ހަ މަހަށް ފަހު ތާޖު މަހަލް އަލުން ހުޅުވައިފި، ކިޔޫއެއް ނެތް

ކޮރޯނާވައިރަހާ ހެދި ތާޖު މަހަލް ބަންދު ކުރިތާ ހަ މަސް ފަހުން މިއަދު ވަނީ ހުޅުވާލާފަ -- ފޮޓޯ: ގެޓީ

ދިއްލީ (ސެޕްޓެމްބަރު 21): އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުމުގެ ސަބަބުން މިދިޔަ މާޗު މަހު ބަންދު ކުރި ތާޖު މަހަލް މިއަދު ހުޅުވާލައިފި އެވެ.

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިއަދު ތާޖު މަހަލް ހުޅުވާލި އިރު، އާއްމު ގޮތެއްގައި ކިޔޫ ހަދާފައި އޮންނަ އެ ސަރަހައްދުގައި ތިބީ މަދު ބަޔެކެވެ. އެ ބިނާ ހުޅުވާލީ މުޅި ކެމްޕަސް ސެނިޓައިޒް ކުރުމަށް ފަހު ކަމަށާއި ހުރިހާ އޮފިޝަލުން ތިބޭނީ މާސްކާއި ފޭސް ޝީލްޑު އަޅައިގެން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މީގެ ކުރިން ދުވާލަކު 20،000 މީހުން ޒިޔާރަތް ކުރާ ތާޖު މަހަލް އަލުން ހުޅުވާލާފައި ވަނީ އެ ބިނާއަށް ކޮންމެ ދުވަހަކު ޒިޔާރަތް ކުރެވޭ މީހުންގެ އަދަދު 5،000 އަށް ކޮންޓްރޯލުކުރުމަށްފަހު އެވެ. އަދި އެ މީހުންނަށް ދޭނީ އީ-ޓިކެޓު ކަމަށާއި އެތަނުގައި ގިނަ އަދަދެއްގެ މީހުން އެއްވެ އުޅުން ހުއްޓުވުމަށް ފިޔަވަޅު އަޅާނެ ކަމަށް އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ބުނެފައިވެ އެވެ.

ތާޖު މަހަލްއަށް އާއްމު ގޮތެއްގައި 20،000 މީހުން ޒިޔާރަތް ކުރާ ނަމަވެސް، މިއަދު އެ ބިނާ އަލުން ހުޅުވާލި އިރު ޒިޔާރަތް ކުރީ މަދު ބަޔެއް -- ފޮޓޯ: ޔޯގޭޝް ކުމާރު ސިންހު

މީގެ އިތުރުން ތާޖު މަހަލްއަށް ޒިޔާރަތް ކުރާ މީހުންގެ ހުން ހުރިތޯ ބަލާ، ގަވާއިދުން އެ ބިނާ ސެނިޓައިޒް ކުރަން ވަނީ ހަމަޖެހިފަ އެވެ.

ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ހިމެނޭ ތާޖު މަހަލް އަލުން ހުޅުވާފައި ވަނީ ކޮރޯނާވައިރަހުގެ ކޭސްތައް ދެވަނައަށް އެންމެ ގިނަ ގައުމަކަށް އިންޑިއާ ވެފައި ވަނިކޮށެވެ. އެގޮތުން އެގައުމުގައި މިހާތަނަށް ފަސް މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 87,882 މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުން ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސްޓޭޓުތަކުގެ ތެރޭގައި އުއްތަރު ޕްރަދޭޝް ހިމެނެ އެވެ. އެ ސްޓޭޓުން މިހާތަނަށް ވައިރަހުގެ 349،000އަށް ވުރެ ގިނަ ކޭސް ވަނީ ފެނިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް