އެމެރިކާގެ ސުޕްރީމް ކޯޓުގެ އާ ފަނޑިޔާރަކަށް އައްޔަން ކުރާނީ ކާކު؟

އޭމީ ކޯނީ ބެރެޓް -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރޫތު ބޭޑާ ގިންސްބާގް މިދިޔަ ހުކުރު ދުވަހު އަވަހާރަވުމުން ހުސްވެފައިވާ މަގާމަށް އައްޔަން ކުރާނެ ބޭފުޅެއްގެ ނަން މި ހަފްތާ ތެރޭ ސެނެޓަށް ހުށަހަޅާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާ ފޮނުއްވާނީ އަންހެނެއްގެ ނަންކަން ވެސް ހާމަ ކުރައްވައިފަ އެވެ. އެހެންކަމުން ޓްރަމްޕް ދެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހިޔާރު ކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި:

އޭމީ ކޯނީ ބެރެޓް

އެމެރިކާގެ ފެޑެރަލް ޖުޑިޝަރީގެ އިސްތިއުނާފް ކޯޓެއްގައި ފަނޑިޔާރުކަން ކުރައްވާ އޭމީ ކޯނީ ބެރެޓް އަކީ މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ރައީސް ޓްރަމްޕް ޝޯޓްލިސްޓު ކުރެއްވި ބޭފުޅެކެވެ. އެއީ 2017 ވަނަ އަހަރު ފަނޑިޔާރު އެންތަނީ ކެނެޑީ އަވަހާރަވުމުން އެ މަގާމު ފުރުމަށެވެ. ނަމަވެސް އެ ފަހަރު ޓްރަމްޕް ސެނެޓަށް ހުށަހަޅުއްވާ، ފާސް ކުރި ނަމަކީ ބްރެޓް ކެވަނާ އެވެ.

ބެރެޓް އަކީ ކެތޮލިކް ދީންވެރި މީހެއް ކަމުން ކޮންޒާވެޓިވް ފިކުރު ގެންގުޅޭ އެހެން ދީންވެރި މީހުންގެ މެދުގައި އޭނާގެ މަގުބޫލުކަން ބޮޑެވެ. ހާއްސަކޮށް 1973 ވަނަ އަހަރު އެމެރިކާއިން އެބޯޝަން ހުއްދަ ކުރުމުން، އެކަމާ ދެކޮޅު ހަދާ މީހުންގެ މެދުގަ އެވެ.

މީގެ ކުރިން ބެރެޓް ވަނީ ރައީސް ޓްރަމްޕް ގެންގުޅުއްވާ އިމިގްރޭޝަން ސިޔާސަތުތަކަށާއި އެ ގައުމުގެ ރައްޔިތުންނަށް ލިބިދީފައިވާ ބަޑި ގެންގުޅުމުގެ ހައްގުތަކަށް ތާއިދު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

ބާބަރާ ލަގޯއާ

ކިއުބަން-އެމެރިކަން ރައްޔިތެއް ކަމަށްވާ ބާބަރާ ލަގޯއާ އަކީވެސް ފެޑެރަލް އެޕީލްސް ކޯޓެއްގެ ފަނޑިޔާރެކެވެ. ޓްރަމްޕްގެ ހުށަހެޅުއްވުމަކަށް އޭނާ މިދިޔަ އަހަރު އެ ކޯޓަށް އަައްޔަން ކުރީ ސެނެޓުގެ 80 މެމްބަރުންގެ ވޯޓުންނެވެ. އެ ވޯޓުގައި ލަގޯއާ އާ ދެކޮޅަށް ހިޔާލު ފާޅު ކުރެއްވީ އެންމެ 15 މެމްބަރުންނެވެ.

ފެޑެރަލް އެޕީލްސް ކޯޓުގައި މަސައްކަތް ކުރެއްވުމުގެ ކުރިން ލަގޯއާ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ޑިސެމްބަރު މަހަށް ފްލޮރިޑާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ. އޭނާ އަކީ އެ ކޯޓަށް އައްޔަން ކުރި ފުރަތަމަ ހިސްޕޭނިކް (ސްޕެނިޝް ބަހުން ވާހަކަ ދައްކާ ގައުމަކާ އާއިލީ ގޮތުން ގުޅިފައިވާ) ފަނޑިޔާރެވެ. އަދި އޭނާ ސުޕްރީމް ކޯޓަށް އައްޔަންކޮށްފި ނަމަ އެ ވާނީ އެ ކޯޓަށް ހިސްޕޭނިކް ފަނޑިޔާރަކު އައްޔަން ކުރާ ދެވަނަ ފަހަރަށެވެ.

ބާބަރާ ލަގޯއާ -- ފޮޓޯ: ރޮއިޓާސް

ލަގޯއާ ސުޕްރީމް ކޯޓަށް އައްޔަން ކުރުމަކީ ޓްރަމްޕަށް ކިއުބަން އެމެރިކަން ރައްޔިތުންނާއި ހިސްޕޭނިކް ދަރިކޮޅުގެ އެހެން މީހުންގެ ތާއިދު ލިބިގެން ދާނެ ނިންމުމެއް ކަމަށް ޓްރަމްޕް ދެކިލައްވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓު ކުރި އެވެ.

މީގެ އިތުރުން ޔޫއެސް ޗޭމްބާ ލިޓިގޭޝަން ސެންޓަރުގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ވައިޓް ހައުސްގެ ގާނޫނީ މުޝީރެއްގެ ގޮތުގައި ހުންނެވި ކޭޓް ކޮމަފޯޑް ޓޮޑް އާއި މިޝިގަން ސުޕްރީމް ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު ފެޑެރަލް އެޕީލްސް ކޯޓެއްގައި މިހާރު ފަނޑިޔާރުކަން ކުރައްވާ ޖޮއާން ލާސެން އަކީ ވެސް ޓްރަމްޕް ސެނެޓަށް ފޮނުއްވަފާނެ ނަންތައް ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެ ހުރިހާ ބޭފުޅުންނަކީވެސް ސުޕްރީމް ކޯޓުގައި ކޮންޒާވެޓިވް ފިކުރުތަކަށް ތާއިދު ކުރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންނެވެ.

އަންނަ ނޮވެމްބަރު މަހުގެ ތިނެއްގައި އެމެރިކާގެ ރިޔާސީ އިންތިހާބު ބޭއްވުމުގެ ކުރިން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އޭނާއަށް އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. ސަބަބަކީ 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ހުސްވި ގޮނޑިއަކަށް ފަނޑިޔާރަކު އައްޔަން ކުރަން އޭރުގެ ރައީސް ބަރަކް އޮބާމާ މަސައްކަތް ކުރެއްވުމުން، އެއީ އިންތިހާބީ އަހަރެއް ކަމަށް ބުނެ ރިޕަބްލިކަން ޕާޓީން އެކަމަށް އޭރު ހުރަސް އަޅާފައި ވާތީ އެވެ.

comment ކޮމެންޓް