ދަރިފުޅުގެ ޖިންސު ބަލަން އަނބިމީހާގެ ބަނޑު ފެޅި އިންޑިއާ މީހާ ހައްޔަރުކޮށްފި

އިންޑިއާގައި އަންހެންކުއްޖަކަށް ބަލިވެ އިނުމުން ދަރިވައްޓާލާ މައްސަލަ އަދިވެސް އޮންނަ ކަމަށް އެކްޓިވިސްޓުން ބުނޭ -- ފޮޓޯ: އީޕީއޭ

ދިއްލީ (ސެޕްޓެމްބަރު 22): އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ފިރިހެނަކު އޭނާގެ ބަލިވެއިން އަނބިމީހާގެ ބަނޑު ފެޅި މައްސަލައިގައި އެ ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.

އުއްތަރަ ޕްރަދޭޝްގެ ބުދައުން ޑިސްޓުރިކްޓުގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި ފިރިހެން މީހާ އޭނާގެ އަނބިމީހާގެ ބަނޑު ފެޅީ، ބަނޑުގައި އޮތް ދަރިފުޅުގެ ޖިންސު ބެލުމަށް ކަމަށް އޭނާ ބުނި ކަމަށް އަންހެން މީހާގެ އާއިލާގެ މެމްބަރަކު ބުންޏެވެ.

"ބަނޑުގައި އޮތް ދަރިފުޅުގެ ޖިންސު ބަލަން ބޭނުން ކަމަށް ބުނެ [އަންހެން މީހާއަށް] ބަޅުވަޅިއަކުން ހަމަލާދީ ބަނޑު ފެޅީ،" އަންހެން މީހާގެ އާއިލާގެ މީހަކު ރޮއިޓާސްއަށް މައުލޫމާތު ދިނެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާއަށް ފަހު އަންހެން މީހާގެ ބަނޑުގައި އޮތް ގާތްގަނޑަކަށް ހަތް މަސް ފުރިފައިވާ ދަރިފުޅު ވަނީ މަރުވެފަ އެވެ. އަދި އެކުއްޖާ ނެގުމަށް ފަހު، އަންހެން މީހާއަށް ދަނީ ދިއްލީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.

އެ އަންހެން މީހާގެ އާއިލާއިން ބުނި ގޮތުގައި އެ ދެމަފިރިންގެ ފަސް އަންހެން ކުދިން ތިބެ އެވެ. އަދި އެ ފިރިހެން މީހާ ފިރިހެން ދަރިއަކު ބޭނުންވާ ކަމަށް ބުނެ އަންހެން މީހާއަށް މީގެ ކުރިންވެސް އަނިޔާކޮށްފައިވެ އެވެ.

އެ ހާދިސާއާ ގުޅިގެން ފިރިހެން މީހާ ހައްޔަރުކޮށް އޭނާގެ ބަންދަށް މުއްދަތު ޖަހާފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިންޑިއާގައި އަންހެންކުދިންނަށް ބަލިވެ އިނުމުން ދަރިވައްޓާލާ މައްސަލަ ބޮޑުވުމާ ގުޅިގެން ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސު ބުނެދިނުން އޮންނަނީ ޑޮކްޓަރުންނާއި ސިއްހީ މަސައްކަތްތެރިންނަށް މަނާކޮށްފަ އެވެ.

އިނގިރޭސި މެޑިކަލް ޖާނަލް ދަ ލާންސެޓުގައި 2011 ވަނަ އަހަރު ޝާއިއު ކުރި ދިރާސާއެއްގައިވާ ގޮތުން އިންޑިއާގައި 30 އަހަރު ތެރޭ 12 މިލިއަން އަންހެން ކުދިން އެބޯޓުކޮށްފައިވެ އެވެ. އަދި 2018 ވަނަ އަހަރު ޝާއިއު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި އިންޑިއާގައި އަންހެން ކުއްޖަކަށްވީތީ ތަފާތުކޮށް، އިހުމާލުވުމުގެ ސަބަބުން ކޮންމެ އަހަރަކު ފަސް އަހަރުން ދަށުގެ 239،000 އަންހެން ކުދިން މަރުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް