އީޕީއެލް: މާނޭގެ ގޯލުތަކުން ލިވަޕޫލް މޮޅުވި އިރު ޗެލްސީގެ ކީޕަރަށް ފާޑުކިޔުން

ލިވަޕޫލާއި ޗެލްސީ ކުޅުނު މެޗުގެ ތެރެއިން ލިވަޕޫލުން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސާޑިއޯ މާނޭ ޖެހި ދެ ގޯލުން ޗެލްސީ އަތުން އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލް މޮޅުވެއްޖެ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު އެ މެޗުން އަވޭ ޓީމު ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިވަޕޫލް މޮޅުވުމުގެ ސިލްސިލާއަށް އިތުރު ބޮޅެއް އިތުރު ކުރި އިރު، މިހާތަނަށް ފަސް ޓީމެއް ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އާސެނަލް، ލެސްޓާ ސިޓީ، އެވަޓަން އަދި ކްރިސްޓަލް ޕެލަހެވެ.

އެންމެ ފަހުގެ ޓްރާންސްފާ މާކެޓުގައި އެންމެ ގިނަ ކުޅުންތެރިންގެ ސޮއި ހޯދި ޗެލްސީން ރޭގެ މެޗުގައި އެ ޓީމުން އަލަށް ސޮއި ހޯދި ހަކީމް ޒިޔެޗް، ތިއާގޯ ސިލްވާ އަދި ބެން ޗިލްވެލް އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އަދި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ވެސް ރޭގެ މެޗަށް ފިޓެއް ނޫނެވެ. މި ފަހަރުގެ ޗެލްސީން ގެނައި ޖަރުމަނުގެ ޓީމޯ ވާނާ އާއި ކައި ހާވާޓްޒް ރޭގެ މެޗުގައި ވެސް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅުނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޗެލްސީން ވަނީ މެޗުގެ ކުރީކޮޅު ނުރައްކާކުރަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމެންދަނިކޮށް ޑިފެންޑަރު އަންދްރެއަސް ކްރިސްޓެންސެނަށް ރެފުރީ ސީދާ ރަތް ކާޑެއް ދެއްކި ހިސާބުން މެޗުގެ އޮއެވަރު ވަނީ މުޅިން ބަދަލުވެފަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން މާނޭއަށް ކުރި ފައުލަކަށް ރެފުރީ ކްރިސްޓެންސެނަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް، ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ވަނީ އެ ނިންމުން ބަދަލުކޮށް ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ޗެލްސީން މެޗުގެ ބާކީ ބައި އެއްކުޅުންތެރިއަކު މަދުކޮށް ކުޅުނު އިރު، ދެވަނަ ހާﷲު ލިވަޕޫލުން ފެށީ މީގެ ތިން ދުވަސް ކުރިން އެ ޓީމުން ސޮއި ހޯދި ތިއާގޯ އަލަކަންޓްރާއާ އެކުގަ އެވެ. ތިއާގޯގެ ތަފާތު ކުޅުމާ އެކު އިސާހިތަކު ލިވަޕޫލުން މުޅި މެޗު ޑޮމިނޭޓް ކުރި އިރު، އެ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ރޮބާޓޯ ފިރްމީނޯ ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މާނޭއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ހެދި ގޯހެއްގެ ފައިދާ ނަގާ މާނޭ ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގައި ޗެލްސީ އަށް ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޖޯޖީނިއޯ އަށެވެ. ވާނާ އަށް ތިއާގޯ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން ޖޯޖީނިއޯ ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. މިއީ ޗެލްސީ އަށް ބަދަލުވި ފަހުން މެޗެއްގެ ތެރެއިން ލިބުނު ޕެނަލްޓީއެއް ޖޯޖީނިއޯ އަށް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ސައުތެމްޓަން އަތުން 5-2 ން މޮޅުވެފައެވެ. ހެރީ ކޭންގެ ހަތަރު އެސިސްޓާއި ގޯލެއް ފެނިގެން ދިޔަ އެ މެޗުގައި ބާކީ ހަތަރު ގޯލު ޖެހީ ސައުތު ކޮރެއާގެ ފޯވާޑް ސޮން ހެންގެ މިން އެވެ. އެއީ ސޮން ޕްރިމިއާ ލީގުގައި ހެދު ފުރަތަމަ ހެޓްރިކްވެސްމެ އެވެ.

comment ކޮމެންޓް