ޗައިނާގެ ރައީސަށް ފާޑުކީ ބިލިއަނަރަކު 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ބިލިއަނަރު ރެން ޒިކިއަންގް 18 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ -- ފޮޓޯ: އީޕީއޭ

ބެއިޖިން (ސެޕްޓެމްބަރު 22): ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ބިލިއަނަރު ރެން ޒިކިއަންގް 18 އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްއިން ރިޕޯޓު ކުރި ގޮތުގައި ބެއިޖިންގެ އިންޓަމީޑިއެޓް ޕީޕަލްސް ކޯޓު 1ގައި ރެންގެ މައްޗަށް ވަނީ ހިޔާނާތުން 7.4 މިލިއަން ޑޮލަރު ހޯއްދަވާ، ރިޝްވަތުގެ ގޮތުގައި 184،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ގަބޫލު ކުރެއްވިކަން ސާބިތުވެފަ އެވެ. އަދި އެ މައްސަލާގައި އޭނާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ކޮށް، 620,000 ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ރެންގެ މައްޗަށް އެ ދައުވާތައް ސާބިތުވީ، ޗައިނާގެ ސަރުކާރުން ކޮރޯނާވައިރަސް ފެތުރުމާ ގުޅިގެން އަމަލު ކުރި ގޮތަށް އޭނާ ފާޑު ކިޔާ ލިޔުމެއް ޝާއިއު ކުރި ފަހުންނެވެ. އެ ލިޔުމުގައި ރައީސް ޝީގެ ނަން ފާހަގަކޮށްފައި ނުވި ނަމަވެސް ޝީއަށް އަމާޒުކޮށް ވިދާޅުވި ކަމަށް ބެލެވޭ ޖުމްލައެއްގައި އޭނާ ވަނީ ރައީސަކީ ބާރު ހޯދުމަށް ދަހިވެތިވެފައިވާ، މީހުން ހެއްވަން އުޅޭ 'ކްލައުން'އެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

އެ ލިޔުން ޝާއިއު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ ރެންއަށް ވީނުވީ ގޮތެއް ނޭގި ގެއްލުނެވެ. އަދި ފަހުން ޗައިނާގެ އޮފިޝަލުން ވަނީ އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަމުންދާ ކަމަށާއި ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީން އޭނާ ވަކިކޮށްފައިވާ ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން ރެން އެއްވެސް މަޖުބޫރު ކުރުމަކާ ނުލައި އަމިއްލައަށް ކުށްތަކަށް އިއުތިރާފުވެފައިވާ ކަމަށާއި އެ މައްސަލަ އިސްތިއުނާފަށް ހުށަނާޅާނެ ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް