ކޮވިޑް ޖެހިގެން އިތުރު ދިވެއްސަކު މަރުވެއްޖެ

ކޮވިޑް ޖެހިފައިވާ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ --

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ އިތުރު ދިވެއްސަކު ރޭގެ ދަންވަރު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރޭގެ 01:25 ހާއިރު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 34 އަށް އަރައިފައެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު 10،000 އާ ގާތްކުރާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،424 މީހުން އެބަތިއްބެވެ.

އެމީހުންގެ ތެރޭގައ ހޮސްޕިޓަލުތަކުން ފަރުވާ ހޯދަމުންދާ 107 މީހުން އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި 686 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު 24 ރަށެއްގައި ކޮވިޑުގެ 50 ކޭސް އެބައޮތެވެ. މީގެ އިތުރުން 26 ރިސޯޓެއްގައި ބައްޔަށް ޕޮޒިޓިވް 15 ފަތުރުވެރިއަކާއި 39 ސްޓާފަކު އެބަތިއްބެވެ.

comment ކޮމެންޓް