ޗައިނާ ސަފީރުގެ ރައްދު: ލޯނު ނުދެއްކިގެން ރަށްތައް ނަގާ ވާހަކަތަކުގައި އަސާސެއް ނެތް

ފެބްރުއަރީ 4، 2020: ޗައިނާއަށް އެއް މިލިއަން މަސް ދަޅު ހަދިޔާކުރަން ފޮރިން މިނިސްޓްރީގައި ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާއިން ނަގާފައި ހުރި ލޯނުތަކަށް ފައިސާ ނުދެއްކިއްޖެނަމަ ބަދަލެއްގެ ގޮތުގައި ރާއްޖޭގެ ބިމާއި ރަށްތައް އެގައުމަށް ދޭން ޖެހޭނެ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު ޓުވިޓާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ 'ދަރަނި ދަންތުރައެއް' ކަމަށް ދައްކަން ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތަކަކީ ޗައިނާއާ ދެކޮޅަށް ބޭނުންކުރާ ސިޔާސީ ހަތިޔާރެއް ކަމަށެވެ.

"ބައެއް މީހުން ބުނޭ ޗައިނާއިން ނަގާފައި ހުރި ލޯނުތަކަށް އަނބުރާ ފައިސާ ނުދެއްކިއްޖެނަމަ ބަދަލުގެ ގޮތުގައި ރާއްޖޭގެ ބިމާއި ރަށްތައް ދިނުމަށް ޗައިނާއިން ބުނާނޭ. މިއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް. ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކަކީ ދެގައުމަށް ފައިދާކުރަނިވި އެއްބަސްވުންތަކެއް ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ޗައިނާގެ ޝިންގްހުއާ އޭޖެންސީއަށް މިފަހުން ދެއްވި އިންޓަވިއުގައި ވެސް ވިދާޅުވި،" ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެއްބަސްވުމެއް ގާއިމުކުރުމުގެ މާނައަކީ އެއްބަސްވުމުގައި ހުންނަ ހުރިހާ ކަމެއް އެއް ގައުމުން ކަނޑައެޅުން ނޫން ކަމަށް ވިދާޅުވި އެވެ. އަދި ދަރަނި އަދާކުރަން އެއްވެސް ގައުމަކަށް ފިއްތުންތައް ކުރިމަތިކޮށްފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެއާއި ޗައިނާ، އެއްގައުމުން އަނެއް ގައުމަށް އެއްބާރުލުން ދޭ ދިނުމަކީ ރަހުމަތްތެރި މަޝްވަރާތަކުގެ ނަތީޖާ. މިކަމުން ފައިދާވާނީ ދެފަރާތަށް. މިއީ އެއްގައުމުން ހުރިހާ ކަމެއް ނިންމާ ނުވަތަ އެއްގައުމުން އަނެއް ގައުމުގެ [ނާޖާއިޒު] ފައިދާ ނަގާ ގޮތަށް ކުރި ކަމެއް ނޫން." ސަފީރު ވިދާޅުވި އެވެ.

މިއީ ދަރަނި އަދާކުރަން ރާއްޖެއަށް ދަތި ދުވަސްވަރެއް ކަން ޗައިނާއަށް އެނގޭ ކަމަށާއި މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވެސް ސަފީރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"މައްސަލައެއް ހައްލު ކުރާނީ ސޮއިކޮށްފައިވާ ހުރި އެއްބަސްވުންތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ސުލްހަވެރި މަޝްވަރާތަކުން. 'ދަރަނި ދަންތުރަ'ގެ ވާހަކަތަކަކީ ތަރައްގީވަމުން އަންނަ ގައުމުތަކާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށާއި ޗައިނާގެ ބެލްޓް ރޯޑް އިނީޝިއޭޓިވްއަށް ބުރޫއަރުވަން ބޭނުންކުރާ ސިޔާސީ ހަތިޔާރެއް،" ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ފަރާތުން މީގެ ކުރިން ވެސް ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޮޑެތި ފައިދާތަކެއް ވެފައިވާކަން ސަފީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ރަނގަޅު ގުޅުމަކީ، ދެ ފަރާތަށް ވެސް ފައިދާވަމުންދާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. މިފަހުން ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވެސް ނަޝީދު ވަނީ މި މޭރުމުން ވާހަކަ ދައްކަވާފައެވެ.

ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ނަޝީދު ފާޑުވިދާޅުވަމުން ގެންދަވާއިރު، މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސަން ލޯނު ނަގަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެގޮތުން ނަގާފައިވާ ލޯނުތަކުގެ ތެރޭގައި މާލެ ތިލަފުށި ބްރިޖު މަޝްރޫއަށް ނެގި 500 މިލިއަން ޑޮލަރުގެ ލޯނު އެހީއަކާއި ބަޖެޓް ސަޕޯޓަށް މިފަހުން ނެގި 250 މިލިއަން ޑޮލަރުގެ ލޯނެއް ހިމެނެއެވެ.

comment ކޮމެންޓް