"ޝިޓްސް ކްރީކް" އާއި "ވޮޗްމެން" އަށް ތާރީހީ ކާމިޔާބެއް

72 ވަނަ ޕްރައިމްޓައިމް އެމީ ހަފްލާގެ ތެރެއިން --- ފޮޓޯ : އެމްއެސްއެންބީސީ

އެމެރިކާގެ ޓީވީ ޕްރޮޑަކްޝަންތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ޕްރައިމްޓައިމް އެމީ އެވޯޑްސްގައި މަޝްހޫރު ކޮމެޑީ ޝޯ "ޝިޓްސް ކްރީކް"އާއި ކޮމިކް ސީރީޒް "ވޮޗްމެން" އަށް ތާރީހީ ބޮޑެތި ކާމިޔާބީތަކެއް ލިބިއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޮޑު ބައެއް ވާޗުއަލްކޮށް ބާއްވައި 72 ވަނަ ޕްރައިމްޓައިމް އެމީ ނިމިގެން ދިޔައީ އެތައް ސަޕްރައިޒްތަކަކާއެކުގައެވެ.

ދާދި ފަހުން ނިމިގެންދިޔަ ޕްރައިމްޓައިމް އެމީގައި އެންމެ ގިނަ އެވޯޑްތައް ލިބިގެން ގޮސްފައިވަނީ "ޝިޓްސް ކްރީކް" އަށެވެ. ސިޓްކޮމް ޝޯއަށް ވަނީ ޖުމްލަ ހަތް އެވޯޑެއް ލިބިފައެވެ. އެއާއެކު އެނގިގެން ދިޔައީ ކޮވިޑް-19 އާ ގުޅިގެން ކޮމެޑީ އުފެއްދުމަށް އޮތް މަގުބޫލުކަން އިތުރުވެފައިވާ ކަމެވެ. އަދި އެފަދަ ޝޯތަކުގެ މުހިއްމުކަންވެސް ވަނީ އެނގިގެން ގޮސްފައެވެ.

އެ ޝޯގެ ލީޑް ކާސްޓުންނަށް ވަނީ ކޮމެޑީ ޝޯތަކުންގެ އެންމެ މޮޅު އެކްޓަރުންގެ އެވޯޑުވެސް ލިބިފައެވެ. އޭގެއިތުރުން ކޮމެޑީއިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުންނާއި ކޮމެޑީ ޝޯއެއްގެ އެންމެ މޮޅު ޑައިރެކްޝަންގެ އިތުރުން އެންމެ މޮޅު ކޮމެޑީ ސީރީޒްގެ އެވޯޑްވެސް ވަނީ ޝިޓްސް ކްރީކްއަށް ލިބިގެން ގޮސްފައެވެ.

އެޗްބީއޯގެ ވޮޗްމެން ސީރީޒް އިން މަންޒަރެއް --

ވޮޗްމެންގެ ކާމިޔާބީއަކީ ކޮމިކް ދުނިޔެއަށް ބޮޑު ކުރިއެރުމެއް!

ކޮމިކް ވާހަކައަށް ބިނާކޮށް އެޗްބީއޯއިން ނެރުނު "ވޮޗްމެން" އަކީ އެ ސްޓޫޑިއޯއިން އުފެއްދި ލިމިޓެޑް ސީރީޒް އެކެވެ. އެ ސީރީޒް އަށް އެކަނިވެސް ވަނީ 11 އެމީ ލިބިފައެވެ. އެއީ ތާރީހީ ބޮޑު ކާމިޔާބީއެކެވެ.

އެގޮތުން ކޮމިކް ވާހަކައަށް އުފައްދާ ސީރީޒްތަކަށް މީގެކުރީން އެހާބޮޑު ކާމިޔާބީއެއް ލިބިފައި ނުވާތީއެވެ. ވޮޗްމެންގެ ކާމިޔާބީއާ ގުޅިގެން ވަނީ ތާރީހީ ބޮޑު މޮޅެއް ވޮޗްމެން ހޯދާފައެވެ.

އެ ޝޯއަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ލިމިޓެޑް ސީރީޒް ހިމެނެއެވެ. ލިމިޓެޑް ސީރީޒްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވަނީ އެ ޝޯގެ އެކްޓްރެސް ރެޖީނާ ކިންގް އަށް ލިބިފައެވެ. އަދި ލިމިޓެޑް ސީރީޒްގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑުވެސް އެ ޝޯއަށް ލިބިފައިވެއެވެ.

އެމީ އެވޯޑްސްގައި ޒެންޑާޔާ ވާޗުއަލްކޮށް ބައިވެރިވަނީ ---

ޒެންޑާޔާގެ އެވޯޑު، މިއީވެސް ތާރީހީ ކާމިޔާބީއެއް!

އުމުރުން 24 އަހަރުގެ އެކްޓަރު ޒެންޑާޔާއަށް ވަނީ މިފަހަރުގެ އެމީގައި ބޮޑު އެވޯޑެއް ލިބިފައެވެ. އެޗްބީއޯގެ ޑްރާމާ ސީރީޒް "ޔޫފޯރިއާ"ގައި ޒެންޑާޔާ ދައްކާފައިވާ އެކްޓިން އަށް އޭނާއަށް ވަނީ ލީޑް އެކްޓްރެސްގެ އެވޯޑު ލިބިފައެވެ. އެއީ މިހާތަނަށް އެ އެވޯޑް ލިބިފައިވާ އެންމެ ޒުވާން އަންހެން އެކްޓަރެވެ.

އޭގެއިތުރުން ޒެންޑާޔާއަކީ އެ އެވޯޑް ލިބިފައިވާ ދެވަނަ ކަޅު ނަސްލުގެ އެކްޓަރުވެސް މެއެވެ. މީގެކުރީން އެ އެވޯޑް ލިބިފައިވަނީ ވަޔޯލާ ޑޭވިސް އަށެވެ.

ޒެންޑާޔާއާއި ވޮޗްމެންގެ އިތުރުން އެހެން އެވޯޑްތަކާއެކު މިފަހަރުގެ އެވޯޑް ހަފްލާގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ އެޗްބީއޯއަށެވެ. އެގޮތުން އެޗްބީއޯ "ސަކްސެޝަން"އަށް ވަނީ އެންމެ މޮޅު ޑްރާމާގެ އެވޯޑްވެސް ލިބިގެން ގޮސްފައެވެ.

އެމީ ކްރިއޭޓިވް އާޓްސްއާއި ޕްރައިމްޓައިމްއާއެކު އެޗްބީއޯއަށް ވަނީ ޖުމްލަ 30 އެވޯޑް ލިބިގެން ގޮސްފައެވެ. އެއީ އެވޯޑު ހަފްލާގައި އެއް ނެޓްވޯކް އަކަށް އެންމެ ގިނަ އެވޯޑު ލިބިފައިވާ ނެޓްވޯކް އެވެ.

comment ކޮމެންޓް