އިންޑިއާއިން ފާސްކުރި ދަނޑުވެރިކަމާ ބެހޭ ދެ ބިލަކަށް ނުރުހުން

ޕަންޖާބާއި ހަރިޔާނާގައި ދަނޑުވެރިންގެ ޖަމްއިއްޔާތަކުން ވަނީ އެ ދާއިރާ ގުޅުން ހުރި ދެ ބިލަކާ ދެކޮޅަށް މުޒާހަރާކޮށްފަ -- ފޮޓޯ: އޭއެފްޕީ

ދިއްލީ (ސެޕްޓެމްބަރު 21): އިންޑިއާގެ ސަރުކާރުގެ އިދިކޮޅު ފަރާތްތަކާއި ވެރިކަން ކުރާ އެލަޔަންސްގެ މެމްބަރެއްގެ ދެކޮޅު ހެދުންތަކާ އެކު ވެސް އެގައުމުގެ ޕާލިމެންޓުން ދަނޑުވެރިކަމާ ގުޅުން ހުރި ދެ ބިލެއް އިއްޔެ ފާސްކޮށްފި އެވެ.

އިންޑިއާގެ ޕާލިމެންޓުގެ މަތީގެއިން އިއްޔެ ފާސްކުރި އެއް ބިލަކީ 'ފާމާސް ޕްރޮޑިއުސް ޓްރޭޑް އެންޑް ކޮމާސް ބިލް' އެވެ. އެ ބިލުގެ ސަބަބުން ދަނޑުވެރިންނަށް ގައުމުގެ ކޮންމެ ސަރަހައްދެގައި ވެސް އެމީހުންގެ އުފެއްދުންތައް ވިއްކޭނެ އެވެ. އަދި ދެ ވަނަ ބިލަކީ 'ފާމާސް އެގްރީމެންޓް އޮފް ޕްރައިސް އެޝުއަރެންސް އެންޑް ފާމް ސާވިސެސް ބިލް' އެވެ. އެއީ ދަނޑުވެރިންނަށް އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އެކްސްޕޯޓް، ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކާއެކު ކޮންޓްރެކްޓުތައް ހެދުމަށް މަގުފަހި ކުރާ ބިލެކެވެ.

އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި އެ ދެވަނަ ބިލުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ކުންފުނިތަކާ އެކު އެއްބަސްވުންތައް ހަދާ އިރު މެދުވެރިން ބޭނުން ކުރަން ނުޖެހި، ފުރިހަމަ ފައިދާ ލިބޭ ގޮތް ވާނެ އެވެ. އަދި ދަނޑުވެރިންނަށް ޒަމާނީ ޓެކްނޮލޮޖީ ހޯދުން ފަސޭހަ ވާނެ އެވެ.

ނަމަވެސް އިންޑިއާގެ ވެރިކަން ކުރާ އެލަޔަންސްގެ ޕާޓީއަކަށް ނިސްބަތްވާ ކުރީގެ މިނިސްޓާ އޮފް ފުޑް ޕްރޮސެސިން އިންޑަސްޓްރީސް، ހަރުސިމްރަތު ކޯރު ބަދަލް ވިދާޅުވި ގޮތުގައި އެއީ 'ދަނޑުވެރިންނާ ދެކޮޅު' ބިލެކެވެ. އަދި އެ ބިލު ގާނޫނަކަށް ހެދުމުން، ދަނޑުވެރިންނަށް ހަމަހަމަކޮށް ގަވާއިދުން އަގު ދައްކާ ސްޓޭޓް ހޯލްސޭލް މާކެޓުތައް ގެއްލި، ދަނޑުވެރިންނަށާއި ސްޓޭޓުތަކުގެ މުޅި އިގުތިސާދަށް ވެސް ގެއްލުން ލިބޭނެ އެވެ.

އެ ބިލާ ބެހޭ ގޮތުން ނުރުހުން ފާޅު ކުރައްވާ، ބަދަލް މިިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

މީގެ އިތުރުން އެ ބިލުތަކާ ދެކޮޅު ހެދުމުގެ ގޮތުން އިއްޔެ އިދިކޮޅު ފަރާތްތަކުން ވަނީ ޕާލިމެންޓުގައި ލިޔެކިޔުންތައް ވީދާ، މަޖިލީހުގެ ރައީސްގެ މައިކް އަތުލަން މަސައްކަތްކޮށްފަ އެވެ. އެ ވޯޓު ނެގީ ޕާލިމެންޓުގައި ބިލު ފާސް ކުރުމަށް ބޭނުންފުޅުވާ ބޭފުޅުން އާނއެކޭ ބުނުމަށް ފުރުސަތު ދިނުމަށް ފަހު ދެން ނޫނެކޭ ބުނުމަށް ފުރުސަތު ދީގެން، ވޮއިސް ވޯޓެއްގެ ގޮތުގަ އެވެ.

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރެއް ކަމަށްވާ ރާހުލް ގާންދީ ވިދާޅުވި ގޮތުގައި އެ ބިލަކީ ބޮޑެތި ކުންފުނިތަކަށް ފައިދާވާ ގޮތަށް ފާސްކޮށްފައިވާ ބިލެކެވެ. އަދި އޭނާ ވަނީ ވޮއިސް ވޯޓަކުން ބިލު ފާސް ކުރުމަށްވެސް ފާޑު ވިދާޅުވެފަ އެވެ.

އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި އެ ބިލުތަކުގެ ސަބަބުން، ދަނޑުވެރިން ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާ ކުރާ އިރު ދަނޑުވެރިންގެ މައްޗަށް އެ ކުންފުނިތަކުގެ ބާރު އޮންނަ މިންވަރު މާ ބޮޑުވާނެ އެވެ. އަދި ފާއިތުވި ދުވަސްތަކުގައި ޕަންޖާބާއި ހަރިޔާނާގެ ގިނަ އަދަދެއްގެ ދަނޑުވެރިންގެ ޖަމްއިއްޔާތަކުން ވަނީ އެ ބިލާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ.

އިންޑިއާގެ ނެޝަނަލް ކްރައިމްސް ބިއުރޯއިން ބުނި ގޮތުގައި އެގައުމުގެ ދަނޑުވެރިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވަނީ ދަރަނިވެރިވެފަ އެވެ. އަދި އެފަދަ މައްސަލަތަކާ ހެދި 2018 ވަނަ އަހަރާއި މިދިޔަ އަހަރު 20،638 ދަނޑުވެރިން ވަނީ އަމިއްލައަށް މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް