ކަރަންޓީނުވާ މީހުންނަށް ހާއްސަ ޗުއްޓީ ދޭ އިސްލާހު ތަސްދީގުކޮށްފި

މާޗް 25، 2020: މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އިގެ ސަބަބުން ކަރަންޓީނުގައި ތިބެންޖެހޭ މީހުންނަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރީ މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމަށް ދިމާވެފައިވާ ހާލަތުގައި އަމަލުކުރާނެ ގޮތް ހިމަނާ އެކުލަވާލާފައިވާ އެ ބިލުގައި ބުނެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް ރާއްޖޭއިން ބޭރުން އައިސް ނުވަތަ އެއްވެސް ހާލަތެއް ދިމާވެގެން ކަރަންޓީނުގައި ހުންނަން ޖެހޭ މުވައްޒަފަކަށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭގޮތަށް ހާއްސަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގޭގައި މަޑުކުރަން ޖެހޭ މުވައްޒަފުންނަށް ވެސް އެ ހާއްސަ ޗުއްޓީ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެ ޗުއްޓީ ހަމަޖައްސައިދޭން ވަޒީފާ ދޭ ފަރާތަށް ލާޒިމް ވާނީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ މީހަކު ސޮއިކޮށް ދީފައިވާ ލިޔުމެއް ދެއްކުމުންނެވެ.

އޭގެއިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދަތުރުފަތުރާ ގުޅިގެން އަޅާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހުރަސްއެޅޭ ފަރާތްތަކަށްވެސް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައިވެއެވެ.

އޭގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ސަލާމުގެ ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ވާނެ ކަމަށްވެސް އެބިލުގައި ވަނީ ބުނެފަ އެވެ. އެގޮތަށް ޗުއްޓީދޭން ޖެހެނީ ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ ލިޔުން ވަޒީފާ ދޭ ފަރާތަށް ހުށަހެޅުމުންނެވެ.

ބައްޔަށް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ އާއިލާގެ މީހަކު، އޭނާއަކީ އެމީހާ ބެލުން ހަވާލުވެފައިވާ މީހެއް ކަމުގައި ވާނަމަ އެމީހަކަށްވެސް ހާއްސަ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ކޮވިޑާ ގުޅިގެން ދޭ ޗުއްޓީގެ މުއްދަތަކީ އެމީހަކަށް ހައްގުވާ އެހެން ޗުއްޓީތަކުން އުނި ނުކުރެވޭނެ ޗުއްޓީއެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ކޮވިޑް-19އިގެ ހާލަތުގައި ވަޒީފާއިން ވަކިނުކުރެވޭނެ ހާލަތްތަކެއް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ވަޒީފާ އަދާކުރާ ފަރާތުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނިކުރުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް އުޖޫރަ ދިނުމަށް ވަޒީފާ އަދާކުރާ ފަރާތުން އެއްބަސްވެފައިވާ މުއްދަތު ފަސްކުރުން، އަދި އުޖޫރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމުގެ އިތުރުން ވަޒީފާއިން ވަކިކުރުން ހިމެނެ އެވެ.

ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން ނުރަނގަޅު އަސަރުކޮށްފައިވާ ނަމަ ވަޒީފާދޭ ފަރާތަށް އެ ފިޔަވަޅުތައް އެޅޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ތަން ބަނގުރޫޓުވުން ނުވަތަ އާމްދަނީ ދަށްވުން ހިމެނެ އެވެ. ވިޔަފާރިއަށް ނުރަނގަޅު އަސަރުކޮސްފައިވާކަން ބަލާ ގަވައިދެއް އެ ބިލު ފާސްކުރާތާ 14 ދުވަސްތެރޭގައި ކަމާބެހޭ މިނިސްޓްރީއަކުން އެކުލަވާލަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ކޮވިޑާއި ގުޅިގެން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ޓްރިބިއުނަލަށް ދިއުމުގެ ހައްގު ބިލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން މުވައްޒަފާ މެދު ފިޔަވަޅު އަޅާ ތާރީހުން ފެށިގެން 90 ދުވަސް ހަމަވާ ތާރީހާއި ކޮވިޑާއި ގުޅިގެން އިއުލާނުކޮށްފަައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހާ ދެ ތާރީހު ތެރެއިން ފަހުން ބައްދަލުވާ ތާރީހުގެ ތެރޭގައި މައްސަލަ ހުށަހަޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ރައީސް މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

ބިލު ގާނޫނަކަށްވުމަށްފަހު، އަމަލުކުރުމަށް ހަމަޖެހިފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކުރާ އެނޫންވެސް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ ފަސްދޮޅަސް ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށެވެ.

comment ކޮމެންޓް