޯރިޓީގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މާލިކް ހުޅަނގު އައްސޭރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ދެން ބައްދލުވުންތަކުގެ ރިޔާސަތު ބަލަހައްޓަން ބޭނުންނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިސްރާއިލާއި އަރަބި ގައުމުތަކުން ގުޅުން ގާއިމްކުރުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފަލަސްތީން ނެޝަނަލް އޮތޯރިޓީން ބޭނުންވަނީ 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ބޯޑަރު ސަރަހައްދުތަކުގައި ވަކިން ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރާށެވެެ.

އިސްރާއިލާއެކު މީގެ އެތަކެއް އަހަރުކުރިން އުރުދުން އަދި މިސްރުންވެސް ވަނީ ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމްކޮށްފަ އެވެ. --އަލްޖަޒީރާ

comment ކޮމެންޓް