އަންނަ މަހުން ފެށިގެން ކަސްޓަމްސްއަށް ފައިސާ ދެއްކޭނީ ޕޯޓަލް އިން

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަސްޓަމްސްއަށް ދައްކާ ޑިއުޓީއާއި އެހެނިހެން ފައިސާ ބަލައިގަންނާނީ ކަސްޓަމްސް ޕޯޓަލް، ކަސްޓަމްސްޕޭ ނުވަަތަ އެމްއާރުޖީޓީއެސް މެދުވެރިކޮށް ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން ކުރި އިއުލާނެއްގައި ބުނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދޭ މާލީ ހިދުމަތްތައް ކުރިއަރުވައި، ރާއްޖޭގެ އިގްތިސޯދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި ޑިޖިޓަލް، އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ވުމާއެކު، އޮކްޓޯބަރު ފުރަތަމަ ވަނަ ދުވަހުން ފެށިގެން ކަސްޓަމްސް އިން ފައިސާ ބަލައިގަންނާނީ ޕޯޓަލް މެދުވެރިކޮށް ކަމަށާއ ޕޯޓަލް މެދުވެރިކޮށް ދައްކާ ފައިސާގެ ރަސީދު ކަސްޓަމްސް ޕޯޓަލް އިން ފެންނަންހުންނާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި އެމްއާރުޓީޖީއެސް ހެދުމަށް އެދޭ ފޯމް ކަސްޓަމްސްގެ ވެބްސައިޓުން ލިބޭނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިއާއެކު ކޮވިޑް-19 އާއި ގުޅިގެން ފައިސާ ދެއްކުމަށް ބޭނުންކުރަމުން ގެންދިޔަ ބޭންކް ޓްރާންސްފާގެ ހިދުމަތް އޮކްޓޯބަރު އެއް ވަނަ ދުވަހުން ފެށިގެން ބޭނުންކުރުން ހުއްޓާލެވޭނެ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

comment ކޮމެންޓް