ޖޭމްސް ބޮންޑްގެ ރޯލަށް ޓޮމް ހާޑީ؟

ހޮލީވުޑް އެކްޓަރު ޓޮމް ހާޑީ--

މަޝްހޫރު ސީކްރެޓް އޭޖެންޓް ކަމަށްވާ "ޖޭމްސް ބޮންޑް" ނުވަތަ "007"ގެ ރޯލަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހާޑީ ހަމަޖައްސައިފި ކަމަށް އަޑުތަކެއް ފެތުރެން ފަށައިފި އެވެ.

ޖޭމްސް ބޮންޑްގެ ރޯލުން އެތައް އަހަރެއް ވަންދެން ފެނިގެން ގޮސްފައިވާ ޑޭނިއެލް ކްރެއިގް ވަނީ ޖޭމްސް ބޮންޑް ފްރެންޗައިޒް އަށް އަލްވަދާއު ކިޔުމަށް ނިންމާފަ އެވެ. އެގޮތުން އެންމެ ފަހުން ނެރުމަށް ހަމަޖެހިފައިވާ ފިލްމު ކަމަށްވާ "ނޯ ޓައިމް ޓު ޑައި" އަކީ ކްރެއިގް ޖޭމްސް ބޮންޑްގެ ރޯލުން ފެނިގެންދާނެ އެންމެ ފަހު ފަހަރު ކަމަށް ވަނީ ހާމަކަށްފަ އެވެ.

ބޭރުގެ ނޫސްތަކުން ވެސް އަދި އެއްވެސް ޕްރޮޑަކްޝަން ކުންފުންޏަކުންވެސް ޓޮމް ހާޑީ އެ ރޯލަށް ހަމަޖައްސާފައިވާ ކަމެއް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އެހެންނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި މި އަހަރުގެ ޖޫން މަހުގައި ޓޮމް ވަނީ ބޮންޑްގެ ރޯލަށް އޮޑިޝަން ކޮށްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި އަހަރުގެ ނޮވެމްބަރު މަހުގައި ނެރުމަށް ހަމަޖެހިފައިވާ ނޯ ޓައިމް ޓު ޑައިގެ ރިލީޒް އާއެކު 007ގެ ރޯލު ލިބޭ ފަރާތެއް ކަށަވަރު ވެގެންދާނެ އެވެ. އެހެންނަމަވެސް ކޮވިޑް-19 އާ ގުޅިގެން ފިލްމު ރިލީޒްކުރުން ލަސްވުން އެކަށީގެންވެ އެވެ.

ޓޮމް ހާޑީއަކީ އެންމެ ފުރަތަމަ ވެސް އެ ރޯލަށް އާ އެކްޓަރެއް ހަމަޖެއްސުމަށް ޝޯޓްލިސްޓުކުރި އެކްޓަރުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން އޭނާގެ އިތުރުން ޓޮމް ހިޑްލްސަން އާއި އިޑްރިސް އެލްބާ އަދި ރިޗާޑް މެޑެންވެސް އެ ރޯލަށް ހަމަޖެއްސުމުގައި ބަލާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޖޭމްސް ބޮންޑްގެ ރޯލުން 1995 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް ފެނިގެން ދިޔަ ޕިއާސް ބްރޮސްނަން ބުނެފައިވަނީ ޖޭމްސް ބޮންޑްގެ ރޯލު ޓޮމް ހާޑީއަށް ވަރަށް ގުޅޭނެ ކަމަށެވެ.

comment ކޮމެންޓް