ޗައިނާއިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ފަސްކުރުމަށްވެސް މަޝްވަރާ ކުރަނީ

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާއިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ފަސްކުރުމުގެ މަޝްވަރާތައްވެސް ކުރިއަށް އެބަ ދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ޗައިނާ އިން ނަގާފައިވާ ލޯނުތަކާމެދު ބަހުސް ކުރެވޭ މިންވަރު އިތުރުވެފައިވާއިރު ޗައިނާ ސަފީރު ޓްވިޓާގައި އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޗައިނާ އިން ރާއްޖެއަށް ދޫކޮށްފައިވާ ކޮމާޝަލް ލޯނުތަކުގެ ތެރޭގައި ގިނައީ ސަރުކާރު ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުތައް ކަމަށާއި، އޭގެ އިތުރުން ޕްރައިވެޓް ޕާޓީއަކަށް ދޫކޮށްފައިވާ އެއް ލޯނު ހިމެނޭ ކަމަށެވެ.

"ލޯނުތަކާ މެދު އާންމުންގެ ކަންބޮޑުވުން ހުރި މިންވަރު ވަނީ ފާހަގަ ކުރެވިފައި،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ދަރަނި މެނޭޖުކޮށް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށާއި ނަމަވެސް ކޮވިޑް19ގެ މިހާލަތާއެކު އެއީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

"ޗައިނާއަށް އިހުސާސްވޭ ރާއްޖެއަށް ދިމާވާނެ ދަތިތައް [މި ދަނދިވަޅުގައި ލޯނު އަދާކުރުމަށް]. އެއާއެކު ބައިލެޓްރަލް، އޮފިޝަލް ސޮވެރިން ލޯނުތައް ފަސްކޮށްދިނުމަށް ވަނީ ނިންމާފައި. އެއީ ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް ގެ ދަށުން. އޭގެ އިތުރަށް މިހާރު މަޝްވަރާ ކުރެވެމުން ދަނީ ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ކޮމާޝަލް ލޯނުތަކާ ގުޅޭގޮތުންވެސް،" ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ޗައިނާއިން އެ ގައުމުގެ ފައިނޭންޝަލް އިސްޓިޓިއުޝަންތަކަށް ބާރު އަޅަނީ ޕާޓްނަރުންނާއެކު ރީޕޭމެންޓުގެ ކަންތަކާ މަޝްވަރާ ކުރުމަށް ކަމަށެވެ.

"މިހާރު ކުރިއަށްދާ މަޝްވަރާތަކާއެކު ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށްް އުންމީދު ކުރަން،" ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ލޯނުތަކާ ގުޅޭ ގޮތުން "ސަން"އިން ފިނޭންސް މިނިސްޓްރީގައި ސުވާލުކުރުން އެ މިިނިސްޓްރީއިން ފޮނުވި މައުލޫމާތުތަކުގައި ބުނެފައި ވަނީ، ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް ނޫނީ ލޯނު ދެއްކުމަށް ލުއި ދިނުމުގެ ސިޔާސަތުގައި ދަށުން މިއަހަރުގެ މެއި-ޑިސެމްބަރު ގެ ނިޔަލަށް ރާއްޖޭގެ ބައެއް ލޯނުތަކަށް ޑިފާމަންޓެއް ނުވަތަ ލޯނު ދެއްކުން ޗައިނާއިން މިހާރު ލަސްކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ގެރެންޓީކޮށް ދީފައިވާ ލޯނުތަކުގެ ދަރަނި އަދާކުރުމަށް ވެސް ލުއިތަކެއް ހޯދުމަށް ޗައިނާއާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ފިނޭންސުން ބުންޏެވެ.

ސީދާ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އިތުރަށް ހުޅުމާލެ ތަރައްގީ ކުރާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އެމްއޭސީއެލް ފަދަ ސަރުކާރު ކުންފުނިތަކުން ސަރުކާރުން ގެރެންޓީ ދީގެން ޗައިނާގެ ބޭންކުތަކުން ބޮޑެތި ލޯނުތައް ނަގާފައިވެ އެވެ.

މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ، ޗައިނާ އަށް މިއަހަރު ދައްކަން ޖެހޭނީ 75 މިލިއަން ޑޮލަރު ކަމަށެވެ.

ރާއްޖެއިން މިއަހަރު ތެރޭ، ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދާ ގުޅޭ ގޮތުން "ސަން"އިން ފިނޭންސާ ސުވާލުކުރުމުން ބުނީ އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ.

ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިހާރު އަނބުރާ ދައްކަން ޖެހޭ ލޯނުގެ ޖުމްލަ އަދަދާއި މި ލޯނުތަކުގެ އިންޓްރެސްޓު ރޭޓާ ގުޅޭ މައުލޫމާތުވެސް ހާމަކުރެވެން ނެތްކަމަށް މިނިސްޓްރީއިން ބުންޏެވެ.

ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާ ސަފީރު ވިދާޅުވީ ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރު ކަމަށެެވެ.

ޗައިނާގެ އެހީގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރީ ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވީ ޗައިނާ ލޯނުތަކުގެ އިންޓްރެސްޓަކީ ދެ ޕަސެންޓު ކަމަށާއި މި ލޯނުތަކުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ފަސް އަހަރު އަދި އަނބުރާ ދެއްކުމަށް 20 އަހަރު ލިބިފައިވާ ކަމަށެވެ.

https://sun.mv/143171

comment ކޮމެންޓް