ޝާހިދަށް ހުއްދަދިނީ ދައުލަތުގެ ޒިންމާއެއް އަދާކުރަން ޖެހޭތީ: ޑރ. ނަޒްލާ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަރަންޓީނުގައި ހުރުމަށްފަހު، ސްޓޭޓް ބެންކް އޮފް އިންޑިއާގައި ބޭއްވި އިވެންޓަށް ދިޔުމަށް ހުއްދަ ދިނީ ދައުލަތުގެ ޒިންމާއެއް އަދާކުރަންޖެހެތީ ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެއެވެ.

ނަޒްލާ މިގޮތަށް ވިދާޅުވީ، އެޗްޕީއޭ އިން ގައިޑްލައިންތަކަށް އަމަލު ކުރުމުގައި ރައްޔިތުންނާއި ސަރުކާރުގެ އިސްވެރިންނާ ދެމެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެގޮތުން އެ ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދުބާއީއަށް ވަޑައިގެންނެވުމަށްފަހު ހޮނިހިރު ދުވަހު ރައްޖެ އައިސް އިއްޔެ ސަރުކާރުން ބޭއްވި އިވެންޓެއްގައި ބައިވެރިވެފައިވާ ކަމަށެވެ.

"[ޝާހިދު ރާއްޖެ އައިސް] ވިދިގެން އައި ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ޓްރެޒަރީ ބޮންޑް ވިއްކައިގެން ބޮޑު ލޯނެއް ނެގުމާ ގުޅުންހުރި ރަސްމިއްޔާތުގައި، ގިނަ ބަޔަކު އެއްކޮށްގެން މިނިސްޓަރު ޝާހިދު ހަރަކާތްތެރިވެވަޑައިގަތުމުން އެކަމާ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ،" ޕީޕީއެމް، ޕީއެންސީން ނެރުނު ބަޔާނުގައި ވެއެވެ.

މިރޭ ދަރުބާގޭގައި، އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން"ސަން"އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ، ވަކި ހާއްސަ ހާލަތްތަކުގައި އާންމު ފަރާތްތަކަށްވެސް ބައެއް ކަންކަމުގައި ކަރަންޓީންގައި ހުންނަ އިރުވެސް ވަކި އުސޫލުތަކެއްގެ މަތިން ވަކި ކަންކަމަށް ވަޑައިގަތުމަށް ހުއްދަ ދެމުންދާ ކަމަށެވެ.

"މިގޮތުން ދައުލަތުގެ ފަރާތުން ކޮންމެހެން އަދާކުރަން ޖެހޭ ޒިންމާއެއް އަދާކުރުމަށް ދެވުނު ވަކި ހާއްސަ ހުއްދައެއް [މިނިސްޓަރު ޝާހިދަށް ދެވުނީ] އެއީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާއެކު ކުރިއަށް ގެންދިޔުމަށް. މިގޮތަށް ކުރިންވެސް އަންމު ފަރާތްތަކަށްވެސް ހުއްދަ ދޫކޮށްފައި ވާނެ،" ނަޒްލާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ބަޔާނާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު "ސަން"އަށް ވިދާޅުވީ، މިނިސްޓަރު ޝާހިދު އެ އިވެންޓުގައި ބައިވެވައިވެޑައިގަތި އެޗްޕީއޭ އިން ނަގަން ޖެހޭ ހާއްސަ ހުއްދަ ނަންގަވައިގެން ކަމަށެވެ.

"މި ހަފްތާފައިވެސް އަދި އަންނަ ހަފްތާގައިވެސް މުހިންމު ބައެއް އިވެންޓްތަކުގައި މިނިސްޓަރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއް ގޮތަށް ބައިވެރިވާނެ،" މިއުވާން ވިދާޅުވިއެވެ.

comment ކޮމެންޓް