ކުދި ގައުމުތަކަށް ބަލާއިރު ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ މާ ހަރަކާތްތެރި: ރައީސް

ރައީސް ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ކުޑަ ގައުމަކަށްވެފައި، އެހެން ޖަޒީރާ ކުދި ގައުމުތަކާ އަޅާ ބަލާއިރު، ރާއްޖެ ބައިނަލްއަގުވާމީ މައިދާނުގައި މާ ހަރަކާތްތެރި ކަމަަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިގޮތަށް ވިދާޅުވީ، ރާއްޖެއިން އދ. ގެ މެންބަރަކަށްވިތާ 55 އަހަރު ފުރޭ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހާއްސަ މެސެޖުގައެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުވި މެސެޖްގައި އެ ޖަމާއަތުގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ހޭދަކުރި 55 އަހަރު ދުވަސް ސިފަކޮށްފައިވަނީ ކާމިޔާބީއިން ފުރިފައިވާ، ފަހުރުވެރި އަހަރުތަކެއްގެ ގޮތުގައެވެ.

ރައީސް ވިދާޅުވީ، އދ.ގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖެއިން އިގްތިސާދީ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ފަތުރުވެރިކަމުގެ ސިނާއަތެއް ގާއިމުކޮށް ކުރިއަރުވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަކީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކާއި އެއް ސަފެއްގައި ފައިތިލަ ސާބިތުކުރަމުންދާ ގައުމެއްކަން ރައީސްގެ މެސެޖްގައި ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއަކީ ކުދި އަދި ޖަޒީރާ ގައުމުތަކަށް ބަލާއިރު ބައިނަލްއަގްވާމީ މައިދާނުގައި އެންމެ ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުންދާ އެއް ޤައުމު ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކޯވިޑް-19 ގެ ބަލިމަޑުކަން ފަދަ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގައި އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރާ ގައުމެއްކަމުގައި ރާއީސް ފާހަގަ ކުރެއްވިއެވެ.

ރާއްޖެއިން އދ. ގެ މެމްބަރަކަށްވިތާ 55 އަހަރު ފުރޭ މި މުސާބަތަކީ އެ ޖަމްއިއްޔާއަށް 75 އަހަރު ފުރޭ މުނާސަވަތްވެސް މެއެވެ. އެކަންވެސް ރައީސްގެ މެސެޖްގައި ފާހަގަ ކުރެއްވިއެވެ. އެ ޖަމްއިއްޔާގެ ޗާޓަރަށް ރާއްޖެއިން އިހުތިރާމުކޮށް، އެ ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އޮތް ހައްލަކީ ބައިނަލްއަޤްވާމީ މައިދާނުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުން ކަމުގައި ވެސް އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އ.ދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ހޭދަކޮށްފައިވާ ދިގު ތާރީޚަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑުގައި އޮތް ކުޑަ އާބާދީއެއްގެ ގައުމަކަށް، އެ ޖަމްއިއްޔާގެ މެންބަރެއްގެ ގޮތުގައި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރިކުރެވޭނެ ކަމާމެދު ބައިނަލްއަގުވާމީ މުޖުތަމަޢުގައި އޭރު ސުވާލު އުފެއްްދި ކަމަށެވެ. އެހެން ނަމަވެސް، އެ ޖަމްއިއްޔާގެ މެންބަރު ގައުމެއްގެ މަގާމު ރާއްޖެއަށް ލިބިގެންދިއުމަކީ ރާއްޖެއިން އަބަދުމެ ޝުކުރުވެރިވާނެ ނިންމުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖެ އދ. ގެ މެމްބަރަކަށްވީ 1965 ވަނަ އަހަރު ސެޕްޓޭމްބަރު 21 ގައެވެ. އދ. އުފެދުނީ 1945 ވަނަ އަހަރުގެ އޮކްޓޯބަރު 24 ގައެވެ.

comment ކޮމެންޓް