ކޮވިޑަށް ޕޮޒިޓިވްވާ ދަރިވަރުން އޭލެވެލް އިމްތިހާން ހަދަން ވަކި ހޯލެއް

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ އޭލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ ކުދިންނާއި އަދި ޕޮޒިޓިވް ކޭސް އަކާ ކޮންޓެކްޓު ވެގެން ކަރަންޓީނުވާން ޖެހޭ ކުދިންނަށް ވަކި އިމްތިހާން ހޯލުތަކެއް ގާއިމުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވަނީ އިމްތިހާނު ހަދާ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހިއްސާކުރައްވައިފައެވެ.

އިހުސާން ވިދާޅުވީ ބައިނަލްއަގުވާމީ އިމްތިހާނުތައް ކުރިއަށް ގެންދާއިރު، ބައެއް ކެންޑިޑޭޓުންނަށް ބަލިހާލަތު ހުރި ގޮތުން އިމްތިހާން ކުރިއަށްދާ ހޯލަށް ހާޒިރުނުވެވޭ ނުވަތަ އެހެން ކުދިންނާއެކު އިށީނދެ އިމްތިހާން ނުހެދޭ ކަހަލަ ހާލަތްތައް އަބަދުވެސް ދިމާވާ ކަމަށެވެ.

އަދި އެފަދަ ހާލަތުގައި ކެންޑިޑޭޓުންނަށް އިމްތިހާނު ފޯރުކޮށްދިނުމަށް އުސޫލުތަކެއް ވެސް ކަނޑައަޅައި އަތްމަތީ ފޮތެއްގައި ލިޔެވިފައިވާ ކަމަށެވެ.

ނަމަވެސް ކޮވިޑް19 އަށް ކުއްޖަކު ޕޮޒިޓިވްވެއްޖެ ނަމަ، އެހެން ކުދިންނާ އެކުގައި އެއް ހޯލެއްގައި އެ ދަރިވަރަކު ނުބޭންދޭނެކަން އިހުސާން ފާހަގަކުރެއްވިއެވެ.

"އެހެންވީމަ ކޮވިޑަށް ޕޮޒިޓިވް ވިޔަސް، އިމްތިހާނުގައި އިށީނދެވޭނެ ހާލަތެއްގައި އެކުއްޖާ ހުރި ކަމުގައި ވާނަމަ އަދި އެކުއްޖަކަށް އިމްތިހާން ފޯރުކޮށްދިނުމަށްޓަކައި އެކިއެކި ވަސީލަތްތައް އެބަ ގާއިމުކުރަން،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މާލެ ސަރަހައްދުގައި އޭލެވެލް އިމްތިހާން ހަދަނީ ހަތަރު ސެންޓަރެއްގައި ކަމަށާއި، އެއިން އެއްވެސް ސެންޓަރަކުން ކުއްޖަކު ޕޮޒިޓިވް ވީނަމަވެސް، އެކުއްޖާ އިމްތިހާން ހެދޭ ކަހަލަ ހާލަތެއްގައި ހުރިނަމަ، އެކުއްޖަކަށް އިމްތިހާން ފޯރުކޮށްދިނުމަށްޓަކައި ވަކި އިމްތިހާން ހޯލެއް ގާއިމުކުރަމުން އަންނަ ކަމަށެވެ.

"މާލެ ސަރަހައްދުގެ ހުރިހާ ސެންޓަރުތަކަކުން ޕޮޒިޓިވްވާ ކުދިންނަށް މި ދެންނެވި ހޯލުގައި އިމްތިހާން ފޯރުކޮށްދިނުމުގެ ވަސީލަތްތައް އެބަ ގާއިމުކުރަން. އެކަން ކުރުމަށްޓަކައި އެކުލަވާލަން ޖެހޭ ގައިޑްލައިންތަކާ އެސްއޯޕީތައް މިހާރު ވާނީ އެކުލަވާލާފައި،" އިހުސާން ވިދާޅުވިއެވެ.

ހަމައެއާއެކު ޕޮޒިޓިވް ކޭސްއަކާ ކޮންޓެކްޓުވެގެން ކަރަންޓީނުގައި ތިބި ދަރިވަރުންނަށް ވެސް ވަކި ހާއްސަ ހޯލެއް ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭ ސަރަހައްދުގެ ހުރިހާ ސެންޓަރުތަކަކުން ވެސް މިގޮތަށް ޕޮޒިޓިވްވާ ދަރިވަރުންނާ އަދި ކޮންޓެކްޓުވެގެން ކަރަންޓީނުވާ ދަރިވަރުންނަށް އިމްތިހާން ފޯރުކޮށްދިނުމަށް ވަކި ދެ ހޯލެއް އަޅުގަނޑުމެން މާލޭ ސަރަހައްދުގައި އެބަ ގާއިމުކުރަން،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ މާލޭ ސަރަހައްދުގައި އެއް ސެންޓަރަކުން އެންމެ ގިނަ ދަރިވަރުން އިމްތިހާނުގައި އިށީންނާނީ ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ކަމަށެވެ. އެ ސެންޓަރުން 470 އެއްހާ ދަރިވަމުން އިމްތިހާނު ހަދާނެ ކަމަށާއި އެހެންކަމުން، ގައިދުރުކަން ބެހެއްޓުމަށްޓަކައި އިސްކަންދަރު ސްކޫލާއި އަމީނިއްޔާ ސްކޫލު އަދި އަރަބިއްޔާ ސްކޫލުގެ ހޯލުވެސް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.

"ބޭނުމަކީ ވީހާވެސް ބޮޑަށް ގައިދުރުކަން ކަށަވަރު ކުރުމަށްޓަކައި އަދި ހާއްސަކޮށް އިމްތިހާނަށް ވަދެ ނުކުމެ އުޅުމުގައި ކޮންޖެސްޓުވުމުގެ ބައި ވީހާވެސް ކުޑަ ކޮށްލުމަށް،" އިހުސާން ވިދާޅުވިއެވެ.

މާލޭގެ އެހެން ސެންޓަރުތަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި، އަދި އަތޮޅު ތެރޭގެ ސެންޓަރުތަކުގައި ކުދިންގެ އަދަދު މަދު ކަމަށާއި، އަދި ގައިދުރުކަން ބަހައްޓައިގެން އިމްތިހާން ކުރިއަށް ގެންދާނެކަން ކަށަވަރު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ހަތަރު ސެންޓަރެއްގައި އޭލެވެލް އިމްތިހާން ހަދާއިރު، އަތޮޅު ތެރޭގެ 33 ސެންޓަރެއްގައި އިމްތިހާން ހަދާނެއެވެ. އިހުސާން ވިދާޅުވީ އެ 33 ސެންޓަރު ހުރި ރަށްތަކުގައި ވެސް، ޕޮޒިޓިވްވާ ކުދިންނާއި ކޮންޓެކްވެގެން ކަރަންޓީނުގައި ތިބި ދަރިވަރުންނަށް ވަކިން ތިބެގެން އިމްތިހާން ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް މިހާރު ހޯލުތައް ކަނޑައަޅާފައިވާ ކަމަށެވެ.

ހަމައެއާއެކު ކޮންމެ ކުއްޖަކު ވެސް އިމްތިހާން ހޯލަށް ވަނުމުގެ ކުރިން ހުން ބަލާނެ ކަމަށާއި، ހޯލަށް ވަދެ ނުކުމެ އުޅުމުގައި އަދި އިމްތިހާނުގައި ތިބޭ އިރުވެސް ގައިދުރުކަން ބެހެއްޓޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ސްކޫލުތައް ދިގު މުއްދަތަކަށް ބަންދު ކުރަންޖެހުމުގެ ސަބަބުން މިއަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އެޑެކްސެލް އޭއެސް ލެވެލް އިމްތިހާނު މިއަހަރުގެ އޮކްޓޯބަރު، ނޮވެމްބަރަށް ވަނީ ފަސްކޮށްފައެވެ.

އަދި ގިނަ އަދަދެއްގެ ދަރިވަރުން އާއިލާތަކާ އެކު ރަށްރަށަށް ބަދަލުވެފައި ވާތީ، އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަށުގައި ތިބި ދަރިވަރުން، ި މަހުގެ 27 ވަނަ ދުވަހުގެ ކުރިން އިމްތިހާނު ހެދުމަށްޓަކައި، އެ ކެންޑިޑޭޓަކު އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަށް ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހުއެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.

މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަމުން ދިޔައެވެ. އޭރު ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން މާސްކު އެޅުމާއި އަތް ދޮވުމާއި އަދި ގަވައިދުން ކްލާސްތައް ދިޔައީ ޑިސްއިންފެކްޓްވެސް ކުރަމުންނެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް އޮންލައިންކޮށް ކްލާސްތައް މިފަހުން ވަނީ ކުރިއަށް ގެންދަން ފަށައިފައެވެ. ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތަކަށް ކިޔަވަން ދާ ދަރިވަރުންގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްވިއެވެ.

comment ކޮމެންޓް